ޚަބަރު

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަޤާމަށް ޝައިޚް ޢިއްޒައްދީން


  • މަޤާމަށް ޝެއިޚް ޢިއްޒުއްދީން އައްޔަންކުރެއްވީ ވަޒީރު ޑރ. ޝަހީމް

  • ޝެއިޚް ޢިއްޒުއްދީން ތަޢުލީމު ޙާސިލްކުރެއްވީ ޝަރީޢާގެ ދާއިރާއިން

މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަޤާމަށް ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން އައްޔަންކުރައްވައިފިއެވެ.

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަޤާމަށް ޢިއްޒައްދީން ޢައްޔަންކުރައްވައި، މަޤާމުގެ ފަތްކޮޅު އެރުވީ، ރޭ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޢިއްޒައްދީނަށް މަޤާމުގެ ފަތްކޮޅު އެރުއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ފަޟީލަތުއްޝައިޚް ޢިއްޒައްދީނަކީ 2008 ވަނަ އަހަރުން ފެށިގެން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އެކިއެކި މަޤާމުތައް އަދާކުރައްވާ އަދި މިހާރުވެސް އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ. އޭނާ އެންމެފަހުން ހުންނެވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ މުސާޢިދު ވާޢިޒުގެ މަޤާމުގައެވެ.

ޢިއްޒައްދީން ޢަދްނާން މަތީ ތަޢުލީމު ހާސިލްކުރައްވާފައިވަނީ ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އަދި މިހާރު ގެންދަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލުކުރައްވަމުންނެވެ. އޭނާ ތަޢުލީމު ހާސިލްކުރައްވާފައިވަނީ ޝަރީޢާގެ ދާއިރާއިންނެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުން އިދާރާއެއް އުފައްދަވާފައިވަނީ ރާއްޖޭގައި ޒަކާތާމެދު ހޭލުންތެރިކަން އުފައްދާ ޒަކާތް ބަލައިގަތުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ބޭނުމުގައެވެ. މި އިދާރާ އުފައްދަވާފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އިދާރާ އިފްތިތާޙްކޮށްފައިވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.