ޚަބަރު

ކުންފުނިތަކަށް ދަރަނި ދެއްކޭނެ ހެޔޮ ގޮތްތަކެއް މިދަނީ ހޯދަމުން: ރައީސް


  • ދަރަނިތައް އެއްފަހަރާއި ދެއްކުމުގެ މަސައްކަތް މިދަނީ ކުރަމުން

  • ކުންފުނިތަކަށް އިތުރަށް މަންފާވާނެ ގޮތްތައްވެސް މިދަނީ ހޯދަމުން

  • ކުންފުނިތައް ހަރުދަނާ ކުރުމަކީ އިގްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން ސަމާލުކަން ދޭނެ އެއްދާއިރާ

ސަރުކާރު ކުންފުނިތަކުން ނަގާފައިވާ ލޯނުތަކާއި ދަރަނިތައް ދޭއްކޭނެ ގޮތްތަކެއް ހޯއްދަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެއެވެ.

ރައީސްގެ ޖަވާބު ޕްރޮގްރާމްގެ ތެރެއިން އައްޑޫ ސިޓީ، ހިތަދޫ ޒެޓައިރު، ނައުޝާދު ޢަބްދުއްރައްޒާޤު، ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ދެންނެވީ ސަރުކާރު ކުންފުނިތަކުގެ ދަރަނިތައް އަދާކުރުމަށް ގެންގުޅުއްވާ ޕްލޭނާ ގުޅޭގޮތުންނެއެވެ.

ނައުޝާދު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ކުންފުނިތައް ބޭނުންކޮށްފައިވަނީ ސިޔާސީ ބޭނުންމަށްކަމަށާއި އެކަމުގެ ސަބަބުން ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިގްތިޞާދު އޮތީ ވަރަށް ހާލުގައިކަމަށެވެ. އޭގެތެރެއިން އެންމެ ބޮޑު އެއްފަރާތަކީ ސަރުކާރު ޙިއްސާވާ ކުންފުނިތައްކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ގިނަ ކުންފުނިތައް އޮތީ ބަންގުރޫޓު ވުމާއި ހަމައަށް ގޮސްފައި. ބޮޑެތި ދެތިން ކުންފުނިފިޔަވާ ފައިދާވާ ކުންފުނި މަދު. ދެން ކުންފުނިތައް ހަރުދަނާ ކުރުމަކީ އިގްތިޞާދު ހަރުދަނާކުރުމުގެ ތެރެއިން ސަރުކާރުން ސަމާލުކަން ދޭނެ އެއް ދާއިރާ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކުން ނަގާފައިވާ ލޯނުތަކާއި ދައްކަން ޖެހޭ ދަރަނިތައް ދެއްކޭނެ ގޮތްތަކެއް އެކަމާއި ގުޅުން ހުރި ބޭންކްތަކާއި ވާހަކަ ދައްކައިގެން ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން ކުންފުނިތަކުން އާންމުންނަށް ދަރާފައިވާ ދަރަނިތައް އެއްފަހަރާއި ދެއްކޭނެ ޕްލޭންތައްވެސް ހެދިގެން ކުރިއަތް ދާކަމަށެވެ.

ސަރުކާރު ޙިއްސާވާ ކުންފުނިތަކަކީ ސަރުކާރުން އެ ކުންފުނިތައް ހިންގުމަށް ޚަރަދު ކުރުން ހުއްޓާލައި، ފައިދާވާ ކުންފުނިތަކަށް ހެދުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ފިޔަވަޅުއެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14ގައިވެސް ހިމަނުއްވާފައިވާ ކަމެކެވެ