މުނިފޫހިފިލުވުން

ވާހަކަ: އަލުންދިރުއްވި ހިތް


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ: ޖަނާ މުޙައްމަދު ދިދީ،ސ.މަރަދޫފޭދޫ/ލައިޓްސްޓާރ

  • ހުށަހެޅުއްވީ: ޙަނާން އިބްރާހީމް.ސޭވް/ޅ.ހިންނަވަރު

  • އެއަރކުރި ދުވަސް:28.03.2024

އަލީނާއަކީ ދީންވެރި އަދި ނުހަނު ފުދިގެންވާ ޢާއިލާއަކަށް ނިސްބަތްވާ ހަމައެކަނި އަންހެން ކުއްޖާއެވެ. ދީންވެރި މަންމައާއި ބައްޕައެއްގެ ތަރުބިއްޔަތުގެ ދަށުން އަލީނާ ބޮޑުވެގެން އައީ އަޅުކަމަށް ލޯބިކުރާ ކުއްޖެއްގެ ގޮތުގައެވެ.

އެހެންކަމުން ފުރާވަރަށް އެޅިގެން އައިއިރު އަލީނާ ވަގުތުން ވަގުތަށް ނަމާދުކުރެއެވެ. ގިނަގިނައިން ޤުރުއާން ކިޔަވައި ޒިކުރުކޮށް ހަދައެވެ. ޤުރުއާން އަޑުއަހަން ވެސް އަލީނާ ނުހަނު ލޯބިކުރެއެވެ. ޤުރުއާނުގެ ތަރުޖަމާގެ ތެރެއިން ސުވަރުގެއާއި ނަރަކައިގެ ވާހަކަތައް އިވޭއިރު އަލީނާއަށް އަބަދުވެސް ރޮވޭ ގޮތްވެއެވެ. ކޮންމެ ފަހަރަކުވެސް ރޮވެނީ ހަމަ ބޭއިޚްތިޔާރުގައެވެ. އެއީ އަލީނާއަށް ބުނެދޭން ނޭނގޭ އިޙްސާސެކެވެ.

ނަރަކައިން ސަލާމަތްވެ، ސުވަރުގެއަށް ދިޔުމަށް އެދޭތީ، އަލީނާ އަބަދުވެސް އޭނަގެ މަންމައާއި ބައްޕަ، ނަޒީފާއާއި ވަޙީދު ދޭހާ ނަސޭޙަތެއް އަޑުއަހައެވެ. އަދި އެ ނަސޭޙަތްތަކާއި އެއްގޮތަށް ޢަމަލުކުރެއެވެ. މި ގޮތުން އަލީނާ ހިތާއި ދެކޮޅަށް ވެސް ލަވައާއި މިއުޒިކުން ދުރުވިއެވެ. އެކުގައި އުޅޭ އެކުވެރިން ފިލްމުތަކުގެ ވާހަކަ ދައްކައި އުޅުނަސް އެ ނޭދެވޭ ފިލްމުތައް ބަލަން އިންކާރު ކުރިއެވެ. ފުރާވަރަށް އެޅުމާއިއެކު ބުރުގާ އަޅައި، ފިރިހެން ކުދިންނާއި މާ އެކުވެރިވެ، ގައިގޯޅިވެގެން ނުއުޅުމަށް ނިންމިއެވެ.

މި ކަންތަކާ ހުރެ ސްކޫލްގައި އުޅޭ ބައެއް ކުދިންގެ މަލާމާތްތަކާއި އަލީނާ ކުރިމަތިލާން ޖެހުނެވެ. އެހެނަސް އަލީނާގެ އެންމެ ގާތް ދެ އެކުވެރިން ސަބަބުން، ރަނގަޅު މަގުގައި ސާބިތުވެ ހުރުމަށް ހިތްވަރެއް ލިބުނެވެ.

"އެމީހުން ބުނާ އެއްޗަކާމެދު އަޅާ ނުލާ ލީން....އަހަރުމެން ދުނިޔޭގަ މިއުޅެނީ ﷲ އަށް އަޅުކަން ކުރަން. މަލާމާތް ކުރާ މީހުންނަށް ނުވިސްނެނީ..."

އެއްދުވަހު ސްކޫލްގެ ކެންޓީނުގައި ތިބެ، އަލީނާގެ އެކުވެރި ވަފާ ބުންޏެވެ.

"ތެދެއް ލީން....އަހަރުމެން ސުވަރުގެއަށް ދިޔަ ދުވަހަކުން އަހަރުމެން މި އަޑުތައް އަހާކަށް ނުޖެހޭނެ. އެ ދުވަހަކުން އަހަރުމެން މި ޚިޔާރު ކުރީ އެންމެ ރަނގަޅު ގޮތްކަން އެންމެންނަށް އެނގޭނެ."

ދެން ހުރި އެކުވެރިޔާ ކަމަށްވާ މަލަކް އިތުރަށް ނަސޭޙަތްތެރިވިއެވެ. އެދުވަހު އަލީނާ އެމީހުންގެ ބަސްތައް އަޑުއެހިއެވެ. އަދި އެމީހުންގެ ފަރާތުން ލިބުނު ހިތްވަރާއިއެކީ އުޅެން ނިންމިއެވެ.

އަލީނާގެ މި ދިރިއުޅުން އެ ފުށްމިފުށަށް ޖެހެންފެށީ، އަލީނާ މަތީ ސާނަވީއަށް ކިޔަވަން މާލެއަށް ދިޔަ ހިސާބުންނެވެ. މަލަކާއި ވަފާ އެމީހުންގެ ކިޔެވުން ރަށުގައި ކުރިއަށް ގެންދަން ނިންމީތީ، އަލީނާ އެ ދެ އެކުވެރިންނާއި ދުރުވާ ގޮތްވިއެވެ. ނަތީޖާއެއްގެ ގޮތުން އަލީނާ ދެން ގާތްވެގެން ދިޔައީ މުޅިން އާ އެކުވެރިންނާއެވެ.

