ޚަބަރު

ސިޔާސީ ބޭނުމަށް ދައުލަތުގެ ސިއްރުތައް ހާމަކުރުން ހުއްޓުވުމަށް ޤާނޫނެއް އެކުލަވަން ޖެހޭ: ޣައްސާން


  • ދައުލަތުގެ އެކިވަރުގެ ސިއްރު ހިފެހެއްޓޭ ނިޒާމެއް ކަށަވަރު ކުރެވޭނެ

  • ދައުލަތުގެ ސިއްރު ހާމަކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ޖެހޭ

  • ސިއްރު ހިފެހެއްޓުމުގެ މަސްއޫލިއްޔަތު ޒިންމާދާރު ފަރާތްތަކާ ހަވާލުކުރަން ޖެހޭ

ސިޔާސީ ބޭނުމަށް ދައުލަތުގެ ސިއްރުތައް ހާމަކުރުން ހުއްޓުވުމަށް ޤާނޫނެއް އެކުލަވައިލަން ޖެހޭ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.


ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ، ދައުލަތުގެ ސިއްރު ހިފެހެއްޓުމާ ބެހޭ ޤާނުނެއް އެކުލަވައިލަން ޖެހޭ ކަމަށް ގަބޫލުކުރައްވާކަމަށެވެ. އެ ޤާނޫނު އެކުލަވާލަން ޖެހޭނީ ކްލެސިފިކޭޝަން ލެވެލްތަކެއް ހިމަނައިގެން ދައުލަތުގެ އެކިވަރުގެ ސިއްރު ހިފެހެއްޓޭ ނިޒާމެއް ކަށަވަރު ކުރެވޭ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ނިޒާމުގެ ތެރެއިން ސިއްރު ހާމަކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ ސިއްރު ހިފެހެއްޓުމުގެ މަސްއޫލިއްޔަތު ޒިންމާދާރު ފަރާތްތަކާ ހަވާލުކުރަން ޖެހޭކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

އެފަދަ ނިޒާމެއް ކަށަވަރުކުރުމަށް މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ލިބޭ ފުރުސަތުތަކުގައި މަޝްވަރާ ކުރައްވަމުންގެންދަވާކަން ވެސް ޣައްސާން ފާހަގަކުރެއްވިއެވެ.

"މި ނިޒާމު އެކުލަވާލެއްވިޖެކަމުގައިވަންޏާ އެފަދަ މައުލޫމާތުތައް ވަގުތުން ވަގުތަށް ރައްޔިތުންގެ މަޖިލިސް، މާނައަކީ ރައްޔިތުންނާ ސަރުކާރާ އަބަދުވެސް ހިއްސާކުރެވިގެން މަޝްވަރާކުރެވިގެން ގެންދެވޭނެ. އެއީ އެއްވެސް ސިޔާސީ ބޭނުމެއްގައި އެކަހަލަ މައުލޫމާތު ހާމަކުރުން ހުއްޓުވުމަށްޓަކައި. ދިވެހި ދައުލަތަކީ ހުރިހާ ރައްޔިތުންގެ ދައުލަތެއް. މި ދައުލަތް ހިންގަން މި އިއްޒަތްތެރި މަޖިލީހާއި ސަރުކާރާ ގުޅިގެން މަޝްވަރާކޮށްގެން ކުރިއަށްގެންދަންޖެހޭ ބައިވަރުކަންކަން ހުންނާނެ،" ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ދައުލަތުގެ އެކިވަރުގެ ސިއްރުތައް މިފަދަ ނިޒާމެއްގެ ތެރެއިން ހާސިލް ކުރުމަކީ މަޖިލީހާއި ރައްޔިތުން އަދި ސަރުކާރުގެވެސް ޒިންމާއެއް ކަމަށެވެ. މިކަން ކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި އެފަދަ ޤާނޫނެއް އައުމުން މިހާރަށްވުރެ ހާމަކަންބޮޑުކޮށް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

އެފަދަ ޤާނޫނެއް އައުމުން ކޮންމެ ސަރުކާރެއް އޮތްކަމުގައިވީނަމަވެސް މަޖިލީހާއެކު އެ ސަރުކާރަކަށް މަސައްކަތް ކުރެވޭނެ ކަމަށްވެސް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.