ޚަބަރު

އަމިއްލަ ސަރަހައްދު ހިމާޔަތްކުރުމަކީ ބޭރު ބަޔަކާއި ހަވާލުކުރެވޭނެ މަސައްކަތެއް ނޫން: ޣައްސާން


  • ސިޔާދަތީ ގުޅުން ވަރުގަދަވިޔަސް ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ޖެހޭނީ އަމިއްލައަށް

  • އަސްކަރީ ޙަރަދު ކުޑަކުރަން މަޝްވަރާ ނާރުވާނެ

ރާއްޖެއާއި އެހެން ގައުމުތަކާއެކު އޮންނަ ގުޅުންތައް ބަދަހިނަމަވެސް، މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުންފަދަ މަސައްކަތްތަކަކީ އެހެން ބަޔަކާއި ހަވާލުނުކޮށް އަމިއްލައަށް ކުރަންޖެހޭ މަސައްކަތްތަކެއްކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދިފާޢީ ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރުންނާއި ސުވާލުކުރުމަށް މަޖިލީހުގައި ޖަލްސާގައި ލިބޭ ފުރުސަތުގެ ތެރެއިން ހެންވޭރު ހުޅަނގު ދައިރާގެ މެންބަރު ހަސަން ލަތީފް، ޑިފެންސް މިިނިސްޓަރ ޣައްސާން މައުމޫނަށް ދެންނެވި ސުވާލުގައި އެއްސެވީ ދިވެހި ދައުލަތުން ހަރަދުނުކޮށް، ބޭރު ޤައުމަކުން ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތްކުރުމާއި ގުޅޭގޮތުންނެވެ. އެގޮތުން ޤައުމުތަކާއެކު އޮންނަ ގުޅުންތައް ވަރުގަދަކޮށްގެން އެކަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުއްވުމުގެ ވިސްނުމެއް ޑިފެންސް މިނިސްޓަރ ގެންގުޅުއްވާތޯ ހަސަން ލަތީފު އެއްސެވިއެވެ.

ހަސަން ލަތީފްގެ ސުވާލަށް ޖަވާބު ދެއްވަމުން ދިފާޢީ ވަޒީރު ވިދާޅުވީ، އެމަނިކުފާނު އެ މަޤާމުގައި ދެމިހުންނެވިހާ ހިނދަކު ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ބޭރު ބަަޔަކާއި ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ނުދެއްވާނެކަމަށެވެ.

ދިފާޢީ ވަޒީރު ވިދާޅުވީ ގައުމުގެ ބައެއް ކަންކަމަކީ އިތުރު ބަޔަކާއި ހަވާލުނުކޮށް އަމިއްލައަށް ކުރަންޖެހޭ މަސައްކަތްތަކެއްކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ބެލެހެއްޓުމުގެ މަސައްކަތް ކުރަން ޖެހޭނީ ދިވެހި ސިފައިންކަމަށްވެސް ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ވަރަށް ވަޠަނީ ވިސްނުމެއްގެ މީހެއް ދިވެހިންނަށް ކުރެވޭ ކޮންމެ ކަމެއް ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވެ ދިވެހިން ކުރަންޖެހޭނެ ކަމަށް އަޅުގަނޑުގެ ހިތުގެ އަޑިން ޤަބޫލު ކުރަން. އެހެން ކަމުން އަޅުގަނޑު ދެކެނީ ދިވެހި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބަލަހައްޓަން ޖެހޭނީ ދިވެހި ރާއްޖޭގެ ދިފާޢީ ބާރުގެ ޤާބިލީއްޔަތު އިތުރުކޮށްގެން ކަމަށްވާތީ އަޅުގަނޑެއް އެ މަޝްވަރާ ރައީސުލްޖުމުހޫރިއްޔާއަށް އަޅުގަނޑު މި ވަޒީފާގައި ދެމި ހުރިހާ ދުވަހަކު ނުދޭނަން." ދިފާޢީ ވަޒީރު ޢައްސާން ވިދާޅުވިއެވެ.

ދިފާއީ ވަޒީރުގެ އެ ޖަވާބާއި ގުޅިގެން ވަކި ޤައުމެއްގެ ނަން ވިދާޅުނުވެ، މެމްބަރު ހަސަން ލަތީފު ވަނީ ގައުމަކާއެކު އޮންނަ ގުޅުން ރަނގަޅުވެއްޖެނަމަ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުން ބޭރު ބަޔަކާއި ހަވާލުކޮށްފާނެތޯ އައްސަވާފައެވެ.

މެމްބަރުގެ ސުވާލާއި ގުޅިގެން ދިފާއީ ވަޒީރު ވިދާޅުވީ ރާއްޖެއަކީ ހުރިހާ ޤައުމަކާއިވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ ޤައުމެއްކަމަށާއި، އެއްވެސް ޤައުމަކާމެދު ރާއްޖެއިން ދުޝްމިންކަމެއް ނުގެންގުޅޭކަމަަށެވެ.

ނަމަވެސް ކިތަންމެ ގާތްގުޅުމެއް ބަޔަކާއެކު އޮތަސް، ރާއްޖޭގެ ސަލާމާތާއި އިސްތިޤުލާލް ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅެންޖެހޭނީ ދިވެހިންކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުކަމަށްވެސް ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބޭރު ބަަޔަކާއި ހަވާލުކުރުމާއި ގުޅޭގޮތުން މަޖިލީހުގައި ދިފާޢީ ވަޒީރަށް ސުވާލު އަމާޒުވެފައި މިވަނީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯންތަކެއް އެމްއެންޑީއެފްއިން ބޭނުންކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިއީ ހަރަދު ބޮޑު މަސައްކަތެއްކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރިނަމަވެސް ސަރުކާރުން ވިދާޅުވީ އެ މަސައްކަތުގައި ބޭނުންކުރާ ގިނަ އާލާތްތަކަކީ ތުރުކީ ސަރުކާރުން ފޯރުކޮށްދެއްވި ހިލޭ އެހީކަމަށެވެ.