ޚަބަރު

ޕީޕީއެމް/ޕީއެންސީގެ ސަފުތަކަށް ހީނަރުކަން ނާންނާނެ، މިތިބީ ރައީސާއެކު: ލީޑަރޝިޕް


  • ދެޕާޓިގެ މެންބަރުންވެސް ތިއްބެވީ ރައީސާއެކު ކުރިއަށްދާންކަމަށް

  • ދެޕާޓިގެ ވިސްނުމަކީ އެކައްޗެއްކަމަށް

  • ދެޕާޓީއަށްވެސް ހަމަހަމަ ފުރުޞަތު އެބައޮތްކަމަށް

ޕީޕީއެމް/ޕީއެންސީގެ ސަފުތަކަށް ހީނަރުކަން ނާންނަކަމަށާއި، އެދެޕާޓީގެ ސަފުތައް އޮތީ ވަރަށް ބަދަހިކޮށްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިފަދައިން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއަށް އެއްވެސް ދިރުމެއް ރައީސް ޑރ. މުޢިއްޒު ދޭން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމާއި ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޣައްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަތީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އެންގެވި ފޯމިއުލާގެ ތެރެއިން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރުންނާއި، ސެނެޓާއި އިންތިޚާބުކޮށްފައިވާ ދެޕާޓީގެ ހުރިހާ ގުނަވަންތަކާއި، ޢާންމު މެންބަރުގެ ފުރިހަމަ އިތުބާރާއި ތާޢިދާއެކުކަމަށެވެ. މިހާރުވެސް ޙާލަތު އޮތީ ހަމައެހެންކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕީޕީއެމުން ދަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުކަމާއި ވަރުބަލިކަމެއް ނެތި ހަރަކާތްތެރިވަމުންކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި އެ ދެޕާޓިގެ ސަފުތަކަށް ހީނަރުކަން ނާންންކަމުގެ ޔަޤީންކަން ދެއްވަމުން ޣައްސާން ވިދާޅުވީ އެފަދަ ވިސްނުމެއް ދެޕާޓީގެ ލީޑާޝިޕްގެވެސް ނުގެންގުޅޭކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ޕީޕީއެމަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ހަޤީގަތާ ޚިލާފު ވާހަކަދައްކަވާ ރައްޔިތުންގެ ނަފުރަތު މިސަރުކާރަށް އަމާޒުކުރުވަން މަސައްކަތެއް ނުކުރައްވާނެކަމަށެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ކާމިޔާބީއަކީ ޕީޕީއެމްގެ ދިރުމާ ކާމިޔާބުކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ރައީސްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ހުއްޓުމެއްނެތި އެތައް ކުރިއެރުމެއް ހޯއްދަވަމުންކަމަށެވެ. ޤައުމު ބިނާކޮށް އާޒަމާނަކަށް މުހިންމު ގިނަ ކަންކަން ގެންދަވަނީ ތަންފީޒު ކުރައްވަމުންކަމަށާއި، ފިތުނައާއި ބައިބަކުރުމަކުން މޮޅު ނަތީޖާއެއް ނުނިކުންނާނެކަން އަބަދުވެސް ދަނީ ހާމަވަމުންކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވަޒިރު އާދަމް ޝަރީފް ވިދާޅުވީ ޕީޕިއެމް.ޕީއެންސީއަކީ އެއް ވިސްނުމެއްގެ އެކައްޗެއްކަމަށެވެ. ދެޕާޓީންވެސް މަސައްކަތްކުރަނީ ބަދަހިކަމާއެކު ރަސްމީކޮށް ހަދާފައިވާ ކޯލިޝަނުގެ ގޮތުގައިކަމަށެވެ. އެ ކޯލިޝަނުން ރަށު ކައުންސިލް އިންތިޚާބުގައި ވާދަކުރީ ޕީޕީއެމްގެ ނަމުގައިކަމަށާއި، މަޖިލިސް އިންތިޚާބުގައި ވާދަކުރަނީ ޕީއެންސީގެ ކެންޑިޑޭޓުންގެ ނަމުގައިކަމަށެވެ. ވަޒީރު ވިދާލުވީ ދެ ޕާޓީއަށްވެސް ހަމަހަމަ ފުރުޞަތު އެބައޮތްކަމަށެވެ.

ޕީޕީއެމުން ވަކިވެވަޑައިގެން ރައީސް ޔާމީން ގެންދަވަނީ ސަރުކާރާ ޕީޕީއެމަށް ފާޑުވިދާޅުވަމުންނެވެ.