ޚަބަރު

ޖެހިލުމެއްނެތި ސަރުކާރު ޖަވާބުދާރީ ކުރުވާނަން: ރައީސް ޞާލިޙް


  • ރައީސް ޞާލިޙް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައި

  • ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައިވާކަމަށް ތުހުމަތުކުރެއްވި

  • ނަމަވެސް ސަރުކާރުން ވަނީ ކުރީ ސަރުކާރުގައި ކޮންޓެކްޓަރުންނަށް ފައިސާ ނުދޭކަމަށް ވިދާޅުވެފައި

  • އައު ސަރުކާރުން އަންނަނީ ބިލްތަކަށް ފައިސާ ދައްކައި މަޝްރޫޢުތައް އަލުން ފަށަމުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހިލުންނުވެ އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރާނެކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލީހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މާލެ ސަރަހައްދުގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވަނީ ސަރުކާރުން ކަންކަން ފޮރުވަން އުޅޭކަމަށް ތުހުމަތު ކުރައްވާފައެވެ. ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރު ޖަވާބު ދާރީ ކުރުމަށް އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށާއި، މަޖިލީހުގެ އަޣްލަބިއްޔަތު ހޯދައިގެން ކުރާނީ އެ މަސައްކަތްކަމަށެވެ.

"މި އިންތިޚާބުގައި އަޅުގަނޑުމެން ސާފު އަޣުލަބީއްޔަތު، މަޖިލީހުގައި މިފަހަރުވެސް ނަގާނަން. އެއަށްފަހު މި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް، ހުއްޓުމެއް ނެތި ޖެހިލުމެއް ނެތި އަޅުގަނޑުމެން މެންބަރުން ކުރާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައިވެސް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ރައީސް ޞާލިޙް ވަނީ، ސަރުކާރުން ގިނަ މަޝްރޫޢުތައް ހުއްޓާލާފައިވާކަމަށް ތުހުމަތުކުރާ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. އެގޮތުން 1700އަށްވުރެ ގިނަ މަޝްރޫޢު ހުއްޓުވާފައިވާކަމަށް ރައިސް ޞާލިޙް ތުހުމަތުކުރެއްވިއެވެ.

ނަމަވެސް މިސަރުކާރު އާއިރު ގިނަ މަޝްރޫޢުތައް ހުއްޓިފައި އޮތްކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އެގޮތުން އެ މަޝްރޫޢުތައް ހުއްޓިފައި އޮތީ، ކުރީ ސަރުކާރުގައި ކޮންޓެކްޓަރަށް ފައިސާ ނުދީ މަޝްރޫޢުތައް ހިންގުމުންކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ. މިގޮތުން ކޮންޓެކްތަރުން ލައްވައި މަސައްކަތް ފަށާއި، ފައިސާ ނުދީ ހުރި ބިލްތަކަށް 9 ބިލިއަން ރުފިޔާ އަރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިއާއެކު އެ ބިލްތަކަށް ފައިސާ ދައްކައި، އަލުން އެ މަޝްރޫޢުތައް ފަށަމުން އަންނަކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ އަޣްލަބިއްޔަތު ކޮންމެހެން ބޭނުންވާކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވާއިރު، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއޮވެ، ސަރުކާރު ހިންގުމަށާއި، މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުން އަންނަކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.