ޚަބަރު

ރައްޔިތުންގެ ޙައްގުގައި އެމްޑީޕީން އަބަދުވެސް މަސައްކަތްކުރާނެ: ރައީސް ޞާލިޙް


  • ރައީސް ޞާލިހު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައި

  • މަޖިލިސް އިންތިޚާބު އޮންނާނީ އޭޕްރީލް 21ގައި

ރައްޔިތުންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް މަސައްކަތްކުރާނެކަމަށް އެޕާޓީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ކެމްޕެއިން ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށްކަމަށެވެ. ރައްޔިތުންގެ ހައްގުގައި އެޕާޓިން އަބަދުވެސް ނިކުންނާނެކަމަށް ވިދާޅުވެ ރައީސް ޞާލިޙް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުން ފެށި މަޝްރޫޢުތައް މިސަރުކާރުން ހުއްޓާލާފައިވާކަމަށް ކުރާ ތުހުމަތުތައް ރައީސް ޞަލިޙް ތަކުރާރު ކުރެއްވިއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވީނަމަވެސް، ރިޔާސީ އިންތިޚާބުގެ 6 މަސްދުވަސްކުރިން ތަރައްޤީގެ މަޝްރޫޢުތައް އޮތީ ހުއްޓިފައިކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އިންތިޚާބާ ދިމާކޮށް ގިނަ މަޝްރޫޢުތައް ކުންފުނިތަކާ ހަވަލުކުރީ ފައިސާ ނެތިކަމަށާއި، އެކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދިނުމުން ގިނަކުންފުނިތަކުން އޮތީ މަސައްކަތް ހުއްޓާލާފައިކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ނަމަވެސް އައު ސަރުކާރު އައިސް އެ މަޝްރޫޢުތައް ހިންގުމަށް ކުންފުނިތަކަށް ފައިސާ ދީ އަލުން އެ މަޝްރޫޢުތައް ފަށާފައިވާކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މިވަގުތުވެސް 527 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ހިނގަމުން އަންނަކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

"އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށް ޚިދުމަތްކުރާ ބައެއް. ރައްޔިތުންގެ ބޭނުންތައް ފުއްދާދިނުމަށް މަސައްކަތްކުރާ ބައެއް. ރައްޔިތުންގެ ޙައްޤުގައި އެމްޑީޕީން ނިކުންނާނެ އަބަދުވެސް." ރައީސް ޞާލިހު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރު ނިމުނުއިރު މަޝްރޫޢުތައް ހިންގި ކުންފުނިތަކަށް ނުދީ ހުރި ފައިސާގެ ޢަދަދު 9000 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އިންތިޚާބަށް ކުޑަތަންވެފާވާއިރު ސިޔާސީ ޕާޓީތަކުން އަންނަނީ ކެންޕެއިންތައް ވަރުގަދަ ކުރަމުންނެވެ. އެމްޑީޕީން ބުނާގޮތުގައި މަޖިލިސް އިންތިޚާބުގެ ކެންޕެއިންނަށް ވީހާވެސް ގިނަ ދާއިރާތަކަށް ޕާޓީގެ ލީޑަރޝިޕުން ދަތުރުކުރާނެއެވެ.