ޚަބަރު

އިޤްތިޞާދީ ޙާލަތުގެ ގޮތުން ފައިސާ ޗާޕްކުރަންޖެހިއްޖެނަމަ އެކަންކުރަން ޖެހޭ: ރައީސް ޞާލިޙް


  • ފައިސާ ޗާޕްކުރީ ކޯވިޑްގެ ސަބަބުންކަމަށް ވިދާޅުވި

  • އެއީ އިޤްތިޞާދީ ޙަލަތު ތަންދޭ ގޮތުން ކުރަންޖެހިއްޖެނަމަ ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވި

  • ކުރީ ސަރުކާރުން 8.2 ބިލިއަން ރުފިޔާ ޗާޕްކުރިކަމަށް އެމްއެމްއޭއިން ބުނެފައިވޭ

އިޤްތިޞާދީ ޙާލަތު ތަންދޭ ގޮތުން ފައިސާ ޗާޕްކުރަން ޖެހިއްޖެނަމަ އެކަން ކުރަން ޖެހޭކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ އޮތް އެމްޑީޕީ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، އެމަކުފާނުގެ ވެރިކަމުގައި ފައިސާ ޗާޕުކުރީ ކޯވިޑުގެ ހާލަތުން އަރައިގަތުމަށްކަމަށެވެ. ރައީސް ޞާލިޙް ވަނީ މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

"ލޯނު ނަގަން ޖެހޭއިރު ނަގްނަ ޖެހޭނެ، ފައިސާ ޗާޕް ކުރަން ޖެހޭއިރު ޗާޕް ކުރަން ޖެހޭނެ. މިދިޔަ އަހަރު ބަޖެޓް ފާސްކުރިއިރު ޑިސެމްބަރުގެ ފަހުން ފައިސާ ޗާޕް ނުކުރާނެ ކަމަށް އޮންނާނީ ނިންމާފަ، އެއީ އަޅުގަނޑުމެން ނިންމާފަ އޮތް ކަމެއް." ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ފެބުރުއަރީ މަހު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން މާލީ ހާލަތަށް ވާނެގޮތަކަށް ނުބަލާ ފައިސާ ޗާޕު ކޮށްފައިވާކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ފައިސާ ޗާޕު ނުކުރާވަރަށް މިދިޔަ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ފައިސާ ޗާޕު ކޮށްފައިވާކަމަށެވެ.

މި ސަރުކާރު އައުމަށްފަހު ފައިސާ ޗާޕުކުރުން ހުއްޓާލައި، ޚަރަދުތައް ކުޑަކުރުމުގެ ހެޔޮ އަސަރު އިޤްތިސާދުން ފެންނަމުންދާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.