ޚަބަރު

އިނގިރޭސި ރަސްގެފާނު، ޗާލްސްއާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި


  • ތިމާވެށީގެ ދާއިރާއާ ގުޅޭގޮތުން ރައީސް ނަޝީދު ވަނީ ރަސްގެފާނާ މަޝްވަރާކުރައްވާފައި

  • ސާފު ހަކަތައިގެ މަޝްރޫޢުތަކަށް އަމިއްލަ ކުންފުނިތަކަށް މާލީ އެހީދޭންޖެހޭކަން ފާހަގަކުރެއްވި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނައާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު ބަކިންގްހަމް ޕެލަސްގައި ބުދަ ދުވަހުގެ ވަގުތެއްގައި ކިންގް ޗާލްސްއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ސިޔާސީ ހަރަކާތްތަކާ ދުރުވެވަޑައިގެންކަން އިޢުލާނުކުރެއްވުމަށްފަހު މިހާރު ރައީސް ނަޝީދަކީ ތިމާވެށްޓާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާއެއްކަމަށްވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް ސީވީއެފްގެ ސެކެޓްރީ ޖެނެރަލެވެ.

އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ، ކިންގް ޗާލްސްއާއި ސީވީއެފްއިން ތިމާވެށްޓަށް ގުޅޭ ކަންކަމުގައި އެއްގޮތް ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

އެގޮތުން ތަރައްޤީވަމުން އަންނަ ޤައުމުތަކުން ތިމާވެށްޓާއި ސާފު ހަކަތައިގެ މަޝްރޫޢުތަކުގައި އަމިއްލަ ކުންފުނިތަކަށް މާލީ އެހީތެރިކަންދޭންޖެހޭކަން ދެ ފަރާތުންވެސް ޤަބޫލުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


އިނގިރޭސިވިލާތަށް ރައީސް ނަޝީދު ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ އިސް ބޭބޭފުޅުންނާއި ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފައެވެ.

58 މެންބަރު ޤައުމު އޮންނަ ސީވީއެފްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމާ ރައީސް ނަޝީދު ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހުއެވެ.