ޚަބަރު

ރަމަޟާން މަހުގެ ފުރަތަމަ 10 ގައި ފިޠުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ


  • ފާއިތުވި 5 އަހަރު ފުރަތަމަ 10 ގައި އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ މިއަހަރު

  • އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުން

  • އޭޕްރީލް 6އާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1.5 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާފިއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރަމަޟާން މަހުގެ ފުރަތަމަ 10 ގައި 2023 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 1.3 މިލިއަން ރުފިޔާއެވެ. އަދި 2022 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 1.09 މިލިއަން ރުފިޔާއެވެ.

މިދިޔަ 5 އަހަރު ރަމަޟާން މަހުގެ ފުރަތަމަ 10ގައި ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު:

• 1441 ވަނަ އަހަރުގެ ރަމަޟާން މަހު: 1.53 މިލިއަން ރުފިޔާ
• 1442 ވަނަ އަހަރުގެ ރަމަޟާން މަހު: 9 ލައްކަ ރުފިޔާ
• 1443 ވަނަ އަހަރުގެ ރަމަޟާން މަހު: 1.09 މިލިއަން ރުފިޔާ
• 1444 ވަނަ އަހަރުގެ ރަމަޟާން މަހު: 1.39 މިލިއަން ރުފިޔާ
• 1445 ވަނަ އަހަރުގެ ރަމަޟާން މަހު: 1.59 މިލިއަން ރުފިޔާ

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު 38،681 މީހުން ވަނީ ޒަކާތް ދައްކާފައެވެ. އަދި ޒަކާތް ދައްކާފައިވާ ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ.

އެގޮތުން 22،759 މީހުން އާދައިގެ ހަނޑުލުން ޒަކާތް ދައްކާފައިވެއެވެ. އަދި 5,208 މީހަކު އާދައިގެ ބާސްމަތީ ހަނޑުލުން ޒަކާތް ދައްކާފައިވާއިރު 4,188 މީހަކު އެންމެ މޮޅު ބާސްމަތީ ހަނޑުލުން ވަނީ ޒަކާތް ދައްކާފައެވެ. މީގެ އިތުރުން ވެސް އާޓާ ފުށާއި އާދައިގެ ފުށުން ވެސް ބައެއް ފަރާތްތަކުން ޒަކާތް ދައްކާފައިވެއެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދުވި ނަމަވެސް ޒަކާތް ދެއްކޭނެ އިންތިޒާމް އެއިދާރާއިން ވަނީ ހަމަޖައްސަވާފައެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ، ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެކަމަށެވެ. ޢުމުރުން ދުވަސްވީ އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.

ޒަކާތާމެދު ހޭލުންތެރިކަން އުފައްދާ ޒަކާތް ބަލައިގަތުމުގެ މަސައްކަތްތައްކުރުމަށް މިސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އުފައްދަވާފައެވެ.