ޚަބަރު

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ: ރައީސް


  • އެމްޑީޕީގެ މެޖޯރިޓީ އޮވެ ނުކޮށްދެވުނު ކަމެއް 20 ވަނަ މަޖިލީހުންވެސް ނުކޮށްދޭނެކަމަށް ވިދާޅުވި

  • އެމްޑީޕީ ސަރުކާރުގެ މިސްރާބު ހުރީ އަޅުވެތިކަމާ ދަރަންޏާ ކޮރަޕްޝަނާ ދިމާއަށްކަން ފާހަގަކުރެއްވި

  • މަޖިލިސް އިންތިޚާބު ސަރުކާރަށް ބޭނުންވަނީ ވަޢުދުތައް ފުއްދުމަށްކަމަށްވެސް ވިދާޅުވި

މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމް.ޑީ.ޕީގެ އަތުގައި އޮވެ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއްކޮށްދިނުމުގައި އެއްވެސް އެއްބާރުލުމެއް ނުދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާއަށް ސަރުކާރު ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓްގެ ޖަގަހައެއް ހުޅުމާލޭގައި ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއީ ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް ކުރައްވާ ކެމްޕެއިންގައި ސަރުކާރާމެދު އިދިކޮޅު ފަރާތްތަކުން ދައްކާވާހަކަތަކަށް ސީދާގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްދު ދެއްވެވި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފަށްޓަވަމުންވެސް ވިދާޅުވީ، މިހާރުވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ނުވާވަރުން ކަންކަން ކޮށްދޭން ވައުދުވަމުންދާ އެމްޑީޕީ އަތުގައިކަމަށެވެ. އަދި މަޖިލިސް އިންތިޚާބާ ދިމާކޮށް ވައުދުވާ ކަންކަން މިހާރު އެމްޑީޕީން ކޮށްނުދީގެން އުޅޭ ސަބަބެއް އެއްގޮތަކަށްވެސް އެމަނިކުފާނަށް ފަހުމްވެވަޑައިނުގަންނަވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ގޯއްޗާއި ފްލެޓާއި އެތައް މަޝްރޫއުތައް ފަށްޓަވާނެކަމަށް ވިދާޅުވާއިރު ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ އެއްވެސް ކަމެއްގައި މިހާރު އޮތް މަޖިލީހުން ސަރުކާރުން އެއްބާރުލުން ނުލިބޭކަމީ ރައްޔިތުންނާމެދު އެޕާޓީން އަޅާނުލާނެކަމުގެ ހެއްކެއްކަމަށެވެ.

"މިހާރު އޮތް މަޖިލީހުން ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާ. ކުރަނީ ޖެއްސުން. އުމްރާނީ އިޤްތިޞާދީ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އަޅުގަނޑު އެކުލަވާލި ވަޒީރުންގެ މަޖިލީހަށް ރުހުންދީގެން، އެކަންވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ކޮށެއްނުދެއްވި. ދެން އެމީހުންނަށް މެޖިރިޓީ ލިބިއްޖެނަމަ ރައްޔިތުންނަށް ކުރާނެޖެއްސުމާ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ވަޢުދުވި އެތައްކަމަކަށް ހުރަސް އަޅާނެކަން ޔަޤީންވޭ. އެހެންވެ ސަރުކާރަށް މަޖިލިސް މެޖޯރިޓީ މުހިންމީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވެ އެމް.ޑީ.ޕީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ހުއްޓާލިކަމަށް ބުނެ އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ކުރީ ސަރުކާރުން ފަށާފައި ހިނގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާލާފައި ނުވާނެކަމަށާ، ހުއްޓިފައި ހުރި މަޝްރޫޢުތަކަކީ އެމްޑީޕީ ސަރުކާރު އޮތް އިރުވެސް ހުއްޓިފައި ހުރި މަޝްރޫޢުތައްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން މަސައްކަތްތައް ކުރުމުގެ ނަމުގައި މަޝްރޫއުތައް ފަށާފައިހުރީ ކޮންމެވެސް މީހަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައިކަމަށެވެ. އެއަށްފަހު މަސައްކަތްތައް ގެންގޮސްފައިވަނީ ފިނިހަކަ ސްޕީޑުގައިކަން ފާހަގަކުރެއްވިއެވެ. އެ ސްޕީޑުގައި މަސައްކަތްތައް ގެންގޮސް ވަކި ހިސާބަކުން މަޝްރޫއުތައް ހުއްޓިފައި އޮތުމަކީ މި ސަރުކާރުން މަސައްކަތް ހުއްޓާލީއޭ ބުނެވޭނެ އެއްވެސް ސަބަބެއްނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.

"120 ބިލިއަން ރުފިޔާގެ ދަރަނި ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުއްވައި، 9000 މިލިއަން ރުފިޔާގެ ބިލު ނުދައްކާ އޮތުމަކީ ޤައުމާ ދޭތެރޭ އެމްޑީޕީ ސަރުކާރުން ހެވެއް ނޭދޭކަން ފެންނަ ވަރަށް ކުޑަ މިސާލެއް، އަދި 8 ބިލިއަން ރުފިޔާގެ ފައިސާ ޗާޕްކުރި ކުރުމަކީ ޤައުމުގެ އިޤްތިސާދު މިހާ ދަށަށް ދާން ދިމާވި ސަބަބު." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ހުޅުމާލޭގައި ބޭއްވި މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ގދ. ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓް ކުރިއަށްގެންދިޔަ ކެމްޕޭން ޖަލްސާގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މި ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އިދިކޮޅު އެމްޑީޕީއަށާއި، މިހާރު އޮތް ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. މި ދެޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދައުލަތުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މާލެ ސަރަޙައްދުގައި ރައީސް ވަނީ ޑޯޓުޑޯ ހަރަކާތްތަކެއްވެސް ފަށްޓަވާފައެވެ.