ޚަބަރު

"ދަޢުލަތަށް އެންމެ ފައިދާ ބޮޑުވާނީ ނިލަންދޫގައި އެއަރޕޯޓް އަޅައިގެން"


ފ. އަތޮޅުގައި އެއަރޕޯޓެއް އަޅާނަމަ ދަޢުލަތަށް އެންމެ ފައިދާ ބޮޑުވާނީ އެ އަތޮޅު ނިލަންދޫގައި އެއަރޕޯޓު އަޅައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު ވިދާޅުވެއްޖެއެވެ.

މެންބަރު ޢަބްދުލްމުޙުސިން މިހެން ވިދާޅުވި ފ. ނިލަންދޫގައި އެއަރޕޯޓު އެޅުމަށް، އެ އަތޮޅު މަގޫދޫގައި ކުރިއަށްގެންދާ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލާފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސްކުރައްވަމުންނެވެ.

މި މައްސަލައިގެ ބަހުސްގައި މެންބަރު ޢަބްދުލްމުޙުސިން ވިދާޅުވީ ނިލަންދޫގައި އެޅުމަށް ޕްލޭންކޮށްފައި އޮތް އެއަރޕޯޓެއްގެ މަސައްކަތް، ކުރީގެ ސަރުކާރުން އެއަތޮޅު މަގޫދޫއަށް ބަދަލުކޮށްފައިވަނީ ޖެއްސުންކުރުމުގެ ގޮތުން ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ޤާނޫނުތައް އުފެދެން ޖެހޭ ކަމަށާއި ސަރުކާރުން ހުށަހަޅާފައިވާ އަރބަން ޑިވެލޮޕްމަންޓް ބިލަކީ އެފަދަ މުހިންމު ބިލެއްކަމަށެވެ.

އެއަރޕޯޓް ފަދަ މަޝްރޫއުތައް ކުރިއަށްގެންދަން ޖެހޭނީ ދަޢުލަތަށް އެންމެ ގެއްލުން ކުޑަގޮތަކަށްކަން ފާހަގަކުރައްވައި ޢަބްދުލްމުޙުސިން ވިދާޅުވީ ނިލަންދޫއަކީ އެ އަތޮޅުގައި އޮތް އެންމެ އާބާދީ ބޮޑު ރަށް ކަމަށާއި ބިމުގެ ގޮތުން ވެސް ބޮޑު ރަށަކީ އެއީ ކަމަށެވެ. އަދި ދައުލަތުގެ އިދާރާތައް ވެސް އެ އަތޮޅުގައި ގާއިމުކޮށްފައިވަނީ އެ ރަށުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ދެރަށް އަޅާ ކިޔާ ކަމަށްވާނަމަ، ފ. އަތޮޅުގައި އެއަރޕޯޓެއް އަޅާކަމަށްވާނަމަ ދައުލަރަތަށް އެންމެ ގެއްލުން ކުޑަވާނީވެސް، ދައުލަތަށް އެންމެ ފައިދާ ބޮޑުވާނީވެސް ނިލަންދޫގައި އެއަރޕޯޓް އަޅައިގެން. އެއީ މީހުން އެތާގައި އެންމެ ގިނައީ. 2500 ޕްލަސް އާބާދީ އެބައޮތް. އެހެންވީމާ ދައުލަތުން ދޭ ހިދުމަތެއް އެތަނުން ބޭރެއް ނުކުރެވޭނެ. ސިއްހީ ހިދުމަތްތައް ވެސް އެތަނުގައި، ބޭންކިން ވެސް އެތަނުގައި،" އަބްދުލް މުހުސިން ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ޤައުމީ ތަރައްގީގެ ކަންކަން ކުރަން ޖެހޭނީ ދުރުރާސްތާ ޕްލޭނަކާ އެކުގައި ކަމަށެވެ. އަދި ޤައުމީ މަޝްރޫއުތަކާއި ސަރުކާރުގެ ވަސީލަތްތަކާއި ޚިދުމަތް ދޭން ޖެހޭނީ އެކަންކަން އެންމެ ޙައްގު ފަރާތްތައް ބަލައިގެން ކަމަށާއި އެއްވެސް ސަރުކާރަކުން އެފަދަ ކަންކަން ވޯޓު ހޯދުމުގެ ބޭނުމުގައި ނުކުރުމަށް އޭނާ ގޮވާލެއްވިއެވެ.

"ދުރުރާސްތާ ޕްލޭނަކާ ނުލައި ކުރާނަމަ ދުރުތާގައި ފައިދާ ނުވެދާނެ. ގައުމީ ތަރައްގީގެ ކަންކަން ހުންނަން ޖެހޭނީ ކުރިއާލައި ރޭވިގެން، އަދި ޤައުމީ މަޝްރޫއުތަކާއި ސަރުކާރުންދޭ ވަސީލަތްތަކާއި ހިދުމަތްތައް ދޭން ޖެހޭނީ އެންމެ އެކަންކަން ހައްގުވާ މީހުންނަށް ބަލައިގެން، އެއީ އެއަރޕޯޓެއް ވިޔަސް، މާލެ ރައްޔިތުންގެ ބޯހިޔާވަހިކަން ވިޔަސް،" އީވާ ވިދާޅުވިއެވެ.


ކުއްލި މައްސަލައިގެ މުހިންމުކަން ފާހަގަކުރައްވައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ކޮންމެ ޕާޓީއަކުން ވެސް ވެރިކަމަށް އަންނައިރު މެނިފެސްޓޯއެއް ގެންގުޅުނު ނަމަވެސް އެއީ 5 އަހަރު ދުވަހުގެ ޕްލޭނެއް ކަމަށެވެ. ނަމަވެސް އެއަށްވުރެ ދުރު ރާސްތާއަށް ވިސްނައިގެން ޕްލޭނެއް ގެންގުޅެން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ނޭޝަނަލް ޑެވެލޮޕްމަންޓް ޕެލޭނަކަށް އަޅުގަނޑުމެން ހުރިހާ ޕާޓީތަކުން، ހުރިހާ އެންމެން އެއްބަސްވެ، އެއަށް ގާނޫނީ ބާރުލިބޭ ފަދަ ގާއުނެއް އޮންނަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން.،" އަލީ ނިޔާޒު ވިދާޅުވިއެވެ.

ޤައުމީ ތަރައްގީގެ ދިގުރާސްތާ ޕްލޭނެއް ތައްޔާރުކުރައްވައި އެއަށް ޤާނޫނީ ބާރު ދެއްވުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.