ޚަބަރު

4 މަސްދުވަހުންވެސް ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ރައީސް ގެންނަވައިފި: ސަޢީދު


  • ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ދެނެގަންނަމުން އަންނަކަމަށް

  • ވިޔަފާރިަކަށް ފަހި މާހައުލެއް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވި

  • ރައީސާއި ސަރުކާރުގެ ދިފާޢުގައި ހުންނަވާނެކަމަށް ވިދާޅުވި

ދިވެހި ވިޔަފާރިތަކަށާއި، ތަރައްގީއަށް ހުރި ދަތިތައް ދެނެގަނެ ޙައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީއެންސީން ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަ ދައްކަމުން އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން މި ފާއިތުވި 4 މަހެއްހާ ދުވަހުގެ ތެރޭގައިވެސް ރާއްޖޭއަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުން މިއަދު ރާއްޖޭގެ ސަރަހައްދުގައި ބަންކަރައިންގެ ޚިދުމަތް ތަޢާރަފް ކުރެވެމުން އަންނަކަމަށެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭ ޗާޓުގައި ހޯރަފުށި ހިމެނޭ ސަރަޙައްދު ހިމެނިފައި އޮތްކަން ސަޢީދު ފާހަގަކުރެއްވިއެވެ. ސަޢީދު މިހެން ވިދާޅުވެފައިމިވަނީ، ދުނިޔޭގެ މަޤުބޫލު ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ ހިމަނާފައިވާތީއެވެ. ސަޢީދު ވަނީ މިއީ މީގެކުރިން ރާއްޖޭގެ ތާރީޚުގައިވެސް ވެފައި ނެތްކަމެއްކަންވެސް ފާހަގަކުރައްވާފައެވެ.

އެކި ސަރުކާރުތަކުން މި މަސައްކަތް ކުރަން ކުރަން އުޅެ ކާމިޔާބުނިވިނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަން ކާމިޔާބުކުރައްވާފައިވާކަމަށްވެސް ސަޢިދު ވިދާޅުވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ދިވެހި ވިޔަފާރިތަކަށާއި، ޤައުމުގެ ތަރައްޤީއަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި އެ ދަތިތައް ޙައްލުވުމުން އިގްތިޞާދު ހަރުދަނާ ކުރުމަށް ފަސޭހަވެގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ފައިސާ ހޯދާނެ ގޮތާއި، ދަރަނި ކުޑަކުރާނެ ގޮތާއި، އަރަނި އިތުރު ކުރާނެ ގޮތާއި، މިރާއްޖެ ހުއްޓުމެއްނެތި ތަރައްގީގެ ރޭހުގައި ކުރިއަތް ދާން ގޮތް އެއޮތީ ރައީސްގެ މެނިފެސްޓޯގައި އެކުލަވާލާފައި" އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރު ދިފާއުކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ. އަދި ދިވެހިރާއްޖެއަށް ގެންނަން ޖެހޭ ތަރައްޤީ ގެނައުމުގައި ފުރިހަމަ އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާނެކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.