ޚަބަރު

މުލަކަތޮޅާއި މާލެއާ ދެމެދު ސްޕީޑު ފެރީ ފަށައި، 3 އަތޮޅަކަށް އާރުޓީއެލް ފުޅާކުރަނީ


  • އާރުޓީއެލް އަލަށް ފަށާނީ ނ، ރ އަދި ބ އަތޮޅުގައި

  • މުލަކަތޮޅު ފެރީ ހަފްތާއަކު 2 ދުވަހު ދަތުރުކުރާނެ

މުލަކަތޮޅާއި މާލެއާ ދެމެދު ހައިސްޕީޑު ފެރީގެ ޚިދުމަތް ފަށައި، އިތުރު 3 އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މީރުމާގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މުލަކަތޮޅާއި މާލެއާއި ދެމެދު ސްޕީޑު ފެރީގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢަބްދުﷲ ޒިޔާދެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކް، އާރުޓީއެލް ނ، ރ އަދި ބ.އަތޮޅަށް ފުޅާކުރުމުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ މަރިޔަމް ޝަހާނާއެވެ. އެމްޓީސީސީގެ ފަރާތުން ސީއީއޯ ޢަބްދުﷲ ޒިޔާދެވެ.

މި ޚިދުމަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު ޢަމީން ވިދާޅުވީ، މުލަކަތޮޅާއި މާލެއާއި ދެމެދު ހައި ސްޕީޑު ފެރީގެ ޚިދުމަތް ހަފްތާއަކު 2 ދުވަހު ކުރާނެކަމަށެވެ. މިހާރުވެސް އެމްޓީސީސީން އެ އަތޮޅުތެރޭގައި ދަތުރުކުރިނަމަވެސް، އޮތް ދަތިކަމަކީ މާލެއާއި އެއަތޮޅާ ދެމެދު ދަތުރުކުރެވޭނެ އިންތިޒާމެއް ނެތުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"މ. އަތޮޅުގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ރައީސް ނިންމެވީ މިވަގުތު ދެވެން އޮތް ފެސިލިޓީގެ ތެރެއިން ސަރުކާރުން އެންމެ ރަނގަޅަކަށް ޤާއިމްކުރުމަށްޓަކާ ސަރުކާރުން އެމްޓީސީސީއާ ވާހަކަ ދައްކައި، އަދި އެމްޓީސީސީއަށް މިދަތުރުތަކަށް ދޭންޖެހޭ ސަބްސިޑީ ދިނުމަށްފަހު އެގްރިމަންޓެއްގައި ސައިންކުރެވިގެން މިދިޔައީ." ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު ޢަމީން ވިދާޅުވިއެވެ.

އާރުޓީއެލް ނ، ރ އަދި ބ އަތޮޅަށް ފުޅާކުރުމަށް ވެވުނު އެއްބަސްވުމާއި ގުޅޭގޮތުން އަމީން ވިދާޅުވީ މިއީ މިހާރުވެސް ބައެއް ސަރަޙައްދުތަކުގައި ހިނގަމުންދާ ޚިދުމަތެއްކަމުން ރައީސް ދެއްވާ ޔަޤީންކަމަކީ ހިނގަމުންދާ އެފަދަ އެއްވެސް ކަމެއް ހުއްޓާނުލައި އިތުރަށް ރަނގަޅުކުރުންކަމަށެވެ. ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަސައްކަތް ދެމެހެއްޓިނިވިގޮތެއްގައި ކުރިއަށް ގެންދިއުމަށް އިޞްލާހު ގެންނަންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން އެމްޓީސީސީއަށް ބައެއް ގޮންޖެހުން އެބައޮތްކަމަށާއި، ރައްޔިތުން އެންމެ ބޭނުން ނުވާގޮތަށް ބައެއް ރޫޓުތައް އެބަހުރިކަމަށްވެސް އަމީން ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާގޮތަށް އެރޫޓުތައް ބަދަލުކޮށް، ދޮޅު މަސްދުވަހުގެ ތެރޭގައި ވަރަށް ގިނަބަދަލު އަންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެއްބަސްވުންތަކާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދު ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން މުލަކަތޮޅު ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ޚިދުމަތް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އަދި ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފުޅާވުމުން ކައިރި މުސްތަގްބަލުގައި އެ އަތޮޅުތަކުގެ ކޮންމެ ރަށަކަށް ޚިދުމަތް ދެވޭނެކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި އިޤްތިޞާދީ އަދި އިޖްތިމާޢީގޮތުން ގިނަ ފައިދާތަކެއް ކުރާނެކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

"މި ޚިދުމަތް ފެށުމަކީ އެ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިކަމުން ބޭސްފަރުވާއާއި ވަޒީފާއާއި އެކި ބޭނުންތަކަށް އެކި ރަށްރަށަށް ދިއުމުގެ ތަކްލީފު ކުޑަވާނެ. އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިވެ އިޖްތިމާޢީ ގުޅުންތައްވެސް ބަދަހިވާނެ." އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދު ވިދާޅުވިއެވެ.

އެމްޓީސީސީން ދެމުން އަންނަ އާރުޓީއެލް ބަހާއި ފެރީގެ ޚިދުމަތުގައި މިހާރު މާލެއާއި އަތޮޅުތަކުގައި 105 ބަސް އަދި ފެރީގެ ޚިދުމަތުގައި 25 އުޅަނދު ބޭނުންކުރެއެވެ. އަދި މިޚިދުމަތުގައި 580 މުވައްޒަފުން ހަރަކާތްތެރިވެއެވެ. މިއެއްބަސްވުމާއެކު ޚިދުމަތް ފުޅާވާނެކަމަށާއި، ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް ވީހާވެސް އަވަހަށް ފުޅާކުރުންކަމަށް އެމްޓީސީސީން ބުންޏެވެ.