އެ އާއެކުވެރިން، ކުރީގެ އެކުވެރިންނާއި މުޅިން ތަފާތެވެ. މަލަކްއާއި ވަފާއާއެކީ އުޅޭއިރު، އަލީނާ ގިނައިން ދައްކައި އުޅުނީ ދީނީ ވާހަކަތަކެވެ. އެހެނަސް މާލޭގައި ސްކޫލަށް ދިޔަ ފުރަތަމަ ދުވަހުވެސް އަލީނާގެ ދެ ފަރާތުގައި ތިބި ދެ އަންހެން ކުދިން ދައްކަން ފެށީ ފިރިހެން ކުދިންގެ ވާހަކައެވެ.

"އޭ އަހަރެން މިއުޅެނީ ކުރީ ދުވަހު ދިމާވި ސޮރާއި ރައްޓެހިވާން!" އަލީނާގެ ވާތްފަރާތުގައި އިން ކުއްޖާ، ކަނާތް ފަރާތުގައި އިން ކުއްޖާ ގާތު ބުންޏެވެ.

"އަސްލުވެސްތަ؟ ބަރާބަރު! އޭނަ ދެން ރަނގަޅުދޯ؟ ފައިނަލީ ދެމީހުންނަށް އެއްދުވަސްވަރެއްގަ ބަޔަކާއި މި ރައްޓެހިވެވުނީ...އަވަހަށް ރައްޓެހިވޭ. ޑަބަލް ޑޭޓަކަށް ދެވޭނީ އޭރުން. ހެހެ.....މި ކުއްޖާގެ ނެތްތަ ބޯއިފްރެންޑެއް؟"

ކަނާތް ފަރާތުގައި އިން އަންހެން ކުއްޖާ ކުއްލި ގޮތަކަށް އަލީނާއާއި ސުވާލުކުރުމުން އަލީނާ ސިހުންވާ ގޮތްވިއެވެ. އެމީހުން ޖަވާބަކަށް އިންތިޒާރު ކޮށްގެން ތިބެން ފެށުމުން އަލީނާއަށް ބޯހޫރުވައިލެވުނެވެ.

އެދުވަހު ދެކެވުނު ވާހަކައިގެ ތެރެއިން އަލީނާ ދުވަހަކުވެސް ފިރިހެން ކުއްޖަކާއި ރައްޓެހިނުވާ ވާހަކަވެގެން ދިޔައީ އެ ދެ އަންހެން ކުދިންނަށް ބޮޑު ޝޮކަކަށެވެ. ވަގުތުން އެއީ ކީއްވެތޯ އަހައި ސުވާލުކުރަން ފެށިއެވެ. އެހެނަސް އަލީނާ އެއަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. މާ ބޮޑު އެއްޗެކޭ ނުބުނެ އަޅާނުލަން ނިންމިއެވެ.

އެހެނަސް ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެ ދެ އަންހެން ކުދިންގެ ނުފޫޒު އަލީނާއަށް ފޯރަން ފެށިއެވެ. އަލީނާ ލަވަ އަޑު ނާހާތީއާއި ފިލްމު ނުބަލާތީ އެމީހުންނަށް ވެގެން ދިޔައީ އަޖާއިބަކަށެވެ. އަލީނާ އެ މީހުންނާއި ދުރުން އުޅެން ނިންމީ، އެ މީހުންނަކީ ވެސް ކުރީގެ ސްކޫލްގައި އުޅުނު ފަދަ މަލާމާތް ކުރާ ބައެއްކަމަށް ހީކުރެވުމުންނެވެ. އެހެނަސް އެމީހުން ދައްކަން ފެށި ވާހަކަތަކުން އެއީ އޭނައަށް ހެޔޮ އެދޭ ބައެއް ކަމަށް ހީކުރެވެން ފެށިއެވެ. އަލީނާ އެންމެ ފަހުން އޭނަ އެގޮތަށް އުޅެނީ ލޯބިވާ މަންމައާއި ބައްޕަގެ ބަސްއަހަން ކަމަށް ބުނުމުން އެމީހުން ރައްދުދިނެވެ.

"އެހެންވީމަ ބައްޕަ ޝެއިޚްއަކަށްވެފަ މަންމަ ދީނީ ޢިލްމުވެރިއަކަށްވީމަދޯ ތި ގޮތަށް އުޅެން ލީންއަށް މަޖުބޫރުވެފަ ތި ވަނީ؟ ހިއެއް ނުވޭތަ އެމީހުން ލީންގެ މިނިވަންކަން ނަގާލީހެން؟"

އެއްދުވަހު އިންޓަވަލް ގަޑީގައި ކްލާހުގައި އިނދެ، އަލީނާގެ އާ އެކުވެރިއެއް ކަމަށްވާ ލަމްހާ ބުންޏެވެ. ސްކޫލް މަސައްކަތެއް ނިންމަން އިން އަލީނާއަށް، އެ ބަސްތައް އިވިފައި ލަމްހާއާއި ދިމާލަށް ބަލައިލެވުނެވެ. އެވަގުތު އެ ސުވާލަށް ޖަވާބެއް ނުދެވުނެއްކަމަކު އެ ބަސްތަކާއިމެދު އެ ދުވަސްފަހުން ވިސްނުނެވެ.

