ޚަބަރު

ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ އަގު ތިރިވެ، އިޤްތިޞާދަށް ދިރުން އަންނަން ފަށައިފި: ރައީސް


  • ސަރުކާރު ބަދަލުވީއިރު ކުންފުނިތަކަށް ދޭންޖެހޭ 9 މިލިއަން ރުފިޔާގެ ބިލު ހުރި

  • ފައިސާ ޗާޕްކުރުމުގެ ސަބަބުން ފައިސާގެ އަގު ވެއްޓިފައި އޮތުން

  • ރައީސް ވަނީ އިޤްތިޞާދު ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައި

  • އެ ފިޔަވަޅުތަކަށް އައިއެމްއެފުން ވަނީ މަރުޙަބާ ކިޔާފައި

ފާއިތުވި 4 މަސްދުވަހުގެ ތެރޭގައި ކުރެއްވުނު މަސައްކަތްތަކުން، ފައިސާގެ އަގު ހިފެހެއްޓި، އިޤްތިޞާދު ރަނގަޅުވާން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. މިއާއެކު އެމަނިކުފާނަށް އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަތް އެއް މަސައްކަތްޕުޅަކީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމެވެ.

އެމަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައިވެރިކަމުގެ 4 މަސްދުވަހުގެ މަސައްކަތްޕުޅު ސިފަކުރައްވަމުން ރައީސް ވިދާޅުވީ ހިތްޕުޅުހަމަޖެހިވަޑައި ގަންނަވާކަމަށެވެ.


ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ އަނދަވަޅެއްގެ ތެރޭގައިކަމަށާއި، 120 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށެވެ. އޭގެ އިތުރުން ކުރީ ސަރުކާރުގައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގުވެއްޓި، ޑޮލަރުގެ އަގު އިންތިހާއަށް އޮތީ އުފުލިފައިކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އިޤްތިޞާދު ހީނަރުވެ، ކުދި ވިޔަފާރިތައް އޮތީ ހުއްޓިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރާ ޙަވާލުވެވަޑައިގެންނެވިއިރު ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް އޮތީ ބަނގުރޫޓުވެފައިކަމަށާއި، ރަނގަޅަށް ހިނގާ ކުންފުނިތަކުގެ ފައިދާވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައި އޮތްކަމަށެވެ. މީގެ އިތުރުން އިޤްތިޞާދު މިންކުރާ ކްރެޑިޓް ރޭޓިންގައިވެސް އޮތީ ވަރަށް ދަށުގައިކަމަށް ރައީސް ވިދާޅުވިއެވެ. ޖުމްލަކޮށް ޤައުމުގެ ހާލަތު އޮތީ ވަރަށް ނިމެތިކޮށްކަމަށާއި، އިޤްތިޞާދަށް ދިރުން ގެނެސްދޭނެ ކަންކަން ކުރިއަށް ނުދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"
ރަށްރަށުގައި ހިނގަމުންދިޔަ މަޝްރޫޢުތައްވެސް އަޅުގަނޑުމެންނާ ހަވާލުވީއިރުގަ، ކެމްޕެއިންގައި އަޅުގަނޑުކުރި ދަތުރުތަކުގައި ފާހަގަވި ހުރީ ހުއްޓިފައި މަސައްކަތްކުރި މީހުންނަށް ފައިސާ ނުދިނުމުގެ ސަބަބުން. މިގޮތަށް ދޭންހުރި ފައިސާވެސް 9 ހާސް މިލިއަނަށް އަރައިގެންދޭ. މިހާލަތުގައި އޮތް އިޤްތިޞާދަކުން އަޅުގަނޑުމެންގެ މަސައްކަތް ފެށިގެން މިދިޔައީ. އިރާދަކުރެއްވއްޔާ ނަތީޖާ ރަނގަޅު މިހާތަނަށް.
ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެމަނިކުފާނު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ފައިސާ ޗާޕްކުރުން ހުއްޓާލުންކަމަށެވެ. އޭގެ ސަބަބުން ފައިސާގެ އަގު ހިފެހެއްޓިފައިވާކަމަށާއި، އިޤްތިޞާދުވެސް ރަނގަޅުވާން ފަށާފައިވާކަމަށެވެ. އަދިވެސް ކުރެވޭ އިތުރު ކަންކަމާއެކު ވަގުތު ބޭނުންވާނެކަމަށާއި، ނަތީޖާވެސް ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ކުރީ ސަރުކާރުގެ ތިން އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ.

"ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ އަގު ތިރިވެ އިޤްތިޞާދަށް ދިރުން އެބައާދޭ. އެއީ ނެރެވެމުންދާ ވަރަށް ބޮޑު ނަތީޖާއެއް. އިންވެސްޓަރުންގެ ކޮންފިޑެންސް އަނބުރާ އެބަލިބޭ. މިހާރު އިންވެސްޓްކުރާނެ ފަރާތްތައް ވަރަށް ގިނަ. ޕްރޮޕޯސަލްތައްވެސް އެބަ އާދޭ. ޓުރިޒަމް ދާއިރާގަވެސް އަދި އެހެނިހެން ދާއިރާތަކުގެވެސް. ބޭރުގެ އެކި ފަރާތްތަކުން ވަރަށް ޝަޢުގުވެރިކަން ފާޅުކުރޭ." ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.


ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައި އޮތްކަމަށް ވިދާޅުވެފައެވެ. އެކަން އެހެންވީ، ކުރީ ސަރުކާރުގައި މަޝްރޫޢުތައް ޙަވާލުކޮށް، އެ ކުންފުނިތަކަށް ފައިސާ ދީފައި ނުވުމުންކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން ސްކޫލް ޢިމާރާތްތަކާއި، ސިއްޙިމަރުކަޒުތަކާއި، ބަނދަރާއި ފެނާ ނަރުދަމާފަދަ އެތައް މަޝްރޫޢުއެއް ހުއްޓިފައި އޮތްކަން ފާޙަގަކުރައްވާ ރައީސް ވިދާޅުވީ، ކުންފުނިތަކަށް ދޭންޖެހޭ ފައިސާ މިހާރު ދައްކަމުން އަންނަކަމަށެވެ. އަދި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށެމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.


"އަނދަވަޅު ފުންކަމުން އެނަގާ، މީހުންނަށް އޭގެ ރަނގަޅު ނަތީޖާ ނެރުމަށް ކުރަންޖެހޭ މަސައްކަތް ގިނަވެ، ވަގުތު އެކަމުގަ މިދަނީ. އެކަމު ނަތީޖާ ވަރަށް ރަނގަޅު." ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވަނީ 4 މަސް ދުވަހުގެތެރޭގައި ކުރެއްވުނު ބައެއް އެހެނިހެން މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ.

* އާސަންދަ އަދި އެންސްޕާއިން ކުރިން ނުލިބޭ އެތައް ޚިދުމަތެއް ފެށުން
* ހިލޭ ބޯންމެރޯގެ ޚިދުމަތް ދޭން ފެށުން
* 50 ނިކަމެތިންނަށް ހިލޭ ޙައްޖަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދިނުން
* ދިވެހި އަސްކަރިއްޔާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފެށުން
* ވައިގެ މަގުން އަމިއްލަ ކެޕޭސިޓިގައި ބަލިމީހުން އުފުލަން ފެށުން (އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުން)
* ސަރުކާރު ބަދަލުވީއިރު މަސްވެރިންނަށް ނުދީހުރި ފައިސާދީ ޚަލާސްކުރުން

ރައީސް ވިދާޅުވީ މިނޫނަސް އެތައް މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި، އެކަންކަން ހާސިލްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރިމަތިވެވަޑައިގެންނެވި ދަތި އުނދަގޫތަކާވެސް އެކުކަމަށެވެ.