ޚަބަރު

ޢުމްރާއަށް މީހުން ގެންދާ އަމިއްލަ ޖަމާޢަތްތަކަކީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފި


  • ހުއްދަ ދެވިފައިވާ ޖަމާޢަތްތަކުގެ ލިސްޓް އާންމުކުރެވިފައި ވާނެކަމަށް ވިދާޅުވި

  • މިހާތަނަށް ޖުމްލަ 50 ކުންފުންޏަކަށް އެ ވުޒާރާއިން ވަނީ ހުއްދަ ދީފައި

އަމިއްލަ ޖަމާޢަތްތަކުގެ ހަވާލުގައި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން އެ ވަޑައިގަންނަވާ ޖަމާޢަތްތަކަކީ ޢުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސްކުރައްވާފިއެވެ.

ވަޒީރު މިފަދައިން އިލްތިމާސްކުރެއްވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދެވިފައިވާ ޖަމާޢަތްތަކުގެ ލިސްޓް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. ހަމަ އެހެންމެ، މި ލިސްޓް ގެޒެޓްގައި އާންމުކޮށްފައިވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އާންމުންނަށް ފެންނާނެހެން އާންމުކޮށްފައިވާ މި ލިސްޓުގައި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިހާތަނަށް ޖުމްލަ 50 ކުންފުންޏަކަށް އެ ވުޒާރާއިން ވަނީ ހުއްދަ ދީފައެވެ. އަދި މި ކުންފުނިތަކަށް ގުޅޭނެ ފޯން ނަމްބަރާއި، ހުއްދަ ހަމަވާ ތާރީޚްވެސް މި ލިސްޓްގައި ވަނީ ފާހަގަކޮށްފައެވެ.

ޙައްޖާއި، ޢުމްރާއަށް މީހުން ގެންދިއުމުގެ ނަމުގައި މަކަރުހަދާ އޮޅުވާލައިގެން މަސައްކަތްކުރާ ކުންފުނިތަކުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެހެންކަމުން، މިފަދަ ބޮޑު ކަމެއް ނިންމުމުގެ ކުރިން އިތުބާރުހިފޭ ބަޔަކާއި ވާހަކަ ދެއްކުމަށްފަހު، ރަނގަޅު ކުންފުންޏެއް އިޚްތިޔާރު ކުރުމަކީ މުހިންމުކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.