ޙަޤީޤަތުގައި ވެސް އޭނަގެ މަންމައާއި ބައްޕަ ދީންވެރި ނުވިނަމަ، އޭނަ އުޅުނީހީ މިނިވަންކަމުގައިތޯ ވިސްނެން ފެށިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ލަމްހާމެންގެ އެފަދަ ބަސްތަކުން އަލީނާގެ ވިސްނުން ތަޣައްޔަރު ވާން ފެށިއެވެ. އޭނަގެ މަންމައާއި ބައްޕައަކީ ތަފާތު ބަޔަކަށްވިނަމަ އޭނަ އުޅޭނީ ކިހިނެއްކަމާއިމެދު ވިސްނެން ފެށިއެވެ. އޭނަ ފަދަ ރީތި ސޫރައެއް ލިބިފައިވާ ކުއްޖަކު ހަމަ ޔަޤީނުން ވެސް އުޅުނީހީ ރީތި ފިރިހެން ކުއްޖަކާއި ރައްޓެހިވެގެންނޭ ހިތަށްއެރިއެވެ.

އޭނަ ބޭނުންހާ އެއްޗެއް ބަލައި ބޭނުންހާ އެއްޗެއް އަޑުއެހުމުގެ މިނިވަންކަން އޭނައަށް ލިބުނީހެވެ. ބޭނުން އިރަކު ނިދައި ބޭނުން އިރަކު ހޭލައި އުޅެވުނީހެވެ.

މި ޚިޔާލުތައް އަލީނާގެ ސިކުނޑީގައި ޒީނަތްތެރިވާން ފެށުމުން، ލަސްލަހުން އަލީނާގެ އުޅުން ވެސް ބަދަލުވާން ފެށިއެވެ. ސްކޫލަށް ދިޔުމުގެ ކުރިން މޫނުބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން މާ ގިނައިރު އިނދެވެއެވެ. ލޯގަނޑުން އަމިއްލަ ސޫރަ ފެންނަ ހިނދު ކިޔާ ދުޢާ ކިޔަން ހަނދާން ނެތެން ފެށިއެވެ. ސްކޫލަށް ގޮސް ލަމްހާއާއި ހުދާއާއެކީ އުޅެމުން އެމީހުންގެ ހެޑްފޯންތައް ހޯދައި އެމީހުން އަޑުއަހާ ލަވަތައް އަޑުއެހެން ފެށިއެވެ. އެ ލަވަތަކުގައި ފުންކަމެއް ހުރިކަމަށް ޤަބޫލުކުރެވި، އެ ލަވަތައް ރީތިވާން ފެށިއެވެ. އަދި ފުރަތަމަ ފަހަރަށް ގޭގައި މަންމަމެންނަށް ސިއްރުން ފިލްމުތައް ވެސް ބަލަން ފެށިއެވެ.

މި ހުރިހާ ކަމެއްގެ ސަބަބުން އަލީނާގެ އަޅުކަންތަކަށް ނޭދެވޭ އަސަރުތައް ކުރިއެވެ. ފަރުޟު ނަމާދުތަކަށް ފަރުވާ ކުޑަވެ، ސުންނަތް ނަމާދުތައް މުޅިންހެން ދޫކޮށްލެވުނެވެ. ޤުރުއާން ކިޔެވެނީ ހުކުރު ދުވަހު އެންމެ ފަހަރަކުއެވެ. ޤުރުއާން އަޑުއަހަން މުޅިން ފޫހިވިއެވެ. އެ ޤުރުއާނުން ސުވަރުގެއާއި ނަރަކައިގެ ވާހަކަ ދެކެވޭއިރު ހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ. އެކަމާއިމެދު ޚުދު އަލީނާ ވެސް ޙައިރާންވާ ގޮތްވިއެވެ. އެއީ ކީއްވެތޯ ހިތަށްއެރިއެއްކަމަކު އެ ސުވާލުގެ ޖަވާބު ހޯދާކަށް ބޭނުމެއް ނުވިއެވެ.

އަލީނާގެ ދިރިއުޅުން ކިރިޔާ ވެސް ރަނގަޅަށް ހުރީ އޭރުވެސް މަންމައާއި ބައްޕަގެ ހިޔާވަހިކަމުގެ ދަށުގައި އުޅެމުން ދިޔައީތީވެއެވެ. މިކަން ބަދަލުވެގެން ދިޔައީ އަލީނާގެ މަތީ ސާނަވީގެ ކިޔެވުން ނިމުމުންނެވެ. އުޅުން ބަދަލުވާން ފަށާފައިވިއެއްކަމަކު އަލީނާ ރަނގަޅަށް ކިޔެވިއެވެ. އެ ކިޔެވުމުގެ މަޤްޞަދަކަށްވީ ކޮންމެހެން ވެސް ސްކޮލާރޝިޕެއް ހޯދައި މަންމައާއި ބައްޕައާއި ދުރަށް ދިޔުމެވެ. އެމީހުންގެ ނުފޫޒުން މިނިވަންވުމެވެ.

އަލީނާއަށް އެކަން މާ ރަނގަޅަށް ވެސް ކާމިޔާބު ކުރެވުނެވެ. މަތީ ސާނަވީގެ ކިޔެވުން އަލީނާ ނިމުނީ ރަން ވަނަތަކާއި ޔޫކޭއިން ލިބުނު ސްކޮލާރޝިޕަކާއި އެކީގައެވެ. އެ ސްކޮލާރޝިޕަށް ދިޔުމަށް މަންމައާއި ބައްޕަ އިންކާރު ކުރުމުން އަލީނާ ފުރަތަމަ ފަހަރަށް މަންމައާއި ބައްޕައާ އެދުވަހު ޖަދަލުކުރިއެވެ.

"ބައްޕާ ޕްލީޒް! މިއީ އަހަންނަށް ލިބުނު ފުރުޞަތެކޭ! ބައްޕަ ބޭނުންވަނީ އަހަރެން ތި ޢަރަބި ޤައުމަށް ގޮއްސަ ބައްޕަހެން ޝެއިޚަކަށް ވާންތަ؟!" ބައްޕަ ކުރިމަތީގައި އަލީނާގެ އަޑުހަރުވި ގޮތުން ޚުދު އަލީނާ ވެސް ޙައިރާންވާ ގޮތްވިއެވެ.

