ތަޢުލީމު

އޯލެވެލްއަށް ދަރިވަރުން ތައްޔާރުކުރުމަށް ދިރާސާތަކެއް ފަށައިފި


އޯލެވެލް އިމްތިޙާނަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން، ހުރިހާ ދަރިވަރުންގެ ވޭތުވެދިޔަ އަހަރުތަކުގެ ނަތީޖާތައް ބަލާ، ދިރާސާތަކެއް ކުރަން ފަށާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތެއްކަމުގައިވާ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތަކީ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމަކާ އިސްކަމެއް ދޭ ކަމެކެވެ. މިސިޔާސަތު ތަންފީޒުކުރުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގެ އެއް ހެއްކަކީ އޯލެވެލް އިމްތިޙާނުގައި ދިވެހިރާއްޖޭގެ ދަރިވަރުން  ހޯދަމުންދާ ކާމިޔާބީތަކެވެ. މިކާމިޔާބީތައް ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ނަތީޖާތައް ރަގަޅުކުރުމުގައި އެޑިޔުކޭޝަން މިނިސްޓްރީންނާއި ސްކޫލްތަކުން ދަނީ މަސައްކަތްތަކެއް ރާވާ އެކަންކަން ތަންފީޒުކުރަމުންނެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، އޯލެވެލް އިމްތިޙާނުގެ ނަތީޖާ ރަގަޅުކުރުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ވަކިވަކިން ސަމާލުކަންދީ އެކުދިންގެ ފާއިތުވީ ދުވަސްތަކުގެ ނަތީޖާއަށް ބަލައި، ދިމާވެފައިވާ ގޮންޖެހުންތައް ބަލާ ދިރާސާކުރަމުންދާކަމަށެވެ. މިމަސައްކަތުގައި ނަތީޖާ ދަށް ސްކޫލްތަކުން އެކުދިންގެ ކުރިއެރުވުމަށްޓަކައި ހިންގަމުންދާ ޕްރޮގްރާމްތައް ބަލާއި، ނަތީޖާތައް ދަށްވުމުގެ ސަބަބުތަކަކީކީ ކޮބައިކަންވެސް ބަލަމުންދާކަމަށެވެ. އަދި ވަކި ވަކި މާއްދާތަކުގެ މާކްސްތައް ބަލައި، އިތުރު އެހީ ބޭނުންވާ ދަރިވަރުންނަށް އެފުރުސަތުވެސް ފަހިކޮށްދެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، ތަޢުލީމީ ގޮތުން ރަގަޅު ނަތީޖާތަކެއް ޙާސިލްނުވާ ދަރިވަރުންނަށް ބީޓެކް ޕްރޮގްރާމާއި ދަސްވާރު ޕްރޮގްރާމްގެ ތެރެއިންވެސް ބާކީނުވެ، އަމިއްލަ ކެރިއަރެއް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތްތައް ބަލާ ދެވެންހުރި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

ސަރުކާރުގެ އެއް އަމާޒަކީ ގްރޭޑް 10 ނިންމާ ސްކޫލުން ދަރިވަރުން ވަކިވާއިރު، ކޮންމެ ކުއްޖަކީވެސް އޭލެވެލްގައި ބައިވެރިވެ އެންމެ މަދުވެގެން 3 މާއްދާއިން ފާސްވެގެން ސްކޫލުން ވަކިވާ ކުދިބަޔަކަށް ހެދުމެވެ. މިއަމާޒުގެ މަޤްޞަދަކީ އެއްވެސް ކުއްޖަކު ބާކީނުވެ ކޮންމެ ކުއްޖަކުވެސް ކޮންމެވެސް ދާއިރާއަކުން ތަމްރީނުވެގެން ނުވަތަ އިތުރަށް ތަޢުލީމު އުނގެނިގެން ޤައުމާއި ކުއްޖާގެ އަމިއްލަ ނަފްސާއި، ޤައުމަށް ފައިދާހުރި ކުއްޖަކަށް ވުމަށްޓަކައި ފުރުޞަތު ތަނަވަސްވެގެންދިއުމެވެ. މީގެ އިތުރަށް 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 60 އިންސައްތަ އަށްވުރެން ދަށް ނުވެ ހިފެހެއްޓުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.