ކުޅިވަރު

ވެޓެރަންސް ލީގު: ފަސޭހަކަމާއެކު ވިލިމާލެ ބަލިކޮށް ޕޮލިހަށް ފުރަތަމަ މޮޅު


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި ފަސޭހަކަމާއެކު ވިލިމާލެ ޔުނައިޓެޑް ބަލިކޮށް، ޕޮލިސް ކުލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޕޮލިސް ކުލަބުން ދެ ލަނޑު ކާމިޔާބުކުރިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޕޮލިސް ކުލަބަށް ލީޑު ނަގައިދިނީ މުޙައްމަދު ނާފިއުއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން އިއުތިމާދު އަޙްމަދު ސައީދު ވަނީ ލަނޑެއް ޖަހައި، ޕޮލިސް ކުލަބުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ޕޮލިސް ކުލަބުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ނާފިއުއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އިއުތިމާދު ވަނީ ޕޮލިސް ކުލަބުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެން މި މެޗުގައި ޕޮލިސް ކުލަބުން ކާމިޔާބުކުރި ފަހު ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ޓީމުގެ ކެޕްޓަން ހުސެއިން ޝިފާޒެވެ.

މި މެޗުން ޕޮލިސް މޮޅުވިއިރު، މިއީ މި މުބާރާތުގައި އެ ޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން ލިބުނު ފުރަތަމަ މޮޅެވެ. އަދި ވިލިމާލެ ޔުނައިޓެޑުންވެސް މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެ ޓީމު ވަނީ އެ ތިން މެޗުންވެސް ބަލިވެފައެވެ. އެއާއެކު ވިލިމާލެ ޔުނައިޓެޑް ވަނީ މުބާރާތުން ކަޓާފައެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ޕޮލިސް ކުލަބާއި ވިިލިމާލެ ޔުނައިޓެޑުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބާއި، ދިވެހި ސިފައިންގެ ކުލަބު އަދި ހުއްރިއްޔާ ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މޯލްޑިވްސް ސޮކަރ މޭޓްސް އާއި، މުއިވެޔޮ ފްރެންޑްސް އާއި، ލެގޫންސް ސްޕޯޓްސް ކުލަބު އަދި ކުލަބު ސްޓެލްކޯއެވެ.