"ނޫނޭ ދަރިފުޅު.....މަދީނާއަށް ގޮއްސަ ވެސް ދަރިފުޅަށް ޑޮކްޓަރުކަން ކިޔެވޭނެ. ދަރިފުޅުގެ ކިޔެވުމަށް ބައްޕަ ހޭދަކޮށްދޭނަން. ދަރިފުޅު މިހާރު ތި ގެންގުޅޭ އެކުވެރިންނާ މެދު ބައްޕަ ހިތްހަމަނުޖެހޭ. އެކުދިންނާ އެކީގަ ތި ދާން އުޅޭ ކަހަލަ މާޙައުލަކަށް ގޮއްސިއްޔާ ގޯހެއްވެދާނެހެން ބައްޕައަށް ހީވަނީ...." ވަޙީދު ލޯތްބާއި އެކީ ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

އެހެނަސް އަލީނާ އެ އަޑެއް އެއްގޮތަކަށް ވެސް ނޭހިއެވެ. އަދި މަންމައާއި ބައްޕަގެ ނުރުހުމުގައި ވެސް އޭނަގެ އާ އެކުވެރިންނާއިއެކީ ޔޫކޭއަށް ފުރިއެވެ. ލަމްހާއާއި ހުދާއަށް ސްކޮލާރޝިޕް ނުލިބުނެއްކަމަކު އެމީހުން ކިޔަވަން ދިޔައީ ލޯނު ނަގައިގެންނެވެ. މި ހުރިހާ ކަމަކާމެދު އަލީނާގެ ކުރީގެ އެކުވެރިން ކަމަށްވާ މަލަކް އާއި ވަފާ ވެސް އެމީހުންގެ ވައިބާރ ގްރޫޕްގައި އަލީނާއަށް އެތައް ނަސޭޙަތެއް ދިނެވެ. އެހެނަސް އެ ނަސޭޙަތްތައް ފެނިފައި އަލީނާއަށް އެއްވެސް އަސަރެއް ނުކުރެއެވެ. ބަދަލުގައި އޭނަގެ އެ އެކުވެރިންނަކީ ކަޓު ބައެއްގެ ގޮތުގައި ސިފަކުރެވުނެވެ. އެއީ އޭނަގެ މިނިވަންކަމަށް ހުރަސްއަޅާ ބައެއް ކަމުގައި ޤަބޫލުކުރެވުނެވެ.

އެހެންކަމުން ޔޫކޭއަށް ގޮސް އަލީނާ ފެށީ މުޅިން އާ ޙަޔާތެކެވެ. އެ ޙަޔާތުގެ ފުރަތަމަ ކަމަކަށް ލަމްހާމެންގެ ނުފޫޒުގައި ޖެހިގެން ބުރުގާ ނަގައިލިއެވެ. އަދި ލިބުނު ފުރިހަމަ މިނިވަންކަމާއިއެކީ މޭކަޕްކޮށް، ބޭރުފުށް ރީތިކުރަން މަސައްކަތް ކުރަން ފެށިއެވެ. ކިޔެވުމާއިއެކު ރައްޓެހިވާނެ ކުއްޖެއް ހޯދާ ޢުމުރަކީ މިއީ ކަމަށް އަލީނާއަށް ޤަބޫލުކުރެވިފައިވެއެވެ. ލަމްހާއާއި ހުދާގެ ވިސްނުމަކީ ވެސް އެއީއެވެ. މި ޢުމުރުގައި ރައްޓެހި ނުވެއްޖެނަމަ ދިރިއުޅުމުގައި ފަހުން އިންނާނެ މީހަކު ނުލިބިދާނެއެވެ.

އަލީނާއަށް އެންމެ ފަހުން ރައްޓެހިވާނެ ކުއްޖަކު ލިބުނީ ޔޫކޭގައި ކިޔަވަން ފެށިތާ 1 މަސް ފަހުންނެވެ. އެއީ އަލީނާގެ ކުލާހުގައި އުޅޭ 'އެންޑްރޫ' ނަމަކަށް ކިޔާ އިނގިރޭސި ފިރިހެން ކުއްޖެކެވެ. އެންޑްރޫއަކީ މުސްލިމެއް ނޫނެވެ. މުސްލިމް ނޫން ފިރިހެނަކާއި އިނުމަކީ މުސްލިމް އަންހެނަކަށް ޙަލާލުކަމެއް ނޫންކަން އަލީނާއަށް އެނގެއެވެ. އެހެނަސް އަލީނާ އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ. ވާނީވެސް އެހެންތާއެވެ. އެންޑްރޫއަކީ މުޅި ޔުނިވާރސިޓީއިން ވެސް އެންމެ މަޝްހޫރު

ޒުވާނާއެވެ. އެފަދަ ރީތި ސޫރައެއް ލިބިފައިވާ، މޮޅު، އަދި މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ ފިރިހެން ކުއްޖަކު އޭނައާއި ރައްޓެހިވާން އެދުމުން އަލީނާއަށް އިންކާރެއް ނުކުރެވުނެވެ. އަދި އަމުދުން އަލީނާގެ ކައިރީގައި ތިބި ދެ އެކުވެރިން ވެސް އެ ގުޅުމަށް ހިތްވަރު ދިނެވެ.

