ޚަބަރު

ކުޅިވަރު ދާއިރާގެ ގިނަ މަޝްރޫޢުތައް މިއަހަރުތެރޭ ކުރިއަށްދާނެ: ރައީސް


  • މިއަހަރަށް ވަނީ ކުޅިވަރުގެ ގިނަމަޝްރޫޢުތަކެއް ހިންގުމަށް ރާވާފައި

  • ކުޅިވަރުގެ ދިގުރާސްތާ ޕްލޭނެއްވެސް ވަނީ އެކުލަވަލާފައި

ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫޢުތަކުގެ މިއަހަރު ތެރޭގައި ކުރިއަށް ދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ރައީސްގެ ޖަވާބު ޕްރޮގްރާމްގެ ތެރެއިން ނ.މާޅެންދޫ، ލައިފްހާޓް، މުޙައްމަދު ނިޝާމް، ރައީސުލްޖުމުހޫރިއްޔާއަށް ސުވާލު ދެންނެވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްޕޯޓްސް އެރީނާތައް ޤާއިމުކުރެއްވުމުގެ ވަޢުދާ ގުޅޭގޮތުންނެވެ. އެގޮތުން ސްޕޯޓްސް އެރީނާތައް ޤާއިމްކުރެވޭނީ ކިހާތާކުތޯ އޭނާ ސުވާލުކުރިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކުޅިވަރުގެ ދާއިރާއަކީ ވަރަށް ބޮޑު އިސްކަމެއް ދެވިފައިވާ ދާއިރާއެއް ކަމަށެވެ. އެގޮތުން އެކަމަށް ވަކި ޚާއްޞަ ވުޒާރާއެއް އުފައްދަވައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް އަދި ފަރުވާ ފޯރުކޮށްދިނުމާއި އެކަންކަން ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން މިދާއިރާގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިހާރުވެސް އެކި ރަށްރަށުގައި އެގޮތަށް މަސައްކަތްތައް ފެށުމުގެ މަރުހަލާގައި އެދަނީ. ބައެއްތަންތާ އަމަލީ ގޮތުންވެސް ފެށިފައިވާނީ. އެހެންވީމަ ސްޕޯޓްސް އެރީނާ އަދި ވަކިވަކި ކޯޓުތައް އެޅުމަށް އިންޑޯކޯޓުތަކާއި، އަންހެން ބޭފުޅުންނަށް ޚާއްޞަކޮށް ބޭނުންވާ ހޭންޑްބޯލް ކޯޓުތައް، މިހެންގޮސް އެކިކަހަލަ ކޯޓުތައް އެޅުމަށް މިއަހަރުތެރޭ ގިނަ މަސައްކަތްތަކެއް ހިންގާނެ " ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކުޅިވަރު ކުޅުމުގެ ވަސީލަތްތައް ރައްރަށުގައި ޤާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައި ކުރިއަށް ގެންދާއިރު ކުޅިވަރުގެ ދިގުރާސްތާ ޕްލޭނެއްވެސް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ އެކުލަވާލާފައެވެ. އެގޮތުން މި ޕްލޭނަށް ކުޅިވަރު އެސޯސިއޭޝަންތަކާއި ދާއިރާގެ ގިނަބައެއް ޚިޔާލު ހޯދުމަށް ފަހު ފައިނަލް ކުރާނެއެވެ. މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ ކުޅިވަރު ދައިރާ ތަރައްޤީވެ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބާއްވައި މުބާރާތްތަކުގައި ރަންވަނަތައް ހާސިލް ކުރެވޭ ކުޅުންތެރިން ބިނާ ކުރުމެވެ.