މުނިފޫހިފިލުވުން

ގްރޭންޑް ފިނާލޭ އަންނަ ހޯމަ ދުވަހުގެ ރޭ


މޯލްޑިވިއަން އައިޑަލް ސީޒަން އެކެއްގެ ގްރޭންޑް ފިނާލޭ އަންނަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ގްރޭންޑް ފިނާލޭ ނުވަތަ އެންމެ ފަހު ޝޯވް ކުރިން ބާއްވަން އޮތް ތާރީހު ފަސްކުރީ އެ ޝޯވްއަށް ރާއްޖެއިން ބޭރުގެ ބައެއް ފަންނާނުން ގެނައުމަށް ހަމަޖެހިފައިވާތީ އެކަމަށްޓަކައި ތައްޔާރުވުމުގެ ގޮތުން ކަމަށް ޕީ.އެސް.އެމުން ހާމަކުރެއެވެ.

img:http://s3.psmnews.mv/images/660x400/14618367689083.jpg|މޯލްޑިވިއަން އައިޑަލް - އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭ ބޭއްވުމަށްޓަކައި ޕީ.އެސް.އެމްގެ ޓީމުން ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިހާރު މިވަނީ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހު ބަދަލުކޮށްފައެވެ. ކުރިން ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހެވެ. އެހެން ނަމަވެސް މިހާރު ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 2 ވާ ހޯމަ ދުވަހު ރޭ އެވެ.

ޕީ.އެސް.އެމްގެ ފަރާތުން މިގޮތަށް ހަމަޖެއްސެވީ ގްރޭންޑް ފިނާލޭ ޝޯވގައި އިންޓަރނޭޝަނަލް އާޓިސްޓެއް ބައިވެރިކުރުމަށް ހަމަޖެހިފައިވާތީ، އޭނާ ރާއްޖެ ގެނެއުމަށްޓަކައި އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންތައްތަކެއް ހުރުމުން، އެކަންތައްތައް ހަމަޖެއްސުމުގެ ގޮތުންކަމަށް ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަދި މޯލްޑިވިއަން އައިޑަލްގެ ޕްރޮޖެކްޓް ހެޑް އާމިނަތު ޝާޔަން ޝާހިދު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14618367957613.jpg|މޯލްޑިވިއަން އައިޑަލް - އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

ޝާޔަން ވިދާޅުވީ، ގްރޭންޑް ފިނާލޭ ފަސްކުރިނަމަވެސް، ކުރިއެކޭވެސް އެއްގޮތަށް ހުކުރު ދުވަހު އޮންނަ ޕާފޯމެންސް ޝޯވ ތާވާލްކުރެވިފައިވާގޮތަށް ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެރޭވެސް ބައިވެރިންނަށް ވޯޓުދިނުމަށްޓަކައި، އެސް.އެމް.އެސް ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށާއި، އެހެންނަމަވެސް، ވޯޓު ދިނުމަށް ހުޅުވާލެވޭ މުއްދަތު އިތުރުކުރުމާމެދު އަދި ވަކިގޮތެއް ނިންމާފައިނުވާކަމަށް ޝާޔަން ވިދާޅުވިއެވެ. ގްރޭންޑް ފިނާލޭގައި ބެލުންތެރިންނަށާއި އަދި މި މުބާރާތުގެ ބައިވެރިންނަށްވެސް ވަރަށް ގިނަ ސަރޕްރައިޒްތަކެއް ފެނިގެންދާނެ ކަމަށް ޕީ.އެސް.އެމުން ހާމަކުރެއެވެ.

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭއަށް ދަތުރުކުރި ގަދަ 3 ބައިވެރިން އިޢުލާންކޮށްފައި ވަނީ މިދިޔަ ހަފްތާގައި ބޭއްވި އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގައެވެ. ގަދަ 12 ބައިވެރިންނާއެކު ފެށި މި މުބާރާތުގެ ގާލާ ރައުންޑުގެ ޝޯވތައް މިހާރު ނިމިފައިވާއިރު، މި 12 ބައިވެރިންގެ ތެރެއިން ގްރޭންޑް ފިނާލޭއަށް ދަތުރުކުރި 3 ބައިވެރިންނަކީ ޝަލަބީ އިބްރާހީމް، މުޙައްމަދު އިޝާން އަދި ލައިޝާ ޖުނައިދެވެ. މި މުބާރާތުގެ ގަދަ 10އަކާއި ހަމައަށް ދަތުރުކުރި ބައިވެރިންނާއެކު ޕީ.އެސް.އެމުން ވަނީ ޓްލެންޓް މެނޭޖްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ބައިވެރިންނަށް ބޭނުންވާ ތަމްރީންގެ ފުރުޞަތުތަކާއި، ލަވަކިޔުމާއި، މިއުޒިކްގެ ދާއިރާއިން އިތުރަށް ކުރިއަށްދިޔުމުގެ ފުރުޞަތު ހޯދައިދިނުމަށް ޕީ.އެސް.އެމްގެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ.

img:http://s4.psmnews.mv/images/660x400/14618367830861.jpg|މޯލްޑިވިއަން އައިޑަލް - އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

ގާލާ ރައުންޑުގެ ޝޯވތަކާއެކު ކޮންމެ ހަފްތާއަކުވެސް ބެލުންތެރިނަށް ޚާއްސަ ކަންތައްތަކެއް ފެނިގެންދެއެވެ. އެގޮތުން ގެސްޓް ޖަޖުންގެ ގޮތުގައި އަދި ޚާއްސަ ހުށައެޅުންތަކުންވެސް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވަމުންދާ މަޝްޙޫރު ފަންނާނުންނާއި، މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްޙޫރު ފަރާތްތަކުން ވަނީ ގާލާ ރައުންޑުގެ އެކި ޝޯވތަކުގައި ބެލުންތެރިންނަށް ފެނިގެންގޮސްފައެވެ.