އެންޑްރޫއާއި ރައްޓެހިވުމުން ދުނިޔޭގެ ހުރިހާ އުފަލެއް އަލީނާގެ ފަސްބަޔަށް އެޅުނީހެން އަލީނާއަށް ހީވިއެވެ. އޭނަ ދަނީ އޭނަ ކިޔަވަން އެންމެ ބޭނުންވި ދާއިރާއިން ބޭރު ޤައުމެއްގައި ކިޔަވަމުންނެވެ. އެ ކިޔެވުމުގެ ތެރެއިން މުސްތަޤްބަލުގައި އޭނަގެ ޙަޔާތުގެ ބައިވެރިއަކަށް ވާނެ ފިރިހެން ކުއްޖާވެސް އޭނައަށް ވަނީ ލިބިފައެވެ. އަލީނާ ވަނީ އެންޑްރޫއާއި ރައްޓެހިވީއްސުރެ އެ މުސްތަޤްބަލު ސިކުނޑީގައި ރާވާފައެވެ. ޚުދު އެންޑްރޫވެސް ގުޅުމުގެ ކުރީކޮޅު އެ މުސްތަޤްބަލުގެ ވާހަކަ ދައްކަން ފެށުމުންނެވެ. އެ ދެމީހުންނަކީ އެކަކު އަނެކަކަށްޓަކައި ތަޤްދީރުވެފައިވާ ދެމީހުން ކަމުގައި އެންޑްރޫ ސިފަކުރިއެވެ. އަލީނާއަށް އެކަން ހިތުގެ ފުން މިނުން ޤަބޫލު ކުރެވުނެވެ. ރީތި ފިލްމެއް ފަދައިން އޭނަގެ ދިރިއުޅުމަށް އުފާވެރި ނިމުމެއް އަންނަން އުޅޭހެން އަލީނާއަށް ހީވިއެވެ. ހުރިހާ އުފާވެރި ލޯބީގެ ލަވަތަކުން ސިފަކުރެވޭ ވާހަކަތައް ވެސް އޭނައަށް ފަހުމްވެއްޖެއެވެ.

އެހެނަސް މި ހުރިހާ ކަމަކީ ދަޅައެއްކަން އަލީނާއަށް އެނގެން މާ ގިނަ ދުވަހެއް ނުނެގިއެވެ. އެއްދުވަހަކު ޔުނިވާރސިޓީގެ ތެރެއިން އެންޑްރޫއާއި ލަމްހާ ސިއްރު ވާހަކައެއް ދައްކާތަން ފެނި، ކައިރީގައި ހުރި ފާރެއްގެ ކައިރީގައި މަޑުކޮށްލަމުން އަލީނާ އެ ވާހަކަތައް އަޑުއެހިއެވެ.

"މި ބުނީއެއްނު؟ އަލީނާއަކީ ހަމަ ވަރަށް މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ ކުއްޖެކޭ. އޭނަ ހިފަހައްޓައިފިނަމަ ވަރަށް ގިނަ ލާރި ލިބޭނެ!" ލަމްހާ އިނގިރޭސި ބަހުން އެންޑްރޫގާތު ބުންޏެވެ.

ލަމްހާ އެ ބުނި އެއްޗެއް ނަގައިގަންނަން އަލީނާއަށް ވަގުތުކޮޅެއް ނެގިއެވެ. ނަގައިގަނެވުމާއިއެކު އަލީނާއަށް ލިބުނު ޝޮކާއިއެކީ ހިތުގައި ބިރުވެރިކަމެއް ވަށާލެވިގެން ދިޔައެވެ. ކުރީކޮޅު އެ ވާހަކަ ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެއީ ލަމްހާއާއި އެންޑްރޫ ސަމާސާއަކަށް ދައްކާ ވާހަކައެއް ކަމަށް ޤަބޫލުކުރަން ބޭނުންވިއެވެ. އެހެނަސް އެކީގައި ކިޔަވާ އެހެން އިނގިރޭސި އަންހެން ކުދިންގެ ތުންތުންމަތިން ވެސް އަލީނާއަށް އެންޑްރޫއާއި ބެހޭ ގޮތުން ވާހަކަތައް އިވެން ފެށިއެވެ. އެންޑްރޫއަކީ

ރައްޓެހިވާ އަންހެން ކުދިންނަށް ގިނަގިނައިން ހަދިޔާދީ، ލޯބީގެ ވާހަކަތައް ދެއްކުމަށްފަހު އެކުދިންގެ ޢިއްފަތްތެރިކަން ނަގާލާ މީހެއްކަމެވެ. އެއަށްފަހު އެންޑްރޫ އެ ކުއްޖާ ރަހުނުކޮށް، ފައިސާ ހޯދައިގެން ގިނަފަހަރު އެކުއްޖަކު މަރާލާ ކަމެވެ.

މި ހުރިހާ ވާހަކަތަކެއް އިވެމުން ދިޔަދިޔަހެން އަލީނާގެ މޭނުބައި ކުރަން ފެށިއެވެ. އެ ވާހަކަތައް އިވުނު ފަހުން އެންޑްރޫ ދޭ އަގުބޮޑު ހަދިޔާތަކާއި މެދު އެހެން އިޙްސާސްތަކެއް ކުރެވެން ފެށިއެވެ. ކުރިން އިޙްސާސް ކުރެވުނު އުފާވެރިކަން އެއްކޮށް ގެއްލި، އެ މޫނުމަތި ބަނަވާން ފެށިއެވެ. ހިތަށް އުދަގޫކުރަމުން ދިޔަ ވާހަކަތައް ޙިއްސާކުރަން ބޭނުންވިއެއްކަމަކު ޙިއްސާ ކުރަންވީ ކާކާއިކަމެއް ނޭނގުނެވެ. ފަހުން އިވުނު ވާހަކަތަކުން ލަމްހާއާއި ހުދާ ބައިވެގެން އޭނަ އެންޑްރޫއާއި ރައްޓެހި ކުރުވީ، އެންޑްރޫއަށް ލިބިދާނެ ފައިސާގެ ބައެއް ބޭނުންވެގެންކަން އަލީނާއަށް އެނގިފައިވެއެވެ. އެހާ ހިސާބުން އެއީ އިތުބާރު ކުރެވޭ އެކުވެރިންނެއް ނޫންކަން ޔަޤީން ކުރެވުނެވެ.

