ލައިސަންސް ދޫކުރުމުގެ ޚިދުމަތުންނަގާ އިދާރީ ފީ ސީދާ ކައުންސިލްތަކަށް ލިބޭގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. އަދި ކަނޑު އުޅަނދުގެ ސަލާމަތީ ސެޓްފިކެޓް ކޮންމެ ފަސް އަހަރަކުން އާ ކުރަންޖެހޭގޮތަށްވެސް ވަނީ ބަދަލު ގެންނަވާފައެވެ. މިގެނައި ބަދަލުތައް އިޢުލާނުކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.
ދަތުރުފަތުރާއި މަދަނީ އުދުންތަކާ ބެހޭ ވުޒާރާއިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ކައުންސިލްތަކުން ދޭ ޚިދުމަތެއްގެ މަންފާ، އެ ކައުންސިލަކަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ކައުންސިލްތަކުގައި އެބައޮތްކަމަށެވެ. އެހެންކަމުން އެކަން ޙައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކައުންސިލްތައް ބާރުވެރިކުރުވާ، ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށްކަމަށެވެ.
އެގޮތުން ލައިސަންސް ދޫކުރުމަށް ކައުންސިލްތަކުން ދޭ ޚިދުމަތުގެ ފީ ކައުންސިލްތަކަށް ލިބޭގޮތަށް ހަމަޖައްސާފައިވާކަމަށެވެ. މިކަން ތަންފީޒުކުރަން ފަށާނީ އަންނަ މަހުގެ 1ވަނަ ދުވަހުން ފެށިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި މަސައްކަތަށް ސްޓާފުންވެސް ނަގައިގެން ކައުންސިލުން މުސާރަ ދީގެން ޚިދުމަތް ދެނީ. މިހާރު އިންނަގޮތުން ޓްރާންސްޕޯޓް ޕޯޓަލްއިން ފައިސާ ދައްކަމުންދަނީ. ނަމަވެސް މިހާރު މި ބަދަލު ގެނައީ އެކަމަށް ދައްކާ ޚިދުމަތުގެ ފި ކައުންސިލުން ބަލައިގަންނަގޮތަށް." ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
މީގެއިތުރުން ކަނޑުދަތުރުކުރާ އުޅަނދުތަކުން އަހަރަކު އެއްފަހަރު ހައްދަންޖެހޭ ސަލާމަތީ ސެޓްފިކެޓް އައު ކުރަންޖެހޭ މުއްދަތު އިތުރުކުރަން ނިންމާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި މުއްދަތު 5 އަހަރަށް އިތުރުކުރަން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެއެވެ.
"ބޭނުންވަނީ ޚިދުމަތް ހޯދުމުގައި ލުއިކޮށްދިނުން. ކުޑަ ބޮއްކުރާއެއް ގެންގުޅޭމީހާވެސް އަހަރަކު އެއްފަހަރު ސެޓްފިކެޓް ހައްދަންޖެހޭ. އެހެންވީމަ އެކަމަށް ލުޔެއް މި ގެނައީ. އެކަމަކު އުޅަނދުތަކުގެ ސަލާމަތީ ކަންކަން އަހަރަކު އެއްފަހަރު އުސޫލުން ބަލަމުންދާނަން." ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސެޓްފިކެޓް ހައްދަންޖެހޭ މުއްދަތު އިތުރުކުރިނަމަވެސް، އުޅަނދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރަން ކުރަންޖެހޭ ކަންކަން ގަވާއިދުން ކުރިއަށްގެންދާނެކަމަށެވެ.