ޚަބަރު

ރައީސް ޔާމީންގެ އަރިހުގައި މިހާރު ތިއްބެވީ އެމަނިކުފާނަށް އިޚްލާސްތެރި ބައެއް ނޫން: ޕީޕީއެމް/ޕީއެންސީ


  • ޑރ. ޖަމީލު އުފައްދަވާ ޕާޓީއެއްކަމަށް ތުހުމަތުކުރެއްވި

  • ޑރ.ޖަމީލާއި، މަލީހު ރައީސް ޔާމީންނަށް އިޚްލާސްތެރި ނުވާނެކަމަށް ވިދާޅުވި

  • ރައީސް މުޢިއްޒު، ރައީސް ޔާމީނަށް އަނިޔާވެރިނުވާނެކަމަށްވެސް ހާމަކުރައްވި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހުގައި މިހާރު ތިއްބެވީ އެމަނިކުފާނަށް އިޚްލާސްތެރި ބައެއް ނޫންކަމަށް ވިދާޅުވެ، ޕީޕީއެމް/ޕީއެންސީގެ ލީޑާރޝިޕުން ފާޑުވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެން މިއަދު ބޭއްވެވި ޕެނަލް ޑިސްކަޝަންގައި ވަނީ ރައީސް ޔާމީންގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފައްދަވާފައެވެ. މިގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމ ނައިބު ރައީސް އަދި އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު، އެމްޑީޕީގެ އެމްޑީޕީއާއެކު ރައީސް ޔާމީނަށް އެކި ޕްލެޓުފޯމްތަކުގައި ފާޑުވިދާޅުވިކަން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު، ވަކީލުންގެ ފަރާތްޕުޅުން ޕީޕީއެމް/ޕީއެންސީގެ ލީޑާރޝިޕަށް ލިބިވަޑައިގެންނެވި މެސެޖުތަކުގެ އިތުބާރު ނެތްކަމަށް ވިދާޅުވެ ސުވާލު އުފެއްދެވިއެވެ.

ޕެނަލުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ސަރުކާރުގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އޭރު ޕާޓީ ލީޑާޝިޕާއި ހަމައަށް ފޯރުކޮށްދޭ މެސެޖްތައްކަށްވެސް އިތުބާރު ނުކުރާ ހިސާބައް ކަންކަން ދިޔަ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ރައީސް ޔާމީނަށް މިދިން އަނިޔާ. ރައީސް ޔާމީނަށް [އޭރުގެ] ސަރުކާރުން ދިން އަނިޔާއަށް ވުރެ ބޮޑު އަނިޔާއެއް ޑރ. ޖަމީލް ރައީސް ޔަމީންގެ ވަކީލަކަށް ހުންނަވައިގެން ދެއްވައިފި. އަޅުގަނޑު ހައިރާންވޭ ޑރ. ޖަމީލް އުފައްދަވައިގެން އުޅުއްވާ ޕާޓީއަށް ރައީސް ޔާމީން ވަޑައިގަތީމަ." އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ އެވާހަކަތަކަށް ބާރުދެއްވައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައީސް ޔާމީންގެ ވަކީލުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ބޮޑެތި ރިޕޯޓުތައް ލިއުއްވައި މަސައްކަތް ކުރެއްވި އިރު އޭގެއިން އެއްވެސް އަލިމަގެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކީ ރައީސް ޔާމީންގެ ޝަރީއަތުގެ ކޮންމެ އަޑުއެހުމަކަށް ދިޔަ މީހެއް. އަޅުގަނޑަށް ފާހަގަވެގެން ދިޔައީ، ރައީސް ޔާމީނަށް ލުޔެއް ލިބުނީއްޔާ ލިބިވަޑައިގަތީ ރައީސް ޔަމީން ކޮޅަށް ތެދުވެ ދެއްކެވި ވާހަކައަކުން. އަޅުގަނޑުމެންނަކަށް ޤާނޫނީ ވަކީލުންގެ ވާހަކައަކުން އެއްވެސް ކުރިއެރުމެއް ފެންނާކަށް ނެތް. " އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ލީޑަރޝިޕްގެ ބޭފުޅުން ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސް ޔާމީނަށް އަނިޔާވެރިވެވަޑައިގެން ކަމެއް ނުކުރާނެކަމުގެ ޔަަޤީންކަން އެބައޮތްކަމަށެވެ.