ޚަބަރު

ޗައިނާ ސަފީރަކަށް ފަޟީލް، ބަންގްލަދޭޝް ސަފީރަކަށް ޝިއުނީން


  • ދެ ބޭފުޅުންގެ ނަންފުޅު ދިރާސާކުރުމަށް ވަނީ ކޮމިޓީއަށް ފޮނުވާފައި

ޗައިނާއާއި ބަންގްލަދޭޝަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަަމަށް އައްުޔަންކުރައްވާ ބޭފުޅުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ދިިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ މ. ފަށަލަ، ޑރ. ފަޟީލް ނަޖީބުގެ ނަންފުޅެވެ. އަދި ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދުގެ ނަންފުޅެެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ޑރ. ފަޟީލް ނަޖީބަކީ 1984 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޓްރޭޑް މިނިސްޓްރީގައި އެކި ފެންވަރުގެ މަޤާމުތައް އަދާކުރެއްވުމަށްފަހު، މޯލްޑިވްސް މަނިތަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ފޮނުއްވެވި ޝިއުނީން ރަޝީދަކީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ދިވެހިރާއްޖެއިން ޗައިނާއާއި ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރުކަަމަށް އައްުޔަންކުރެއްވުމަށް މަޖިލީހަށް ފޮނުއްވެވި ނަންފުޅުތައް ވަނީ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.