ޚަބަރު

އައްޑޫގެ ކަންކަމުގައި ވަކިބަޔަކަށް ބަސްބުނުމަށް އޮތް ފުރުޞަތު ބަދަލުކޮށްދެއްވާ، ނަތީޖާ ނެރެދޭނަން: ރައީސް


  • ޤައުމުގެ ތަރައްގީގެ ޕްލޭނުގައި އައްޑޫ ސިޓީއަކީ މުހިންމު ހިއްސާއެއް އޮތް ތަނެއް

  • ވަކި ބަޔަކަށް މަޖިލީހުގައި ބަސްބުނުމުގެ ފުރުސަތު ދީގެން ނަތީޖާ ނުނެރެދެވުނު

  • އައްޑޫގެ ތަރައްޤީއަށް ބޮޑު ބަދަލެއް ގެންނަވަނާނެކަމުގެ ޔަޤީންކަން ދެއްވި

އައްޑޫސިޓީގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަކި ބަޔަކަށް ބަސްބުނުމުގެ ފުރުޞަތު މިހާތަނަށް ދެމުން ދިއުމުގެ ތާރީޚު ބަދަލުކޮށްލައިފިނަމަ ނަތީޖާ ނެރެދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީއެންސީން ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ގެންގުޅޭ ޤައުމީ ތަރައްގީގެ ޕްލޭނުގައި އައްޑޫ ސިޓީއަކީ މުހިންމު ހިއްސާއެއް އޮތް ތަނެއް ކަމަށެވެ. މި ޕްލޭނުގެ ދަށުން އައްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު އެކަން ހާސިލްކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީގެ ގޮނޑިތައް އަބަދުވެސް ވަކި ބަޔަކު ކޮންޓްރޯލްކުރާކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ އެ ސިޓީގެ ކަންކަމުގައި މަޖިލިސް ތެރެއިން ބަސްބުނުމުގެ ފުރުސަތު ދިނުމުން ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވިފައިނުވާ ކަމަށެވެ. ކުރިން އެކިވަރުގެ މަޝްރޫޢުތައް ހިންގާފައި ހުރި ނަމަވެސް މުޅި ސިޓީގެ ތަރައްގީއަށް ރައްޔިތުން ގެންގުޅޭ ތަސައްވުރު ހާސިލްނުވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނަށް އިތުބާރުކޮށް އެ ފުރުސަތު ދެއްވައިފިނަމަ އައްޑޫސިޓީން ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"މިއީ އެންމެން އެކުގައި މަސައްކަތް ކުރައްވައިގެން ދުވަހަކުވެސް ހާސިލުނުވެ މިއޮތް ތަރައްގީ ހާސިލްކުރަންވީ ފަހަރު. ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ވާނީ ސަރުކާރު ތެރެއިން މަސައްކަތް ފަށާފައި. ޓޫރިޒަމް ދާއިރާއިން އައްސޭރި ޓޫރިޒަމް. އެއަރޕޯޓުގެ މަސައްކަތް އަވަސްކޮށް ފުޅާކޮށް، ބްރިޖުގެ މަސައްކަތް، އެކިކަހަލަ ޢުމްރާނީ ތަރައްޤީގެ މަސައްކަތް ފެށުމުގެ މަސައްކަތް އަދި ފެށިފައި ހުރި ކަންކަން ބާރަށް ކުރިއަށްގެންދިއުމަށް މި ހުރިހާކަމެއް މިދަނީ ކުރަމުން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ޤާނޫނީ ގޮތުން ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާ ތަރައްގީގެ ޕްލޭނެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފާސްކުރަންކަމަށެވެ. އެކަމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން މަޖިލީހުގައި ތިބުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެހެން ވިސްނުމެއްގެ ބަޔަކު މަޖިލީހަށް ހޮވައިފިނަމަ ރާއްޖެ ތަރައްގީ ކުރުމަށް އެމަނިކުފާނު ފަށްޓަވާފައިވާ މަސައްކަތްތައް މަޑުޖެހިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.