އަލީނާގެ ބިރުވެރިކަން ދެގުނަވީ، އެއްދުވަހު އެންޑްރޫ ރޭގަނޑު ވަގުތު އޭނައާއި ވަކިން ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުންނެވެ. ކުރިން ވެސް އެންޑްރޫ އޭނައާއި ވަކިން ބައްދަލުކޮށްފައިވަނީ އޭނަގެ އެދުމާއި ދެކޮޅަށެވެ. ކިތަންމެ މިނިވަންކަމުގައި އުޅެން ބޭނުންވިޔަސް ފިރިހެނަކާއި ވަކިން ބައްދަލުކުރުންވަނީ އަބަދުވެސް އަލީނާއަށް ޖެހިލުންވާ ކަމަކަށެވެ. އޭނައަށް ވަގުތު ދިނުމަށް ކުރިން ވެސް އެންޑްރޫއަށް އެދުނެއްކަމަކު އެންޑްރޫ އޭނަގެ ބަސް ގަދަކުރިއެވެ.

ރޭގަނޑު އެންޑްރޫއާއި ބައްދަލުކުރަން އިންކާރު ކުރުމުން ވެސް ވީ އެހެންނެވެ.

"ތިއީ ދެން މީހުން އުޅޭ ގޮތެއްތަ އަލީނާ؟ އަދިވެސް މަންމައާއި ބައްޕަގެ ދަލުގަ ޖެހިގެންތަ ތިއުޅެނީ؟" އެންޑްރޫ ބުންޏެވެ.

"ނޫން....މި ގަޑީގަ ދާންވީމަ ބިރުގަންނަނީ..." އަލީނާ ބުންޏެވެ.

"ބިރުގަންނަނީއޭ؟ ތި ބުނީ....އަލީނާ އަހަންނަށް އިތުބާރު ނުކުރަމޭތަ؟"

އެންޑްރޫ ދެރަވެފައިވާ ޒާތަށް ސުވާލުކުރިއެވެ. އެންޑްރޫ ދެރަވުމާއިއެކު އަންނަ ރުޅިއަކީ މިހާތަނަށް އައިއިރު އަލީނާއަށް އާ ކަމެއް ނޫނެވެ. އެ ރުޅިވެރިކަމާއިމެދު އެވަގުތު ހިތުގައި އުފެދުނު ބިރާއިއެކީ އެންޑްރޫގެ އެދުމަށް އެއްބަސްވެވުނެވެ.

އެންޑްރޫއާއި ބައްދަލުކުރަން އޮތް ރޭ ތައްޔާރުވަމުން ދިޔައިރު، ބިރުވެރިކަމާއިއެކީ އަލީނާގެ މެއަށް ފިނިވެފައިވިއެވެ. ބޮލުގައި ފުނާ އަޅަމުން ދިޔައިރު އަތްވެސް ތުރުތުރު އަޅަމުން ދިޔައެވެ. މިރެއަކީ އޭނަގެ ޙަޔާތް ބަރުބާދުވާ ރޭކަމަށް ހިތް ބުނަމުން ދިޔަދިޔަހެން ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެހެނަސް އަލީނާ ނުރޯން މަސައްކަތް ކުރަމުން އެންޑްރޫ ބުނި ހޮޓެލަށްދާން ޓެކްސީއަކަށް އެރިއެވެ.

އެންޑްރޫ އެރޭގެ ބައްދަލުވުން ވެސް ފެށީ އެހެން ބައްދަލުވުންތަކޭ އެއްފަދައިން ކެއުމަކުންނެވެ. ދެމީހުންނަށްޓަކައި ރޫމެއް ބުކްކޮށްފައިވާ ވާހަކަ އެންޑްރޫ ބުނީ އެ ކެއުމުގެ ތެރެއިންނެވެ. އެ ވާހަކަ އިވުމާއިއެކު އަލީނާގެ އަރުތެރެ ބެދުނެވެ. އެންޑްރޫއާއެކީ ކޮޓަރިއަކަށް ވަންނަން ބޭނުން ނުވާ ވާހަކަ ބުނަން ބޭނުންވިއެއްކަމަކު ނުބުނެވުނެވެ. ބުންޏަސް އޭނައަށް ކާމިޔާބީއެއް ލިބެން ނެތްކަން ޔަޤީން ކުރެވިފައިވީތީވެއެވެ. އެހާ ހިސާބުން އަލީނާއަށް ބަލި ޤަބޫލުކުރެވިފައިވާ ފަދައެވެ.

އެހެންކަމުން އެރޭ ކުރިއަށް ދާން ފެށީ އެންޑްރޫ ރޭވި ގޮތަށެވެ. ކެއުމަށްފަހު އެންޑްރޫ އަލީނާގެ އަތުގައި ހިފައިގެން ދިޔައީ ހޮޓެލްގެ 3 ވަނަ ފަންގިފިލާގައިވާ ކޮޓަރިއަކަށެވެ. ކޮޓަރިއަށް ވަނުމަށްފަހު އެންޑްރޫ ފަހަތުން ދޮރު ލައްޕައިލި އަޑަށް އަލީނާގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވިއެވެ. އެންޑްރޫ ކުއްލި ގޮތަކަށް އައިސް އޭނަގެ އަތުގައި ހިފައި އެންޑްރޫއާއިވީ ފަރާތަށް އަނބުރައިލުމުން އަލީނާގެ ހިތް ހުއްޓުނުހެން އަލީނާއަށް ހީވިއެވެ.

"މިރޭ ކަލާއަށް އޮތީ ދެގޮތެއް. ބަސްއަހައިގެން އަހަރެން ބުނާ ގޮތަށް ހެދުން. ބުނާ ގޮތަށް ހަދައިފިއްޔާ އަދި ދުވަސްކޮޅެއް ވަންދެން ދިރި ހުރެވޭނެ. ބަސް ނޭހިއްޔާ މިރެއަކީ ކަލާގެ ނިމުން...."

