ޚަބަރު

ފުލުހަށް ހުށައަޅާ ކޮންމެ މައްސަލައެއްގެ ވާނުވާ ކޮންމެ 14 ދުވަހަކުން ހިއްސާކުރާގޮތް ހަދަނީ


  • ހުށަހާޅާ މައްސަލަތަކުގެ ވާނުވާ ނޭނގޭ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް

  • ކޮންމެ މައްސަލައަކީ ވެސް މުހިންމު މައްސަލައެއްގެ ގޮތުގައި ދެކިގެން ކުރިއަށްދާނެ

  • ފުލުހުންގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށް އިސްކަންދެއްވާ ކަމަށް ވިދާޅުވި

ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާ މައްސަލަތަކުގެ "ވާނުވާ" ކޮންމެ 14 ދުވަހަކުން މައްސަލަ ހުށައެޅި ފަރާތާ ހިއްސާކުރާގޮތަށް މި ދައުރު ތެރޭ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ފުލުހުންނަށް ހުށައެޅޭ މައްސަލަތައް ކުރިއަށްދާކަން ނުވަތަ ނޫންކަން ނޭނގުމަކީ ޢާންމުންގެ ކަންބޮޑުވުމެކެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހުށަހާޅާ މައްސަލަތަކުގެ ވާނުވާ ނޭނގޭ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ފުލުހަށް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ބޭއްވި ފޯރަމުގައި ވެސް އެ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށާއި، އާންމުކޮށް މައްސަލަ ކުރިއަށްދަނީ ފުލުހުންގެ ތެރެއިން އިސް ބޭފުޅަކަށް ގުޅައިގެން، އޮންނަ ރަހުމަތްތެރިކަމެއްގެ ތެރެއިން ކަމަށް ޢާންމުން ފާހަގަކުރާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ރައްޔިތުން ފުލުހުންގެ ޚިދުމަތަށް ކުރާ އިތުބާރު ދެމެހެއްޓުމަށް އެފަދަ ވިސްނުންތައް ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ ކޮންމެ މައްސަލައަކީ ވެސް މުހިންމު މައްސަލައެއްގެ ގޮތުގައި ދެކިގެން ކުރިއަށްދާން ޖެހޭ ކަމަށެވެ. އެހެންކަމުން، މި ދައުރު ތެރޭގައި ހުށަހަޅާ ކޮންމެ މައްސަލައެއްގެވެސް، އެ މައްސަލައެއްގެ އެންމެފަހުގެ މައުލޫމާތު ކޮންމެ 14 ދުވަހަކުން މައްސަލަ ހުށަހަޅާ ފަރާތާ ހިއްސާކުރަން ފަށްޓަވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

"ދިވެހި ރައްޔިތަކު ދިވެހި ފުލުހުންގެ އިދާރާއަށް ހުށަހަޅާ ކޮންމެ މައްސަލައަކީ ވެސް އެ ބޭފުޅެއްގެ ނަޒަރުގައި ވަރަށް މުހިންމު ބޮޑު މައްސަލައެއް. އެހެންވެ އަޅުގަނޑުމެންގެ ތެރޭގައި އެކަން ވާންވެސް ޖެހޭނީ ހަމައެގޮތަށް. އެހެންވެ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރަން، އިރާދަކުރެއްވިއްޔާ މި ދައުރުގައި ފެނިގެންދާނެ، ފުލުހުންގެ އިދާރާއަށް ހުށަހަޅާ މައްސަލަތަކުގެ ވާނުވާއެއް އެ މައްސަލަ ހުށަހެޅި ފަރާތަށް އެޓްލީސްޓް ކޮންމެ 14 ދުވަހަކުން 1 ދުވަހު މަދުވެގެން އެ ފަރާތަކާ ގުޅާލައިގެން އެ ކުރެވުނު މަސައްކަތްތައް ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކުރުން،" ސީޕީ ޢަލީ ޝުޖާއު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަކީވެސް އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި އެގޮތުން އިންސާނީ ވަސީލަތްތައް ރަނގަޅަށް ބޭނުންކޮށް، ޔުނިފޯމު އެޅި ފުލުހުން ފްރަންޓްލައިނުގައި ބޭނުން ކުރެވިދާނެ ދާއިރާތައް ހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އާބާދީ ބޮޑެތި ތަންތަނުގައި ފުލުހުން އިތުރުކުރުން މުހިންމުކަން ވެސް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ ފާހަގަކުރައްވާފައެވެ.