ޚަބަރު

މި 5 އަހަރުތެރޭ މާލޭގައި ދިރިއުޅޭ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނަން: ރައީސް


  • ފްލެޓާއި ގޯތި ލިބުނު އެއްވެސް މީހެއްގެ ނަން އުނިވާން ބޭނުންނުވާކަން ފާހަގަކުރެއްވި

  • ބޯހިޔާވަހިކަން ކަަށަވަރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްކުރަމުންދާކަމަށް ވިދާޅުވި

ރިޔާސީ ކެމްޕޭންގެ ތެރެއިން ވަޢުދުވީގޮތަށް މާލޭގައި ދިރިއުޅޭ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ޤައުމީ މަސްލަޙަތާއި ގުޅުންހުރި މަސައްކަތްތަކަށްފަހު ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ކުރަންޖެހޭ ކަންކަންވެސް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ކެމްޕޭންގެ ތެރެއިން ވަޢުދުވެވަޑައިގަތް ފަދައިން މި 5 އަހަރުތެރޭ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ވިދާޅުވާ ވިދާޅުވުން މިރޭވެސް ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުޅުމާލޭ ފަޅުން ހިއްކާ ބިމާއި، ގުޅީފަޅާއި ގިރާވަރުފަޅުން ހިއްކާ ބިންތަކުގެ މަސައްކަތް ނިމުމާއެކު އެތަންތަނުން ގޯތި ލިބުނު މީހުންނަށް ގޯތި ދޭނެކަމަށެވެ. އަދި ގޯއްޗާއި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ލިސްޓުގައިވާ އެއްވެސް މީހެއްގެ ނަން އުނިވާން ބޭނުންނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކުރީ ސަރުކާރުން ދިންގޮތަށް އެ ދޭން ބުނި ތަނަކުން ފްލެޓާއި ގޯތިދޭނެކަމަށް އަޅުގަނޑު ވަޢުދުވީން. އެކަން މިހާރުވެސް މިދަނީ ކުރަމުން. މި 5 އަހަރުގެ ތެރޭގައި މާލޭގައި ދިރިއުޅޭ އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން އެއީ ވީ ވައުދެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތަރައްޤީގެ ނަމުގައި ނިމިދިޔަ ސަރުކާރުން ކުރިހާވެސް މަސައްކަތަކީ ރާއްޖެ އަޅުވެތިކޮށް ދަރުވާލުންކަމަށެވެ.

އެގޮތުން 120 ބިލިއަން ރުފިޔާގެ ދަރަނި އަޅުވާފައިވާކަމަށާއި، 9000 މިލިއަން ރުފިޔާގެ ބިލް ނުދައްކާހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ރަށަކަށް ބަލާލުމުންވެސް ފެނިގެންދަނީ މަސައްކަތްތައް ހުއްޓިފައިހުރި މަންޒަރުކަމަށާއި، ހުރިހާ މެޖޯރިޓީއެއް އޮވެމެ، ތަރައްޤީއާ ދިމާލަށް ކުރީ ސަރުކާރުން މިސްރާބުޖަހާފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މަޖިލިސް އިންތިޚާބާއި ދިމާކޮށް މެޖޯރިޓީ ބޭނުންވާކަމާއި، މެޖޯރިޓީ ދޭންޖެހޭކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާމެދު މިއަދު ރައްޔިތުން ވިސްނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.