ޚަބަރު

މާލެ ސަރަޙައްދުގައި އިޢުތިކާފަށް ތިބުމަށް 16 މިސްކިތެއް


މާލެ ސަރަޙައްދުގައި އިޢުތިކާފަށް ތިބުމަށް މިފަހަރު 16 މިސްކިތެއް ހަމަޖައްސާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ވިދާޅުވީ، 1445 އަހަރުގެ ރަމަޟާން މަހު މާލޭ ސަރަހައްދުގެ މިސްކިތްތަކުގެ ތެރެއިން ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް މިސްކިތްތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން މާލެ ސަރަޙައްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި 16 މިސްކިތެއްގައި އިއުތިކާފަށް ތިބުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައި ކަމަަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިސްކިތްތައް ހަމަޖައްސާފައިވާ ގޮތަށް ބަލާއިރު

ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް ބެހިފައިވާގޮތް:

• މާލޭގެ 18 މިސްކިތެއް
• ވިލިމާލޭ 3 މިސްކިތެއް
• ހުޅުމާލެ ފޭސް އެކެއްގެ 8 މިސްކިތެއް
• ހުޅުމާލެ ފޭސް ދޭއްގެ 2 މިސްކިތެއް

އިއުތިކާފަށް ހަމަޖެހިފައިވާ މިސްކިތްތައް ބެހިފައިވާގޮތް:

• މާލޭގެ 8 މިސްކިތެއް
• ވިލިމާލޭގެ 1 މިސްކިތް
• ހުޅުމާލެ ފޭސް އެކެއްގެ 5 މިސްކިތެއް
• ހުޅުމާލެ ފޭސް ދޭއްގެ 2 މިސްކިތެއް


ކޮންމެ އަހަރަކުވެސް ރަމަޟާންމަހުގެ ފަހު ދިހައަކަށް މިސްކިތްތަކުގައި އިއުތިކާފަށް ތިބުމަށާއި ދަމު ނަމާދަށް ތިބެވޭނެ އިންތިޒާމުތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވައެވެ. ސަރުކާރުން މިއަހަރު ވަނީ ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއް ބަންދުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިކަމުގެ އެންމެ ބޮޑު މަޤްޞަދަކީ ރާއްޖޭގައި އިސްލާމީ އުޞޫލުތައް ޤާއިމުކުރުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ބާރު އަޅާ، އެކަމަށް ފުރުޞަތު ދެއްވުމެވެ.