އެންޑްރޫ އެހެން ބުނެ ނުލަފާ ހިނިގަނޑެއް ޖަހައިލި ގޮތުން އަލީނާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނައަށް އަމިއްލަ ނަފްސު މި ގެނެވުނީ ކޮންފަދަ ނުބައި ޙާލަތަކަށްތޯ ހިތަށްއެރިއެވެ. އޭނަ މި ޙާލަތުން ރައްކާތެރިކޮށްދޭނެ އެއްވެސް ފަރާތެއް ނެތްތޯ އެވަގުތު ހިތް ސުވާލުކުރިއެވެ. ހަމަ އެއާއިއެކު އެ ހިތަށް ވެރިވީ ﷲ ގެ ނަންފުޅެވެ. އެތައް

ޒަމާނަކަށް ފަހުއެވެ. ﷲ ކޮންމެ ތަނެއްގައިވާ ކޮންމެ އަޅެއްގެ ދުޢާ އިޖާބަކުރައްވާކަން ހަނދާންވުމުން އަލީނާ ހިތާ ހިތުން އޭނަގެ ރައްކާތެރިކަމަށް އެދި ދުޢާކުރިއެވެ.

އެ ދުޢާ ހިތާހިތުން ކުރެވުމާއިއެކު ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި ބަޔަކު ބާރަށް ޓަކިދޭން ފެށި އަޑު އިވުނެވެ. އަދި ބަރު އަޑުން ދޮރު ހުޅުވާށޭ ބުނެވެން ފެށިއެވެ. އެއާއިއެކު އެންޑްރޫ އައި ރުޅިން އަލީނާގެ އަތުން ދޫކޮށްލަމުން ގޮސް ދޮރު ހުޅުވިއެވެ. އެހިނދު އެތާ ތިބީ އެ ޤައުމުގެ ފުލުހުންނެވެ.

ފުލުހުން އައީ އެންޑްރޫކޮށްފައިވާ ކުށްތަކުގެ ސަބަބުން އެންޑްރޫ ހައްޔަރު ކުރުމަށެވެ. ހަމަ އެވަގުތުން ވަގުތަށް އެމީހުން އެންޑްރޫ ހައްޔަރުކޮށްގެން ދިޔައެވެ. އަދި ހެކިވެރިއަކަށް އަލީނާއަށް ފަހަރެއްގައި ގުޅާލާނެ ކަމަށް ބުނެ އަލީނާގެ ނަންބަރު ހޯދައިގެން ފުލުހުން ދިޔައީއެވެ.

އެވަގުތުން ފެށިގެން އަނބުރާ އޭނަ އުޅޭ އެޕާޓްމެންޓުގެ ކޮޓަރިއާއި ހަމައަށް ދެވެންދެން އަލީނާއަށް އިޙްސާސް ކުރަންވީ ގޮތެއް ނޭނގުނެވެ. އެހެނަސް އަމިއްލަ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލެވުމާއިއެކު ގަދައަށް ރޮވެން ފެށީ ﷲ މަތިން ހަނދުމަކުރެވެމުންދާ ޙާލުގައެވެ. ﷲ ހަމަ އޭނަ ރައްކާތެރިކުރެއްވީތޯ ހިތަށްއެރިއެވެ. މި ހުރިހާ ދުވަހު އޭނަ އެކަލާނގެއަށް އުރެދިފައިވާ ޙާލުގައިވެސްމެއެވެ. އެކަލާނގެ ރަޙްމަތަށް ނިމުމެއްވޭ ހެއްޔެވެ؟

ސިކުނޑިއަށް ވެރިވަމުން ދިޔަ އެ ޚިޔާލުތަކާއިއެކީ މުޅި އެރޭ އަލީނާއަށް ރޮވުނެވެ. އެހެނަސް ފަތިސް ނަމާދު ވަގުތު ޖެހުމާއިއެކު އެރޭ އެތައް ދުވަހެއްފަހުން އަނެއްކާވެސް ނަމާދު ކުރެވެން ފެށިއެވެ. އެ ނަމާދާއިއެކީ އަނެއްކާވެސް ﷲ ރުހިވޮޑިގެންވާ ފަދަ ގޮތަކަށް އުޅެން އަލީނާ ނިންމިއެވެ. މިގޮތުން ހަމަ އެދުވަހު ބުރުގާ އެޅިއެވެ. އަދި ބައްޕައަށް ގުޅައި އޭނަ ބައްޕަ އެދޭ ޤައުމެއްގައި ކިޔަވަން އެއްބަސްވާ ކަމަށް ބުންޏެވެ.

އެހެންކަމުން އަލީނާ އަނބުރާ ރަށަށް އައެވެ. އަދި ރަށަށް އައިސް ދިގު ހެދުން ވެސް ލާންފެށިއެވެ. ﷲ އެންމެ ރުހިވޮޑިގެންވާނެ ގޮތަކީ އެއީހެން ހީވުމުންނެވެ. ހަމަ އެއާއިއެކު ނަމާދުތައް ވަގުތުން އަދާކޮށް ސުންނަތް ނަމާދުތައް

ކުރަން ފެށިއެވެ. ޤުރުއާން ކިޔަވައި، ޤުރުއާން އަޑުއަހައި، މަންމަ ގޭގެ ކައިރި މިސްކިތުގައި ހިންގާ އަންހެނުންގެ ޚަލަޤާތަކަށް ވެސް ދާންފެށިއެވެ. މަދީނާއަށް ކިޔަވަން ދިޔުމަށް އަދި ވަގުތު އޮތީތީ އެ ވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން އަލީނާ ޢަޒުމް ކަނޑައަޅާފައިވިއެވެ.

