ޚަބަރު

ހުރިހާ ވަޢުދެއް ރަނުން ރަނަށް ފުއްދާނަން، އެންމެ ވަޢުދެއްވެސް ދޫކޮށް ނުލާނަން: ރައީސް


  • އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ

  • ހޮސްޕިޓަލް އެންމެ މަތީ ފެންވަރުގެ ޚިދުމަތާއެކު ތަރައްޤީކުރާނެ

  • އެއަރޕޯޓު ހަގީގީ ބައިނަލްއަޤްވާމީ ބަނދަރަކަށް ބަދަލުކުރާނެކަމަށް

އައްޑޫ ސިޓީ ހިމެނޭހެން މުޅި ރާއްޖެ ތަރައްޤީކުރުމަށް ވެވަޑައިގެންފައިވާ އެންމެ ވަޢުދެއްވެސް ދޫކޮށް ނުލާނެކަމަށާއި، ހުރިހާ ވަޢުދެއް ރަނުން ރަނަށް ފުއްދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޑޫސިޓީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލެއާއި އެއް ފެންވަރުގެ ޚިދުމަތް ނުވަތަ އެއަށްވުރެ މަތީ ފެންވަރަށް އައްޑޫ ސިޓީ ތަރައްޤީކުރައްވާނެކަމަށެވެ. ރައީސް ވަނީ ދެކުނު ޒޯންގެ މައި ހަބަކީ އައްޑޫ ސިޓީކަމުގައި ހަދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.

"މިއީ ވަރަށް ގިނަ ވާހަކަ ހަގީގަތުގަ. ވަރަށް ގިނަ ކަންކަން ގުޅި ލާމެހިގެންދާ ކަންކަން. އަޅުގަނޑު ބޭނުމެއް ނޫން ތި ރައްޔިތުންނަކީ ތަރައްޤީގެ އުންމީދުގައި ދެބަ ދޭތެރޭ ތިބޭ ބަޔަކަށް ވާކަށް. ތަރައްޤީގެ އުންމީދުގައި ހަޤީޤީ ކުލަޖެހި، އަމަލީ ސިފައިގައި ނަތީޖާނެރެ ތަރައްޤީ ދައްކައިދޭން އަޅުގަނޑު ބޭނުންވަނީ. އެކަން ކުރެވޭނީ ތިބޭފުޅުން ދެއްވާ އެއްބާރުލުން ދެއްވައިގެން. 100 ޕަސެންޓު ދެއްވާނެކަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނުގެ ދައުރުގެ އެންމެ ފުރަތަމަ ދުވަހުވެސް އެ މަސައްކަތް ފަށްޓަވާފައިވާކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ ކޮންމެ ދުވަހަކީވެސް ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށް މަސައްކަތް ކުރާ ދުވަހަކަށް ހަދަން ބޭނުންވާކަމަށެވެ.

އައްޑޫގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުތައް ފުއްދަން އިންތިޚާބެއް އަންނަންދެން މަޑުނުކުރައްވާނެކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ހަފްތާ 14ގައިވެސް އައްޑޫގެ ބްރިޖު މަޝްރޫޢުގެ މަސައްކަތް ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިޞްރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްދާ ބްރިޖުގެ ދިރާސާ މަސައްކަތް ބާރަށް ކުރިއަށްދާކަމަށާއި، ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބްރިޖުގެ ޑިޒައިންގެވެސް ބޮޑު ބައެއް ނިމިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއަހަރު ނިމުމުގެ ކުރިން އެ ބްރިޖުގެ ޢަމަލީ މަސައްކަތް އަޅުގަނޑު ފަށާނަން. އަޅުގަނޑު ބޭނުން މިދައުރު ނިމޭއިރު މި ބްރިޖު ނިންމަން. 2028 އައީމަ ކުރާކަމަކަށް ބާއްވަން ބޭނުމެއް ނޫން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު އޮތްފަދަ މަޖިލީހަކުން ހުރިހާ ކަމެއް ހުއްޓިވިދާނެކަމަށާއި، އެކަމަށް ފުރުޞަތު ނުދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީގެ ތަރައްޤީގެ އެހެނިހެން ކަންކަމަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ގެދޮރުވެރިކަމާއި، ރައްޔިތުންގެ ފުދުންތެރިކަމާއި، ތަޢުލީމާއި ސިއްޙީ ނިޒާމުފަދަ ހުރިހާ ކަމެއް ފެށި އެކި މަރުހަލާގައި ކުރިއަށްދާކަމަށެވެ.

