ޚަބަރު

ކަރަންޓާއި ފެންބިލަށް އަރާފައިވާ ޖޫރިމަނާ ރައީސް މަޢާފްކޮށްދެއްވައިފި


  • މިއީ ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ކޮށްދެއްވާ ކަމެއް

  • ބިލުތަކަށް ނުދެއްކި ހުރި ފައިސާ ލުއިގޮތަކަށް ދެއްކޭނެ ގޮތް އިންތިޒާމްކޮށްދެއްވާނެ

ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޢާފްކޮށްދެއްވައިފިއެވެ. ޖޫރިމަނާތައް މަޢާފްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް އަންގަވާފައިވާކަމަށެވެ. އަދި ނުދެއްކި ހުރި ފައިސާ ލުއިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށްވެސް ކުންފުނިތަކަށް އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތާއެކު، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އަދި އަސާސީ ކަންކަމަށް އިސްކަންދެއްވައިގެން އެ މަސައްކަތްތައް ކުރިއަށް ގެންދަވަމުންނެވެ. އަދި މި ރަމަޟާންމަހު ރައްޔިތުންނަށް ވީހާވެސް ލުއިވާނެ ސިޔާސަތުތައް ދަނީ ތަންފީޒްކުރައްވަމުންނެވެ.

އެގޮތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ރައްޔިތުންނަށް ދިނުމުގެ ގޮތުންނެވެ. މީގެ އިތުރުން މިރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް ކާޑު ބާވަތްތައް ދިނުމަށް ނިންމަވާ ކާޑު ބެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، ކޮންމެ ރަމަޟާންމަހަކީވެސް ގިނަ ގޭބީސީތަކުގައި ޢާންމުކޮށް ބޭނުންކުރާ ކަރަންޓާއި ފެން ބިލް ބޮޑުވާ މަހެކެވެ. ނަމަވެސް މިފަހަރު ފެންބިލާއި ކަރަންޓު ބިލު އިތުރަށް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ.