ޚަބަރު

ގްރޭޓަރ މާލެ އިންޓަކަނެކްޝަން ގްރިޑުގެ ކޭބަލްތަކުގެ މަތީގައި ދަގަނޑު ނުޖެހުމަށް އިލްތިމާސްކޮށްފި


  • ކޭބަލްތަކަށް ގެއްލުމެއް ވެއްޖެނަމަ މަރާމާތަށް ދުވަސް ނަގާނެ

  • ކޭބަލްތަކުގެ މަތީގައި ބޯޑު ހަރުކުރުމުގެ ތެރޭގައި ފުރާނައަށް ނުރައްކާވެދާނެ

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ގާއިމުކޮށްފައިވާ ގްރޭޓަރ މާލެ އިންޓަކަނެކްޝަން ގްރިޑުގެ ކޭބަލްތަކުގެ މަތީގައި ދަގަނޑު ނުޖެހުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އިލްތިމާސްކުރައްވައިފިއެވެ.

ފަހުމީ މިގޮތަށް އިލްތިމާސްކުރެއްވީ ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ގްރޭޓަރ މާލެ އިންޓަކަނެކްޝަން ގްރިޑުގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައިގެން އިޝްތިހާރު ބޯޑުތައް ބަހައްޓަމުންދާކަމަށާއި މިހާރުވެސް ބޯޑުތައް އެ ކޭބަލްތަކުގެ މަތީގައި ހުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މިގޮތަށް ކަންތައް ކުރުމުން ކޭބަލް ވިއުގައިގަ ހިމެނޭ ކޭބަލްތަކަށް ގެއްލުމެއް ވެއްޖެނަމަ އެ މަރާމާތު ކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެކަން ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ ކޭބަލް ހަލާކުވެ އެ މަރާމާތު ކުރުމަށް ގިނަ ދުވަސްތައް ނެގުމުން، ސްޓެލްކޯއިން މާލެ އާއި ހުޅުމާލެއަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވާނެ ކަމަށެވެ.

އިޝްތިހާރު ބޯޑުތައް ހަރުކުރުމުގެ ހުއްދަ ދޭ ފަރާތުން އެކަމަށް އިތުރަށް ސަމާލުވެ، ކޭބަލް ވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ފަހުމީ އިލްތިމާސްކުރެއްވިއެވެ. މާލެ ސަރަހައްދުގައި ޕޯސްޓަރު ހަރުކުރުމާއި އިޝްތިހާރު ބޯޑު ހަރުކުރުމުގެ ހުއްދަ ދޫކުރަނީ މާލެ ސިޓީ ކައުންސިލުންނެވެ.

ކޭބަލްތަކުގެ މަތީގައި އިޝްތިހާރު ބޯޑު ހަރުކުރުމަކީ އެ މަސައްކަތް ކުރާ ފަރާތްތަކުގެ ފުރާނައަށްވެސް ނުރައްކާތެރިކަމެއް ކަން ވެސް ފަހުމީ ފާހަގަކުރެއްވިއެވެ.

ފަހުމީ ވަނީ ސްޓެލްކޯގެ މުވައްޒަފުންނަކީ މެދުނުކެނޑި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބުރަކޮށް މަސައްކަތްކުރާ ބައެއްކަން ފާހަގަކުރައްވައި އެ ޚިދުމަތް ދިނުމުގައި އެއްވެސް ބަޔަކު ހުރަހަކަށް ނުވުމަށް އެދިވަޑައިގެންފައެވެ.