ޚަބަރު

ޕާޓީ ބަދަލުކޮށްފިނަމަ އިސްތިއުފާ ދޭންޖެހޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ބިލު ތަސްދީޤުކުރައްވައިފި


  • ގޮނޑި ހުސްވާ ޙާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުޞޫލުތަކާއި އިޖުރާއަތުތައް މިޤާނޫނުގައި ވަނީ ބަޔާންކޮށްފަ

  • މި ޤާނޫނުގައިވާ ހާލަތްތަކުގައި މެންބަރުން އިސްތިއުފާ ދޭން ޖެހޭނީ އަމިއްލަފުޅަށް

  • މި ބިލު ފާސްކުރީ މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި 33 މެންބަރުންގެ ވޯޓުން

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރުން އެމެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަންގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ.

އެންޓި ޑިފެކްޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި 33 މެންބަރުންގެ ވޯޓުންނެވެ.

މި ޤާނޫނަކީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު ޢަމަލުކުރާނޭ ގޮތް ކަނޑައެޅުމަށް އަމަލުކުރަންޖެހޭ ކަންކަން ކަނޑައަޅާފައިވާ ޤާނޫނެވެ. އަދި އެފަދައިން ގޮނޑި ހުސްވާ ޙާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުޞޫލުތަކާއި އިޖުރާއަތުތައް މި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މި ޤާނޫނުގައިވާ ހާލަތްތަކުގައި މެންބަރުން އިސްތިއުފާ ދޭން ޖެހޭނީ އަމިއްލަފުޅަށެވެ. މެންބަރުންނަށް އިސްތިއުފާ ދިނުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ޤާނޫނުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން އެއްވެސް މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތުވެސް މެންބަރުންނަށް ލިބެއެވެ.

މިޤާނޫނުގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ރައްޔިތުން އިންތިޚާބުކުރާ މެންބަރުން އެ އިންތިޚާބުކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިޚާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުން އިންތިޚާބުކުރާ މަޤާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި، ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން ލިބިގެންވާ ބައެއްކަމަށް ހެދުމަކީ މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ.

މި ޤާނޫނުގެ ދަށުން މެންބަރެއްގެ ގޮނޑި ހުސްވާ ޙާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާއިރު، ބައި-އިލެކްޝަން ބޭއްވުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ވަނީ ބަޔާންކުރައްވާފައިވެއެވެ. އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި މެންބަރުކަމުން އިސްތިޢުފާ ދޭ ނުވަތަ ވަކިވާ މެންބަރުންނަށް ބައި-އިލެކްޝަންގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުންވެސް މި ޤާނޫނުގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އަދި މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.