ޚަބަރު

މަޖިލީހުން މިހާރު ފެންނަނީ ތަރައްޤީގެ ވިސްނުން ނެތް ބަޔަކު ރައްޔިތުންނަށް އުނދަގޫކުރާތަން: ރައީސް


ވޭތުވެދިޔަ 4 މަސް ދުވަހު މަޖިލީހުން ފެނިގެން ގޮސްފައިވަނީ ތަރައްޤީގެ ވިސްނުމާ ދެކޮޅަށް ރައްޔިތުންނަށް ކުރަމުންދިޔަ އުނދުގޫތައް ކަަމަށް ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ވެރިކަން ކުރާ ޕާޓީން ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަ ދައްކަވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. އޭގެ ލިސްޓު ކިތަންމެ ދިގު ކަމުގައިވިއަސް އެއީ ކުރަން ޖެހޭ މަސައްކަތް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ރައްޔިތުންނާއި އެކުގަ މަސައްކަތުގައި ބައިވެރިވާނެ ފަރާތްތައް ހޮވުން ޒަރޫރީ ކަމަކަށް ވެފައިވާ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ތެރެއިން އަޅުގަނޑުމެންނަށް ރައްޔިތުންނާއި އެކީގައި މިމަސައްކަތުގައި ބައިވެރިވާނެ ވިސްނުމުގައި ތިއްބެވި ބޭފުޅުން ހޮވުމަކީ ޒަރޫރީ ކަމެއްގެ ގޮތުގައި މިއޮތީ ވެފައި. ޒަރޫރީ ކަމަކަށް ވަނީ ކަންކަމުގައި ހަޤީޤަތް އަޅުގަނޑުމެން ބަލާލާއިރު ފެންނަން ހުރި ހަޤީޤަތްތަކުގެ ސަބަބުން. ވޭތުވެދިޔަ 4 މަސް ދުވަހު ފެނިގެން ގޮސްފައިވަނީ މި ވިސްނުމުގައި މަސައްކަތް ނުކުރާ ބަޔަކު އަޅުގަނޑުމެންނަށް ކުރަމުން ދިޔަ އުނދަގޫތައް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކަށް ބަޖެޓު ފާސް ކުރުން ކަމުގައިވިއަސް އަދި މުޅި ރާއްޖޭގެ ތަރައްޤީގެ މަސައްކަތް ކަމުގައިވިއަސް ގުޅިގެން މަސައްކަތް ކުރާނެ ބަޔަކު ކުރިއަށްއޮތް މަޖިލީހަށް ހޮވުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި ތަރައްޤީއަށް ހުރަސްއަޅާ ބަޔަކު ކުރިއަށްއޮތް 5 އަހަރަށް ހޮވަންވީ ތޯ ރައްޔިތުން ސުވާލު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލް މިއަދު މަޖިލީހުގެ ތަޅުމުން ބަލައިނުގަނެ ބޭރުކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އެ ބިލަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އަދި އެއީ ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް މުހިންމު ބިލެއް ކަމަށް ސަރުކާރުން ވަނީ ފާހަގަ ކޮށްފައެވެ.