ކުޅިވަރު

ކޮމްޕެނީ ޓޭޕްބޯލް: ލަގްޒަރީ ލެގޫންސް އާއި އެސެންސޯއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ލަގްޒަރީ ލެގޫންސް އާއި އެސެންސޯ މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން ލަގްޒަރީ ލެގޫންސް މޮޅުވީ ފްރެންޑްސް މޯލްޑިވްސްއާ ވާދަކޮށް ފަސް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ފްރެންޑްސް މޯލްޑިވްސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 99 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީނުބައިނުވެ 24 ބޯޅައިން 22 ލަނޑު ހެދި ޖައުޒީ ޖުނައިދެވެ. ޖަވާބުގައި ލަގްޒަރީ ލެގޫންސް ކުޅެން އަރައި 6.3 އޯވަރުގެ ތެރޭގައި ވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 104 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 17 ބޯޅައިން 27 ލަނޑު ހެދި ރަސިކަ ރުވާން އާއި، ނުބައިނުވެ 14 ބޯޅައިން 26 ލަނޑު އެއްކުރި މަލިންދައެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުން އަސެންސޯ މޮޅުވީ އެލިއާ މޯލްޑިވްސްއާ ވާދަކޮށް ނުވަ ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އެލިއާ ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު އަސެންސޯ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 104 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ހަ ބޯޅައިން 18 ލަނޑު ހެދި މުޙައްމަދު ނަސްމީއެވެ. ޖަވާބުގައި އެލިއާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 95 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 13 ބޯޅައިން 24 ލަނޑު އެއްކުރި މުޙައްމަދު ރިލްވާނެވެ.

މި އަހަރުގެ ކޮމްޕެނީ މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަވަނަ ދުވަހެވެ.