ޚަބަރު

ސްކޫލުތަކަށް ބޭނުންވާވަރަށް ކައުންސެލަރުން ތަމްރީނުކުމުގެ މަސައްކަތް ފަށަނީ


  • ސަރުކާރު 225 ސްކޫލުތެރިން ކައުންސިލަރުން ތިބީ 51 ސްކޫލުގައި

  • ރައީސްގެ އިރުޝާދުގެ ދަށުން ކައުންސިލަރުން ތަމްރީނުކުރުމަށް މަސައްކަތް ކުރަމުންދަނީ

  • ގަނާ ކުރުމުގެ މައްސަލަ މިހާރު އޮތް ހާލަތުން ހައްލުކުރެވޭނެ ކަމަށް ވަޒީރު ޤަބޫލު ކުރައްވާ

ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ ވަރަށް "ސްކޫލް ކައުންސެލަރުން" ތަމްރީނު ކުރުމަށް ތައްޔާރުވަމުންދާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓާސްކްފޯހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަނާ ކުރުމުގެ މައްސަލަ ސްކޫލުތަކުގައި އޮތް ހާލަތަށް ތަޢުލީމީ ވަޒީރު އިސްމާޢިލް ޝަފީޢު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސްކޫލުތަކުގައި އެފަދަ އެމައްސަލަތައް ގިނަވަމުން އަންނަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެމައްސަލަ ހައްލު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީވެންވާ މިންވަރަށް "ސްކޫލް ކައުންސެލަރުން" ނެތުން ކަމަށެވެ.

އެގޮތުން ވަޒީރު ވަނީ ސަރުކާރު ސްކޫލުގެ ގޮތުގައި 225 ސްކޫލު ހުރިއިރު، އޭގެ ތެރެއިން "ސްކޫލް ކައުންސެލަރުން" ހަމަޖެހިފައިވަނީ އެންމެ 51 ސްކޫލެއްގައިކަން ފާހަގަކޮށްފައެވެ. އޭގެސަބަބުން ތަޢުލީމީ ނިޒާމުގެ ތެރޭގައި ކަމެއް ދިމާވިއަސް ބައެއް ފަހަރު ދޭން ޖެހޭ އަޅާލުމާއި އޯގާތެރިކަން ދިނުމުގައި ގޮންޖެހުންތައް ދިމާވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ މިމައްސަލަ މިހާރު ދެނެގަނެވި ރައިސުލްޖުމުހޫރިއްޔާގެ ލަފަފުޅާއި އިރުޝާދާއެއްގޮތަށް ކައުންސިލަރުން ތަމްރީނު ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"މިމައްސަލައަށް ހައްލުހޯދުމަށް ޢިއްޒައްތެރި ރައިސުލްޖުމުހޫރިއްޔާގެ ޚާއްސަ ލަފާފުޅާއި އިރުޝާދާއި އެކީގައި ޓީޗަރުން ތަމްރީނު ކުރުމުގެ ޚާއްސަ ޕްރޮގްރާމުގެ ތެރެއިން ސެން ޓީޗަރުން ކައުންސިލަރުން އަދި ރާއްޖެއަށް ބޭނުން ވެފައިވާ ގިނަ އަދަދެއް ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މިދަނީ ވިލަރެސްކުރަމުން. އަދި މި ޕްރޮގްރާމުގެ ތެރޭގައި ކައުންސިލަރުން ތަމްރީނު ކުރުމަށް ޚާއްސަ އިސްކަމެއް ދެވިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެކަށީގެންވާވަރަށް "ސްކޫލް ކައުންސެލަރުން" ތަމްރީނުކުރެވި ސްކޫލްތަކުގައި ޙަރަކާތްތެރިވާން ފެށުމުން މިހާރު ކުރިމަތިވެފައިވާ ގަނާކުރުން ފަދަ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ.


ތަޢުލީމީ ނިޒާމުގެ ތެރޭގައި ގަނާކުރުން ފަދަ ނޭދެވޭ ޢަމަލުތަކުގެ މައްސަލަތައް ފެންމަތިވާ މިންވަރަށް ބަލާއިރު، މިއަހަރު މިހާތަނަށް އެކި ސްކޫލުތަކުން އެފަދަ 26 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިމައްސަލަތައް ފެންމަތިވި ނަމަވެސް ނިޒާމުގެ ތެރެއިން މިކަންކަން ހައްލުކުރުމަށް ގިނަ ސިޔާސަތުތަކެއް އެކުލަވާލައި ބެލެނިވެރިންނާއި މުދައްރިސުން އެކަންކަމަށް އަހުލުވެރިކޮށް، ކުދިންނަށް ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކުދިން އިޖުތިމާޢީ މިންގަނޑާއި ޚިލާފް ޢަމަލުތައް ނިޒާމުގެ ބޭރުން ދަސްކުރި ނަމަވެސް އެ ނިޒާމު ތެރޭގައި އެފަދަ ކަމެއް ތަކުރާރު ކުރާ ހިސާބުން ސްކޫލްތަކުގައި މިފަދަ ކަންކަމަށް އިޖާބަ ދިނުމަށް ހެދިފައި ހުންނަ ސިޔާސަތުތުތަކުގެ ތެރެއިން އެފަދަ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރެވޭކަމަށެވެ. އަދި އެ ނިޒާމުގެ ތެރޭގައި މިހާރު މައްސަލަހުރި މިންވަރަށް ބަލާއިރު މިއީ ޙައްލުނުކުރެވޭ ވަރުގެ މައްސަލައެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.