ޚަބަރު

ގަނާކުރުމާ ދެކޮޅަށް ހޭލުންތެރިކުރުވަން އިސްލާމީ ވުޒާރާއިން ޚާއްސަ މަސައްކަތްތަކެއް ފަށަނީ


ގަނާ ކުރުމާއި ދެކޮޅަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިން ގަނާ ކުރުމުން ރައްކާތެރިކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ހާއްސަ ޓާސްްކްފޯހެއް އެކުލަވާލާފައެވެ. އެގޮތުން މި ޓާސްކްފޯހުގެ މަސައްކަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މިމައްސަލައަށް ޤައުމު ހޭލުންތެރި ކުރުވަން އެ ވުޒާރާގެ ފަރާތުން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން އެކަމަށް މުޅި ޤައުމު ހޭލުންތެރިކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރާނަން. މިގޮތުން ޚުޠުބާތަކުގެ ޒަރިއްޔާއިންނާއި، ދީނީ އެކިއެކި ޕްރޮގްރާމްތަކާއި ފޯރަމްތަކާއި، ބެލެނިވެރިންނަށް ހިންގޭ ޕްރޮގްރާމްތަކާއި އަދި އެކިއެކި އުމުރުފުރާތަކަށް ބަހައިގެން ކުރިއަށް ގެންދެވޭ ތަރުބަވީ ޕްރޮގްރާމުތަކުގެ ތެރެއިން، މިފަދަ ނޭދެވޭ ކަންކަން؛ އަނިޔާތައް ތަކުރާރުވެ ނުދިއުމަށްޓަކައި މާތްﷲ އިރާދަ ކުރެއްވީއްޔާ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ގަނާ ކުރުމުގެ ނޭދެވޭ އަމަލު ހުއްޓުވުމަށް ޤައުމީ ފެންވަރުގައި ވަޒީރުން ހިމެނޭ ޓާސްކް ފޯހެއް އެކުލަވާލާފައިމިވަނީ، އއ. ރަސްދޫގައި ކުޑަކުއްޖަކަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ އެކަން ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައުމާއެކުއެވެ.

އެގޮތުން އެކުއްޖާއަށް ގަނާ ކޮށްފައިވަނީ އުމުރުން 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒީރުވަނީ ހާމަކުރައްވާފައެވެ.