ރައީސް ވިދާޅުވީ އައްޑޫ ގަން އެއަރޕޯޓު މަޝްރޫޢުވެސް މިހާތަނަށް ހަޤީގަތަކަށް ވެފައިނުވާކަމަށާއި، އެންމެ ފެންވަރު ރަނގަޅު ބައިނަލްއަޤްވާމީ ފުރިހަމަ އެއަރޕޯޓަކަށް ގަން އެއަރޕޯޓް ހަދާނެކަމަށެވެ. އަދި އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރުވެސް އެ މަސައްކަތް ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ހައި ސީޒަން އަންނަވާއިރަށް އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ސްރީލަންކާއަށް ކުރާ ދަތުރުތައްވެސް ދެގުނަކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެއަރޕޯޓާއެކު ފަތުރުވެރިކަންވެސް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެގޮތުން 6 ހާސް އެނދު ތަރައްޤީކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތުގެ ބޮޑުބައެއް އައްޑޫ ސިޓީއަށް ޚާއްޞަކޮށްފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫގެ ހަޤީގަތަކަށްނުވެ އޮތް ހަންކެނޑެ މަޝްރޫޢުވެސް ޢަމަލީ މަސައްކަތް ފެށޭ ހިސާބަށް ގޮސްފައިވާކަަމަށާއި، އެއީ 2080 އެނދުގެ މަޝްރޫޢުއެއްކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުއާއެކު 1980 ސީދާ ވަޒީފާ އުފެދި ނުސީދާކޮށް 1800އެއްހާ ވަޒީފާ އުފެދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބްރިޖާއެކު މުޅި ސިޓީއަށް ކުރިއެރުން އަންނާނެކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ ބްރިޖާއެކު އިޤްތިޞާދީ ކުރިއެރުން އެ ސަރަޙައްދަށް އަންނާނެކަމަށެވެ. ޓޫރިޒަމާއި، އެއަރޕޯޓް މަޝްރޫޢުއާއި ބްރިޖު މަޝްރޫޢުއާއި ޕޯޓު މަޝްރޫޢު ގުޅި ލާމެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ޕްލޭންކުރެވިގެން ކުރާ މަސައްކަތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިން ގޯސްކޮށް ކޮށްފައިވާ ކަންކަންވެސް ރަނގަޅުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން އައްޑޫގެ 100 ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން 60 ކިލޯމީޓަރު ހަދާފައިވަނީ އާދައިގެ ސިމަންތި ފަށަލައަކުންކަން ރައީސް ފާހަގަކުރެއްވިއެވެ. ރައިސް ވަނީ އެގޮތަށްހުރި ހުރިހާ މަގުތައްވެސް ހިމެނޭހެން ތާރުއަޅައިގެން ޒަމާނީ ފެންވަރަށް އައްޑޫގެ މަގުތައް ތަރައްޤީކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެއީ 18 މިލިއަން ޑޮލަރުގެ މަޝްރޫޢުއެއްކަމަށާއި، އަމަލީގޮތުން މިއަހަރު އެ މަސައްކަތް ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫ ހޮސްޕިޓަލުގެ ޚިދުމަތްތައްވެސް ފުޅާކޮށް ޖާގަ އިތުރުކޮށް މަތީ ފެންވަރުގެ ހުރިހާ ޚިދުމަތެއް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި މަސައްކަތާއެކު މާލެއަށް ދިއުން ނިމުމަކަށް އަންނާނެކަމަށެވެ. އަދި އައްޑޫ ހުޅުމީދޫގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެކަމަށެވެ. މީގެއިތުރުން މުޅި އައްޑޫ ސިޓީގެ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަމަށާއި، އެއީ 282 މިލިއަން ރުފިޔާގެ މަޝްރޫޢުއެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ބްރިޖު މަސައްކަތް ފެށުނީ. ފެނުގެ ނިޒާމް އަޕްގްރޭޑްކުރަން މި ހަވާލުކުރަނީ މިހަފްތާގައި. ގޯސްކޮށް އަޅަފައިހުރި މަގުތަކުގަ ތާރުޅަން މި ހަވާލުކުރަނީ. ކެތުލެބު ހިމެނޭގޮތަށް އެކިހަކަލަ ތެރަޕީތައް ހިމެނޭހެން ހޮސްޕިޓަލް އެންމެ މަތީ ފެންވަރަށް ތަރައްޤީކުރަން މިހަވާލުކުރަނީ. ހުޅުމީދޫ ހޮސްޕިޓަލް މި ހަވާލުކުރަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ 4 މަހުން ކުރެވުނު މަސައްކަތްކަމަށާއި، މިއީ އެއްބާރުލުން ނުދީ އޮތް މަޖިލީހެއް އޮވެގެން ކުރެވުނު މަސައްކަތްކަމަށެވެ. ނަމަވެސް އެއްބާރުލުން ދޭ މަޖިލީހަކާއެކު ރައްޔިތުން އެދޭގޮތަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.