ޚަބަރު

ރައްޔިތުންގެ ވިސްނުމުގައި މަސައްކަތް ނުކުރާ މަޖިލީހެއް އޮތުމުން ވާނެގޮތް މިއަހަރުގެ ބަޖެޓުން އެބަފެނޭ: ރައީސް


  • ކޮންމެ ދުވަހަކީ ވެސް ރައްޔިތުންނަށް ކަންކަންކޮށްދެވޭ އަދި ނަތީޖާ ނެރެދެވޭ ދުވަހަކަށް ބޭނުންފުޅުވޭ

  • ސަރުކާރަށް އެއްބާރުލުން ނުދޭނެ ބަޔަކު މަޖިލީހަށް ހޮވައިގެން ފިއްތުންތަކާ ކުރިމަތިވާނެ

ރައްޔިތުންގެ ވިސްނުމުގައި މަސައްކަތް ނުކުރާ މަޖިލީހެއް އޮތުމުން ވާނެގޮތް މިއަހަރުގެ ބަޖެޓުން ފެނިގެންދާ ކަމަށާއި، އެކަން ބަދަލުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ މައި ޕާޓީ، ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުގެ ތަރައްގީއަށް ގިނަ ކަންކަން ފަށްޓަވާފައިވާއިރު، އެމަނިކުފާނު ބޭނުންފުޅުވަނީ ކޮންމެ ދުވަހަކީ ވެސް ރައްޔިތުންނަށް ކަންކަންކޮށްދެވޭ އަދި ނަތީޖާ ނެރެދެވޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. އެކަމުގައި އެއްބާރުލުން ދޭނެ މެންބަރުންތަކެއް މަޖިލީހުގައި ތިބުން މުހިންމު ކަމަށާއި، ސަރުކާރާ ދެކޮޅު މެންބަރުން ތިބިނަމަބޭނުންވާ ކަންކަން ހާސިލް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ހިންގުމަށް ސަރުކާރުން ނިންމަވާފައިވާ އަދި ރައީސްގެ ތަސައްވުރުގައި ހިމެނޭ، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓަަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، އެއީ ދިވެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ހަރުފަތްތަކަށް ގެންދާނެ މަޝްރޫއެއްކަމަށެވެ. ރައީސް ވިދާޅުވީ އެކަން ހާސިލްކުރެވޭނީވެސް އެ މަސައްކަތަށް އެއްބާރުލުން ދެއްވާނެ މެންބަރުން މަޖިލީހަށް ހޮވައިގެން ކަމަށެވެ. އަދި ސަރުކާރަށް އެއްބާރުލުން ނުދޭނެ ބަޔަކު މަޖިލީހަށް ހޮވައިގެން ފިއްތުންތަކާ ކުރިމަތިވާނެ ކަން ފާހަގަކުރައްވާ ރައީސް ވަނީ މިއަހަރު ސަރުކާރުން ކުރިއަށް ގެންދިއުމަށް ބޭނުންވި ބައެއް ކަންކަމަށް މަޖިލީހުން ބަޖެޓު ފާސްކުރިއިރު ހުރަސް އަޅާފައިވާކަން މިސާލުން ދައްކުވާފައެވެ.

"ސަރުކާރުން ކިތަންމެ ބޭނުންވިޔަސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުން ނުލިބެންޏާ ހަމަ ކިތަންމެ ހުރަހެއް ކުރިމަތިކުރެވޭނެ. ބަޖެޓް ފާސްކޮށް ނުދިނުމުން އަޅުގަނޑުމެން ކޮންތާކަށްތޯ ދާނީ. އެ ބޭފުޅުން ބޭނުންގޮތަކަށް މަސްސުނިކޮށްފައި ފާސްކުރީމަ އަޅުގަނޑުމެން ތިބޭނީ ތާށިވެފައި ނޫންތޯ. އަޅުގަނޑު ބޭނުން ނޫން އެކަން ވާކަށް އެހެންނެއް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ނަތީޖާ ނެރެދެން ކަމަށާއި، ރައްޔިތުންގެ މިއަދުގެ އަދި މާދަމާގެ ހާލަތު ބަދަލު ކުރުމަށް ސަރުކާރަށް އެއްބާރުލުންދޭނެ މެންބަރުން މަޖިލީހަށް އިންތިޚާބު ކުރުން މުހިންމު ކަމަށެވެ. އަދި މަޖިޅިހުގެ ތެރެއިން ސަރުކާރަށް މަގުފަހިކޮށްދީފިނަމަ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.