ކުޅިވަރު

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމުގެ މަސައްކަތް މޯލްޑިވްސް އެޝުއަރ ސަޕްލައިއަށް


ފ. ބިލެތްދޫ، ރ. އިނގުރައިދޫ އަދި ބ. ދޮންފަނު ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް މޯލްޑިވްސް އެޝުއަރ ސަޕްލައި އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ތިން ރަށުގެ ފުޓްބޯޅަ ދަނޑުތަކަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

މި ތިން ރަށުގެ ތެރެއިން އިނގުރައިދޫ އާއި ދޮންފަނު ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިސްމާއިލް ރަޢޫފެވެ. އަދި ބިލެތްދޫ ދަނޑަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ނިޔާޒެއެވެ. މޯލްޑިވްސް އެޝުއަރ ސަޕްލައިގެ ފަރާތުން މި ތިން ރަށުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް އޮފިސަރ ހައިކަލް އަލީ މުސްތޮފާއެވެ.

މި އެއްބަސްވުމުގެ ދަށުން މި ތިން ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތްކުރުމަށް މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ، 82 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި މަޝްރޫއަކީ ކޮންމެ ރަށަކަށް ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން 4،796،382.36 (ހަތަރު މިލިޔަން ހަތް ލައްކަ ނުވަދިހަ ހަހާސް ތިންސަތޭކަ އަށްޑިހަ ދެ ރުފިޔާ ތިރީސް ހަ ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.