ޓުއަރިޒަމް

ޔޫރަޕުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް ހިނގައްޖެ


މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް ހިނގައްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ޢާއްމު ކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޔޫރަޕުން ރާއްޖެއަށް ސަތޭކަ ހަތްދިހަ ނުވަހާސް ނުވަ ސަތޭކަ ސާޅީސް ތިން ފަތުރުވެރިޔަކު ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ސަތޭކަ ފަސްދޮޅަސް ހަ ހާސް ސަތޭކަ އަށްޑިހަ އެއް މީހުންނަށްވުރެ އަށެއް ޕޮއިންޓް ތިނެއް އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ފަންސާސް ދޭއް ޕޮއިންޓް ތިނެއް އިންސައްތައެވެ.

ޔޫރަޕުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޖަރުމަނު ވިލާތުންނެވެ. އެޤައުމުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ތޭރަ ހާސް ދުއިސައްތަ ފަސްދޮޅަސް އަށް ފަތުރުވެރިޔަކު ޒިޔާރަތްކޮށްފައިވެއެވެ. އިނގިރޭސިވިލާތާއި އިޓަލީވިލާތުން، ކޮންމެ ޤައުމަކުން ނުވަހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިޔާއިން ހަތަރު ހާސް ފަތުރުވެރިޔަކު ޒިޔާރަތްކޮށްފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެފްރިކާ، އެމެރިކާ، އަދި މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހާއި އަޅާބަލާއިރު އިތުރުވެފައެވެ. ނަމަވެސް އޭޝިޔާއާއި ޕެސިފިކް ޤައުމުތަކުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.