އއ. ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހަޅުއްވައިފިއެވެ.
މި މައްސަލަ އެ ކޮމިޓީއަށް ހުށަހެޅުއްވީ ރިޔާސަތުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި ކޮމިޓީގެ މުޤައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.
ރަސްދޫ މިސްކިތެއްގެ ފާޚާނާ ހުންނަ ސަރަހައްދުގައި ކުޑަކުއްޖަކަށް އަނިޔާކޮށް، ހުތުރުބަހުން މުއާމަލާތުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. މި ވީޑިއޯއާ އާންމުވުމާއެކު ވީޑިއޯގައި އެ ކުއްޖާއަށް އަނިޔާ ކުރާ ކުދިން ދެނެގަނެ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. އެގޮތުން، ފުލުހުންގެ ޚިދުމަތާއި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހަޅުއްވާފައިވާކަން ކަށަވަރުކޮށްދެއްވައި، އެކަމާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޖީހާން ވިދާޅުވީ އެ މައްސަލައިގައި ތިން ނަޒަރިއްޔާތަކުން ކޮމިޓީން ކަންކަން ބަލާނެ ކަމަށެވެ. އެގޮތުން، އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއި އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގޮތްތައް ކޮމިޓީން ބަލާނެ ކަމަށް ވިދާޅުވިއެވެ.
މި މައްސަލައިގައި އަނިޔާ ކުރާ ކުދިންނަކީ ވެސް ކުޑަކުދިން ކަމަށްވުމުން ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި ވުޒާރާތަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ގޮތްތައް ބަލާނެ ކަމަށާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކުރަމުންދާ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ކޮމިޓީގެ މުޤައްރިރު ޖީހާން ވިދާޅުވިއެވެ.
ޖީހާން އިތުރަށް ވިދާޅުވީ މިފަދަ ގަނާގެ މައްސަލަތައް ހުއްޓުވުމަށް މިހާރު ވެސް ސިޔާސަތުތައް އެކުލަވާލާފައިވީ ނަމަވެސް އެފަދަ މައްސަލަތައް އިތުރުވަމުންދާ ސަބަބުތައް ދެނެގަތުން މުހިންމު ކަމަށެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމުގެ ކަންކަން އިދާރާތައް ގުޅިގެން ކުރަމުންއަންނައިރު މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާއަށް އަނިޔާކުރި ދެ ކުދިން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެއީ 13 އަދި 14 އަހަރުގެ ދެކުދިން ކަމަށް ވަނީ ވިދާޅުވެފައެވެ.