ޚަބަރު

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ ބޮޑުބަޔަކަށް ރީނދޫ އެލާޓު ނެރެފި


  • ރީނދޫ ސަމާލު ނެރެފައިވަނީ ށ. އަތޮޅުން މ. އަތޮޅަށް

  • 3 މޭލާއި 13 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަވުމާއި ގުޅިގެން ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ށ. އަތޮޅުން ފެށިގެން މ.އަތޮޅާހަމައަށެވެ. ސަމާލު ނެރެފައިވަނި މިއަދު 15:00 އިން 19:00 އަށެވެ. އެ އިދާރާއިން ވިދާޅުވީ ށ.އަތޮޅުން ފެށިގެން މ.އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަވެހޭނެކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް އެ އިދާރައިން ވިދާލުވިއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.


މިހާރު ކުރަމުންދާ ވިއްސާރާގައި‏ ބޯކޮށް ވާރޭ ވެހި އެކި ސަރަހައްދު ތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ބައެއް ގޭގެއަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށްވެސް ގެއްލުންވެފައިވެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން އަލިވާނެކަމަށް ލަފާކުރެވޭނީ ކުރިއަށްއޮތް ބުދަ ދުވަހުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.