ޚަބަރު

ފައިސާ ޗާޕުކުރުން ހުއްޓާލައި، ޚަރަދު ކުޑަކުރުމުގެ ހެޔޮ އަސަރު ފެނޭ: އެމްއެމްއޭ


  • މިހާރުގެ ނަންބަރުތަކުން ލަފާކުރާ އަދަދުތަކާ ދިމާވޭ

  • ހިސާބުތައް ދައްކާ ގޮތުން ރިކަރަންޓް ޚަރަދު އަދި ކެޕިޓަލް ޚަރަދު ވެސް ދަށް

މިސަރުކާރު އައުމަށްފަހު ފައިސާ ޗާޕުކުރުން ހުއްޓާލައި، ޚަރަދުތައް ކުޑަކުރުމުގެ ހެޔޮ އަސަރު އިޤްތިސާދުން ފެންނަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ވިދާޅުވެއްޖެއެވެ. އެމްއެމްއޭއިން މިހެން ވިދާޅުވީ ދައުލަތުގެ ކޭޝްފްލޯއާ ގުޅޭގޮތުން އެމްއެމްއޭގެ ފަރާތްތަކާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރުމުންނެވެ.

މާލިއްޔަތު ކޮމިޓީގައި މައުލޫމާތު ދެއްވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ 2023 ގެ ފަހުން ޕަބްލިކް ބޭންކް އޯވަރޑްރާފްޓް ފެސިލިޓީ ނުވަތަ ރުފިޔާ ޗާޕުނުކޮށް ދައުލަތުގެ ޚަރަދުތައް ހަމަޖެހިގެންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ފައިސާ ޗާޕު ކުރަން ޖެހޭ ހާލަތެއް ވެސް މިހާތަނަށް އައިސްފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިމާދު ވިދާޅުވީ ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތަށް 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 7.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެހެންވެ، މިހާރުގެ ނަންބަރުތަކުން ލަފާކުރާ އަދަދުތަކާ ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިސާބުތައް ދައްކާ ގޮތުން ރިކަރަންޓް ޚަރަދު އަދި ކެޕިޓަލް ޚަރަދު ވެސް ދަށްވެފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ. އެގޮތުން ކެޕިޓަލް ޚަރަދު މިއަހަރުގެ މިހާތަނަށް 1.5 ބިލިއަން ރުފިޔާގައި ހުރިއިރު މިދިޔަ އަހަރު ހުރީ 3.2 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި މި ސަރުކާރުގެ މުޅި ޖުމްލަ ޚަރަދުތަކުން ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާގެ ދަށްވުމެއް ފެންނަ ކަމަށްވެސް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށް އެކި ދިމަދިމާލުން ޚަރަދުތައް ކުޑަކުރެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ޑޮމެސްޓިކް މާކެޓުން ފައިސާ ނަގައިގެން ކޭޝްފްލޯ މެނޭޖުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. ސެކިއުރިޓީސް އިޝޫކޮށްގެން ޑޮމެސްޓިކް މާކެޓުން ވެސް ނަގާފައިވަނީ 200 މިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެއްކަން އިމާދު ފާހަގަކުރެއްވިއެވެ.

އިމާދު ވިދާޅުވި ގޮތުގައި ދައުލަތުގެ ޖުމްލަ ރިޒާވުގައި ގާތްގަނޑަކަށް 580 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އަދި އަހަރު ނިމޭއިރު 600 މިލިއަން ޑޮލަރުގައި އެ އަދަދު ހިފެހެއްޓޭނެ ކަމަށް ގަބާލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.