ޚަބަރު

ޢީދު ދުވަހު އިޖްތިމާޢީ ގުޅުންތައް ވަރުގަދަކުރަން މަސައްކަތް ކުރުމަށް ޢީދު ޚުޠުބާގައި ގޮވާލައިފި


  • ޢީދު ދުވަހު ޢިޖްތިމާޢީ ގުޅުން ވަރުގަދަ ކުރަން މަސައްކަތް ކުރަން ޖެހޭ

  • ޒަމާނުއްސުރެ އޮތް އިސްލާމީ އަޚުވަންތަކަން ވީރާނަވިޔަ ނުދިނުމަށް ގޮވާލެއްވި

  • ޢީދުގެ އުފަލުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުން މަތިން ހަނދާންކުރުމަށް ގޮވާލެއްވި

ޢީދު ދުވަހު އިޖްތިމާޢީ ގުޅުންތައް ވަރުގަދަ ކުރުމަށް މިއަދުގެ ފިޠުރު ޢީދު ޚުޠުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ޢީދު ޚުޠުބާގައި ބިނާކޮށްފައިވަނީ ފިޠުރު ޢީދު ދުވަހު ހަނދާނުގައި ބަހައްޓަންޖެހޭ މުހިންމު ކަންކަމުގެ މައްޗަށެވެ. އެގޮތުން ޢީދު ދުވަހު އިސްކަން ދޭން ޖެހޭ ކަންކަން ހަނދާކޮށްދީފައެވެ.

ޢީދު ދުވަހު އެންމެ މުހިންމު ކަމެއް ދޭން ޖެހެނީ އިޖްތިމާޢީ ގުޅުން ވަރުގަދަކޮށް އެގުޅުން ދެމެހެއްޓުމަށް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މިއީ މުޖްތަމަޢުގެ ތެރޭގައި ހިމެނޭ ތަފާތުގުޅުންތައް ވަރުގަދަކޮށް ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަން ވަނީ ފާހަގަކޮށްފައެވެ. މިއާއެކު ޒަމާނުއްސުރެއް އަހަރުމެންގެ ތެރޭގައި އޮތް އަޚުވަންތަކަން ވީރާނަވިޔަ ނުދިނުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

"މުސްލިމް އަޚުންނާ އުޚްތުންނޭވެ! ބައެއްގެ އިޖުތިމާޢީ ފޭރާން ވަރުގަދަވުމަކީ، އެ މުޖުތަމަޢަކަށް، ފާގަތިކަމާއި އަމަން އަމާންކަން ގެނުވާނެ ކަމެކެވެ. ބައެއްގެ ތެރޭގައި ރިވެތި އަޚްލާޤު ފެތުރިއްޖެނަމަ، އެބައެއްގެ މެދުގައި އެއްބައިވަންތަކަން އާލާވާނެއެވެ. ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮތް، އިސްލާމީ އުޚުއްވަތްތެރިކަމާއި، ރިވެތި އަޚްލާޤު، ވީރާނާވިޔަ ނުދޭށެވެ! ދުލުގެ އާފަތްތަކުގެ ޝިކާރައަކަށްވެ، ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ދޮގު ހެދުމާއި، ދޮގު ހެކިދިނުމާއި، މަލާމާތްކޮށް ފުރައްސާރަކުރުމާއި، ހަޑި ހުތުރުބަހުން ވާހަކަދައްކާ ބަޔަކަށް ނުވާށެވެ! " ހުޠުބާގައި ވިދާޅުވިއެވެ.

ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި އެކަކު އަނެކަކާއި ބައްދަލުވާހިނދު ސަލާންކޮށް، ހަދިޔާ ބަދަލު ކުރުމާއި ކުޅިވަރާއި އުފާފާޅުކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާއިރު، ފަލަސްތީނުގެ އަޚުންނާއި އުޚުތުން މަތިން ހަނދާން ނައްތާނުލުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ ކަންކަމުން އިބްރަތް ހާސިލް ކުރަން ޖެހޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާގައި ވަނީ ބަރަކާތްތެރި ރަމަޟާން މަސް ނިމުނުނަމަވެސް އަޅުކަން ކުރުން މަތީ ދެމިތިބުމަށް އިރުޝާދު ދެއްވާފައެވެ. އަދި ރޯދަމަހު ލިބިގަތް ފިލާވަޅުތަކުން އިތުރުވި އިމާންކަން ދެމެހެއްޓުމަށް މަަސައްކަތް ކުރުމަށް ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ޝައްވާލު މަހުގެ 6 ރޯދައަށް ސަމާލުކަންދީ ޒަކާތައް ރައްކާތެރިވުމަށް ވަނީ ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.