ޚަބަރު

ދަރަނީގެ މައްސަލައެއްގައި ހަސަން ޝިޔާމަށް އިންތިޚާބުގައި ބައިވެރިނުވެވޭނެ ކަމަށް ނިންމައިފި


  • ވާދަ ނުކުރެވެނީ ސާބިތު ދަރަންޏެއް އޮތުމުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމަށް އިންތިޚާބުގައި ބައިވެރިނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

އެ ކޯޓުން މިހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ގާޒީންގެ ވެސް އިއްތިފާގުންނެވެ. މިހުކުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު އޭނާގެ ކިބައިގައި ފުރިހަމަނުވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އިއްވެވި ހުކުމެކެވެ.

ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ވިދާޅުވެފައިވާ ގޮތުގައި ހަސަން ޝިޔާމްގެ މައްޗަށް ސާބިތު ދަރަންޏެއް އެބައޮތެވެ. އެއީ އޭނާ ހިމެނޭހެން 11 މީހަކު ޒިންމާވާ ގޮތަށް އޮތް ދަރަންޏެކެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ހަސަންގެ ކިބައިގައި ފުރިހަމަނުވާ ކަމަށެވެ.

ޤާނޫނުގައިވާ ގޮތުން ސާބިތު ދަރަންޏެއް އޮތް މީހަކު ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ ނަމަ އޭނާއަށް މަޖިލީހުގެ އިންތިޚާބުގައި ވާދަކުނުކުރެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިހާރު މަޖިލީހުގައި ވާދަކުރައްވަނީ 369 ކެންޑިޑޭޓުންނެވެ. ނަމަވެސް ހަސަންގެ ކެންޑިޑަސީ ބާޠިލުކުރުމަށް މިއަދު ކުރި ހުކުމާއެކު އެއަދަދު 368 އަށް ދަށްވާނެއެވެ.