ޚަބަރު

އަޅުގަނޑުގެ މައްޗަށް ބާރު ހިނގާނެ ބޭރު ސަފީރެއް ނުހުންނާނެ: ރައީސް


  • މިނިވަންކަން ކަށަވަރުކުރުމަށް އަދިވެސް ކުރަން ގިނަ މަސައްކަތް އެބަހުރިކަމަށް

  • އެކަމަށް ބޭނުންވާ ބައެއް ޤާނޫނުތައްވެސް ފާސްކުރަން އެބަހުރިކަމަށް

އެމަނިކުފާނުގެ މައްޗަށް ބާރު ހިންގާނެ ބޭރުގެ ސަފީރެއް މިހާރު ނުހުންނާނެކަމަށާއި، އެމަނިކުފާނުގެ މައްޗަށް ހިނގާނީ ދިވެހި ރައްޔިތުންގެ ބާރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމުގެ މިނިވަންކަން ކަށަވަރުކުރުމުގެ މަސައްކަތް ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު ފެއްޓެވިކަމަށެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދިއުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިޝާރާތްކުރެއްވި އެ އެއްބަސްވުމުގައި ކަނޑައަޅަފައިވަނީ އަންނަ މެއި މަހުގެ 10ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެމީހުންގެ ޤައުމަށް ގެންދިއުމަށެވެ.

ރައީސް ވިދާޅުވީ އިންޑިއާ ސިފައިންތިބި 3 ސަރަހައްދުގެ ތެރެއިން ދެ ސަރަހައްދެއްގެ ސިފައިން ފައިބައިގެން ގޮސްފައިވާކަަމަށެވެ. މިދިޔަ މަހުގެ 10ގައި ފުރަތަމަ ބައި އަނބުރާ ޤައުމަށް ގޮސްފައިވާއިރު، ރައީސް ވިދާޅުވީ ދެވަނަ ސަރަހައްދުގައި ތިބި އިންޑިއާ ސިފައިން މިމަހުގެ 9ގައި އަނބުރާ ގޮސްފައިވާކަަށެވެ.

ރައީސް ވިދާޅުވީ ވަޢުދުވެވަޑައިގެންނެވިގޮތަށް އަންނަމަހުގެ 10ގެ ކުރިން ހުރިހާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލެވޭނެކަމަށެވެ.

އެ ވަޢުދުވެސް ފުއްދެނީކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަދިވެސް މިނިވަންކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށެވެ. އެ މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.

"ހެދިފަހުރި ބައެއް އެގްރިމަންޓުތަކަށް ބަދަލު ގެންނަންކަމަށްވިޔަސް، ޤާނޫނުތަކަށް ގެންނަޖެހޭ ބަދަލުތައްވެސް އެބަހުރި. އަލަށް އުފަންކުރަންޖެހޭ ޤާނޫނުތައްވެސް އެބަހުރި. އެ ހުރިހާކަމެއް ކުރެވެން އޮތީ މަޖިލީހުގެ ތެރެއިން. މިނިވަންކަން އަމިއްލަ މިނިވަންކަމުގެ އިހްސާސް ކޮށްދޭން ބޭނުންވާ ފިކުރުގެ މީހުން ހޮވިގެން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބޭރު ސިފައިން ފޮނުވާލުމުގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އަމިއްލައަށް ބެލެހެއްޓޭނެ ގޮތް ކަށަވަރުކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވަނީ ދިވެހީން އަމިއްލައަށް ރާއްޖޭގެ އިޤްތިޞަދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެއަރކޯ އުފައްދާ ޑްރޯނާއެކު 24 ގަޑިއިރު ރާއްޖޭގެ ސަރަޙައްދު ބަލަހައްޓަމުން އަންނަކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ޤައުމަށް ހަމަޖެހުން ގެނައުމަށް ބޭނުންވާކަމަށާއި، އެކަން ކުރެވޭނީ އެ ވިސްނުމުގެ މީހުންނަށްކަމަށެވެ. އަދި ތަޅާފޮޅުމަށް ފުރުޞަތު ދޭނެ މީހުން ބޭނުންނުވާކަމަށާއި، ބޭރު ބައެއްގެ އެޖެންޑާ ހިންގަން ފުރުޞަތު ދިނުމަކީ ދިވެހީންގެ މަސްހަލަތު އޮތްގޮތް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ މައްޗަށް ބާރު ހިންގާނެ އެއްވެސް ބޭރުގެ ސަފީރެއް ނުހުންނާނެކަަމަށާއި، އެމަނިކުފާނުގެ މައްޗަށް ހިނގާނީ ދިވެހި ރައްޔިތުންގެ ބާރުކަމަށް ވިދާޅުވިއެވެ.

"މީގެ ކުރިން ކަން ހިނގާފައި އޮތީ ބޭރުގެ ކޮންމެސް ސަފީރަކު ވިދާޅުވާނީ ކަންކުރަންވީ ގޮތް. ރައިސުލްޖުމްހޫރިއްޔާއަކީ ނަމެއްގަ ހުންނަ ބޭފުޅެއް. އެކަން ނޫންތޯ ރައްޔިތުން ބަދަލުކުރެއްވީ. ދިވެހިންގެ ރާއްޖެ މުހިންމުވީ އެހެންވެ. މިހާރު އަޅުގަނޑުގެ މައްޗަށް ބާރު ހިންގާނެ އެއްވެސް ބޭރު ސަފީރެއް ނުހުންނާނެ. ދިވެހި ރައްޔިތުން އަޅުގަނޑުގެ މައްޗަށް ބާރު ހިންގާނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖލީހަކީވެސް އެގޮތަށް މަސައްކަތްކުރާ ތަނަކަށް ހެދުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައިކަމަށެވެ. އަދި ޤައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް އިތުރަށް ހުރި ކަންކަންކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހަކަށް ފުރުޞަތު ދެއްވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވިއެވެ.