ޚަބަރު

ވަނގާރު ތުރާކުނުގެ ބަޔަކަށް، ގަލަގިލި ފަޅު އުކުޅަހު ބައެއްގޮތަށް ކަނޑައަޅުއްވައިފި


ތިލަދުންމަތީ އުތުރުބުރީ ވަނގާރަކީ އެއަތޮޅު ތުރާކުނުގެ ބައެއްގެ ގޮތުގައި އަދި އަރިއަތޮޅު އުތުރުބުރީ ގަލަގިލި ފަޅަކީ އެއަތޮޅުގެ އުކުޅަހު ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ވަނގާރަކީ ހއ. ތުރާކުނު ބައެއްގެ ގޮތުގައި އަދި ގަލަގިލި ފަޅަކީ އއ. އުކުޅަހު ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ނެރުއްވި ދިވެހިރާއްޖޭގައި މިހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤަރާރު އިސްލާޙުކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ. ތުރާކުނަކީ 700 މީހުންގެ އާބާދީގެ ރަށެކެވެ. އަދި އެރަށާއި އެއްފަޅުގައި އިތުރު ރަށެއްވެސް ފަޅެއްވެސް ނޯންނަ ގާމަތިރަށެކެވެ.

އަދި އއ. އުކުޅަހަކީ 1100 މީހުންގެ އާބާދީގެ ރަށެކެވެ. ލޯކަލް ޓުއަރިޒަމްގައި ރާއްޖޭގައި ފާހަގަކޮށްލެވޭ އުކުޅަހަކީ 21 ހެކްޓަރުގެ ރަށެކެވެ. އާބާދީ އިތުރުވަމުން އަންނަ ގިނަ އެހެން ރަށްތަކެކޭ އެއްގޮތަށް އުކުޅަހަށްވެސް ބިމުގެ މައްސަލަ އިންތިހާއަށް ބޮޑެވެ.

ރައީސް ޑރ. މުޢިއްޒު ދާދި ފަހުން ވަނީ އަރިއަތޮޅު ދެކުނުބުރީ މާފަރުފަޅަކީ އެއަތޮޅު މަހިބަދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މީގެ އިތުރުން އއ. ވެލިދުއްގާއަކީ އެ އަތޮޅު ބޮޑުފޮޅުދޫގެ ބައެއްގެ ގޮތުގައާއި، ނ. ފަރުމުއްޔާއި ކަނޑިންމާހުރާ އަކީ މާފަރުގެ ބައެއްގެ ގޮތުގައިވެސް ހަމަޖައްސަވާ ދެއްވާފައެވެ.