އަލީނާއަށް މި އައި ބަދަލާއިމެދު އެންމެ އުފާވީ އަލީނާގެ މަންމައާއި ބައްޕައެވެ. އަދި އަލީނާގެ ކުރީގެ އެކުވެރިން ކަމަށްވާ މަލަކާއި ވަފާއެވެ. އެ ދެ އެކުވެރިންނަށް އޭނަ ފަސްދިނެއްކަމަކު އެ އެކުވެރިން އޭނައަށް ފަސްނުދެއެވެ. މި ހުރިހާ އަހަރު ވާހަކަ ނުދައްކާތީ ހިތްވެސް ބުރައެއް ނުކުރެއެވެ. އަލީނާ އަނެއްކާވެސް ﷲ ގެ މަގަށް އައީތީ އުފާކުރާކަމަށް އެދެމީހުން ބުންޏެވެ.

މި ތައުބާގެ ތެރެއިން އަލީނާއަށް ހީވެސް ނުކުރާ ފަދަ ނިޢުމަތްތަކެއް ލިބުނެވެ. ދުވަހަކުވެސް އިޙްސާސް ނުކުރެވޭފަދަ ހަމަޖެހުމާއި އުފާވެރިކަން ލިބުނެވެ. ވަށައިގެންވި އެންމެންގެ ލޯބި ލިބުނެވެ. އަދި ފިރިހެން ކުއްޖަކާއި ރައްޓެހި ނުވެއްޖެނަމަ އޭނައަށް ނުލިބިދާނެހެން ހީވި ޙަޔާތުގެ ބައިވެރިޔާ ވެސް ލިބުނެވެ. މަލަކްގެ ދޮށީ ބޭބެއަށް އަލީނާ އަބަދުވެސް ކަމުދާކަން އަލީނާއަށް އެނގުނީ އެދުވަސްކޮޅެވެ. ނަވާލް ނަމަކަށް ކިޔާ އެ ޒުވާނާއަކީ އަޅުކަމަށް ފަރުވާތެރި، ޒިންމާދާރު ކުއްޖަކަށްވުމުން އަލީނާއާއި އެކީ އަލީނާގެ މަންމައާއި ބައްޕައަށް ވެސް ނަވާލް ކަމުދިޔައެވެ. ނަވާލް ވެސް ދަނީ މަދީނާގައި ކިޔަވަން ދިޔުމަށް ތައްޔާރުވަމުން ދާތީ، ދެމީހުން ކިޔަވަން ދިޔުމުގެ ކުރިން ކައިވެނި ކުރުމަށް ދެމީހުންގެ ޢާއިލާއިން އެއްބަސްވިއެވެ.

އަނެއްކާވެސް އެތައް އުފަލެއް އެއްފަހަރާ އަލީނާއަށް ލިބުނުހެން އަލީނާއަށް ހީވިއެވެ. އެހެނަސް އެއީ ހުރިހާ އުފަލެއް ނޫންކަން އަލީނާއަށް މިހާރު އެނގެއެވެ. ހުރިހާ އުފަލެއް ލިބޭނީ ހަމައެކަނި ސުވަރުގެއަށް ދެވޭ ދުވަހަކުންކަން މިއަދު އަލީނާއަށް ޔަޤީންވެފައިވެއެވެ. އަނެއްކާވެސް ޤުރުއާނުން ސުވަރުގެއާއި ނަރަކައިގެ ވާހަކަ އިވޭ ހިނދު އަލީނާއަށް ރޮވެން ފަށާފައިވެއެވެ. އެއީ ކީއްވެކަން އަދިވެސް އަލީނާއަށް ދޭހަ ކުރެވޭ ގޮތެއް ނުވެއެވެ. އެހެނަސް އެއްރެއަކު ޤުރުއާން ތަރުޖަމާއިން ޔާސީން ސޫރަތް ކިޔަވަމުން ދިޔަ ވަގުތު އަލީނާއަށް އެ ސުވާލުގެ ޖަވާބު ލިބުނެވެ.

"لِّيُنذِرَ مَن كَانَ حَيًّا...." އަލީނާއަށް އެ ބަސްތައް ކިޔައިލެވުނު ހިނދު ލޯ ކަރުނުން ފުސްވިއެވެ. ކުރިއަށް ދާން ބޭނުންވިއެއްކަމަކު ނުދެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.

އެ ބަސްތަކުގެ މާނައަކީ "އެއީ ދިރިހުރި މީހަކަށް އިންޒާރު ކުރެއްވުމަށްޓަކައެވެ."

އާނއެކެވެ. ޤުރުއާން ބާވައިލެއްވުނީ ދިރިހުރި މީހަކަށް އިންޒާރު ކުރެއްވުމަށްޓަކައެވެ. ޤުރުއާނުން އަސަރު ކުރާނީ ދިރުން ހުރި ހިތަކަށެވެ. ﷲ ގެ ހަނދުމައިން ދުރުވެ، ފާފަތަކުން ތަޣައްޔަރުވެފައިވާ ހިތްތަކަކީ ދިރުން ނެތް ހިތްތަކެކެވެ. މީގެ ދުވަސްކޮޅެއް ކުރިން އަލީނާގެ ހިތް ފަދައިންނެވެ. އެހެނަސް މަރުވެފައިވާ ޚަލްޤަކަށް އަލުން ދިރުން ދެއްވުމަށް ﷲ ކުޅަދުންވަންވެވޮޑިގެންވެއެވެ. ފާފަތަކުގައި ޣަރަޤުވެފައިވާ އިންސާނުން ވެސް އަނބުރާ ﷲ ގެ މަގަށް އަންނަނީ އެހެންވެއެވެ. ﷲ އެ ނިޢުމަތް ދެއްވަނީ އެކަމަށް އެދޭ އަޅުންނަށެވެ. އަލުން ދިރުން ދެއްވަނީ އެލާނގެއަށް އެދި ގޮވާ ހިތްތަކަށެވެ.
- ނިމުނީ -