ސިޔާސީ

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ކާމިޔާބީތަކެއް ހޯދިއްޖެ- ރައީސް


ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސް ބޭނުންވާކަމަށް އ.ދ.ގެ ޚާއްޞަ މަންދޫބު ސެމިއުލް ތަމްރަތު ވިދާޅުވެއްޖެއެވެ.

އދ.ގެ މަންދޫބު މިހެން ހާމަކުރެއްވީ ސަރުކާރާއި، ރާއްޖޭގެ ސިޔާސީ ޕާޓީތަކާއިއެކު ކުރިއަށް ގެންދިޔަ ވާހަކަތަކަށްފަހު ނެރުއްވާފައިވާ ބަޔާނެއްގައެވެ. ރާއްޖޭގެ ހަމަޖެހުމާއި، ރައްޔިތުންގެ ހެވާއި ލާބައަށް ސަރުކާރުން އިސްނަންގަވައިގެން، ސިޔާސީ ޕާޓީތަކާއެކު، ކުރިޔަށް ގެންދިޔުމަށް ހުޅުވާލެއްވި މަޝްވަރާތަކުގައި އެހީވެދެއްވުމަށް، އޭޕްރީލް 16 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި، އ.ދ.ގެ ޚާއްޞަ މަންދޫބު، އ.ދ. ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ސީނިއަރ އެޑްވައިސަރ މިސްޓަރ ސެމިއުލް ތަމްރަތު، އޭނާގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކާއި، އަދި ސަރުކާރާއި އެކު ކުރިއަށް ގެންދެވި ވާހަކަތަކުން، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ހައްލެގެނައުމަށް ދެފަރާތުންވެސް ބޭނުންވާކަން ހާމަވެގެން ގޮސްފައިވާކަމަށެވެ. 

ނަމަވެސް މަޝްވަރާތަކަށް އައުމަށް ދެފަރާތުގެ ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ބޭނުންވާކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އޭނާ ރާއްޖެ ވަޑައިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ. އދ.ގެ ވަފުދުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ދައުލަތުގެ ވަޒީރުންނާއި، ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ ވަފްދާއި، ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާ ހުރިހާ ޕާޓީތަކަކާ ބައްދަލުކުރައްވާފައިވެއެވެ. އަދި ކޮލޮމްބޯއަށް ވަޑައިގެން އެ ޤައުމުގައި ތިއްބަވާ، ރާއްޖެއަށް އެކި ޤައުމުތަކުން ކަނޑައަޅުއްވާފައިވާ ސަފީރުންނާ ބައްދަލުކުރައްވާފައިވެއެވެ. 

މަޝްވަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ އޭޕްރީލް 17 ވަނަ ދުވަހު ވަނީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަޞައްވަރު ކުރިއަށް ގެންދިއުމުގައި ސިޔާސީ މާޙައުލުގައި ހުރި އުނދަގޫތައް އދ.ގެ ވަފުދާއި ޙިއްޞާކުރައްވާފައެއެވެ. މަޝްވަރާތަކުގައި އދ.ގެ އެހީތެރިކަމާއެކު އިދިކޮޅު ޕާޓީތަކުން ބައިވެރިވާނެކަމުގެ އުއްމީދު އެބައޮތްކަމަށް މިނިސްޓަރ އެއިރު ވިދާޅުވިއެވެ. މަޝްވަރާތަކުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިކުރުމާ މެދުވެސް ގޮތެއް ނިންމެވޭނެކަމަށް ޝައިނީ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްސީލް ފަހުން ހާމަކުރައްވާފެއް ނުވެއެވެ. 

ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ކާމިޔާބީތަކެއް ހޯދިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންޢބްދުލް ޤައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ. އދ.ގެ މަންދޫބުގެ ދަތުރުފުޅުގައި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި، އ.ދ. އިން ވެދެއްވި އެހީފުޅަށާއި، ޚާއްޞަގޮތެއްގައި އ.ދ. ގެ ޚާއްޞަ މަންދޫބު ކުރެއްވި ކާމިޔާބު މަސައްކަތްޕުޅަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައިވެއެވެ. އަދި، މި މަޝްވަރާތަކަށް އެއްބާރުލުން ދެއްވައި، މަޝްވަރާތަކުގައި ބައިވެރި ހުރިހާ ސިޔާސީ ޕާޓީއަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާފައިވެއެވެ. 

ކުރިއަށް އޮތްތަނުގައިވެސް، މި މަޝްވަރާތަކަށް ތަމްރަތު ވަޑައިގަތުމަށް ނިންމަވާފައިވާތީ، އެކަމަށް މަރުޙަބާ ވިދާޅުވެ، މި މަޝްވަރާތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އޮންނާނޭ ކަމުގެ ޔަޤީންކަން އ.ދ.އަށާއި، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ހުރިހާ ފަރާތްތަކަށާއި، ސިޔާސީ ޕާޓީތަކަށާއި، ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.