ޚަބަރު

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރަނީ


  • ހޮޓާ ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވަނީ ހުޅުވާލާފައި

  • އީއޯއައި ހުށަހެޅުމުގެ ސުންގަނޑިއަކީ އަންނަ މަހުގެ 21ވަނަ ދުވަސް

  • މާފަރު އެއަރޕޯޓުން ދޭ ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން މިހާރުވަނީ ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށާއި ބޭރުގެ އުދުހުންތަކަށް ބޭނުންކުރާ އެއަރޕޯޓެކެވެ. މިއީ ފަތުރުވެރިކަމާއި ވިޔަފާރިއަށް އެ ސަރަހައްދުގައި މުހިންމު ހަބެއް ކަމަށް އައިލެންޑު އޭވިއޭޝަނުން ބުނެއެވެ. އަދި އެ އެއަރޕޯޓުން ދޭ ޚިދުމަތްތައް ފުޅާކޮށް ފަސިންޖަރުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެދަށުން ސިޓީ ހޮޓަލެއް އެއަރޕޯޓުގައި ތަރައްޤީކޮށްދޭން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު އައިލެންޑު އޭވިއޭޝަނުން މިހާރު މިވަނީ ހުޅުވާލާފައެވެ.

ސިޓީ ހޮޓާ ތަރައްޤީކުރުމަށް ތަފާތު އެކި ކަހަލަ ވިޔަފާރީގެ ޚިޔާލުތަކަށް މަރުޙަބާ ކިޔާނެ ކަމަށާއި، ދެ ފަރާތްތަށްވެސް ފައިދާކުރާނެ ފަދަ އެއްބަސްވުމެއް އެކުލަވާލަން ބޭނުންވާކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.

ސިޓީ ހޮޓާ ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓު، އީއޯއައި ހުށަހެޅުމުގެ ފުރުސަތުވަނީ އަންނަ މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

މާފަރު އެއަރޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ފެންވަރަށެވެ.

ސަރުކާރުން ދަނީ މާފަރު އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަންވޭ އަށް 650 މީޓަރު އިތުރުކޮށް، ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގ 777 މަރުކާގެ މަތިންދާބޯޓުތަކަށްވެސް ރަންވޭއަށް ޖެއްސޭނެއެވެ.