ޚަބަރު

ރިސްކް އެލަވަންސް މިހާރަށްވުރެ ހަރުދަނާ އުޞޫލެއްގެ ތެރެއިން ދިނުމަށް މަސައްކަތްކުރާނަން: ރައީސް


  • ކުންފުނިތަކުގެ ކޯޕަރޭޓް ސިޔާސަތުގެ ތެރެއިން ރިސްކް އެލަވަންސް ހަމަޖެހެންވާނެކަން ފާހަގަކުރެއްވި

  • ބުރަ މަސައްކަތްކުރާ މުވައްޒަފުންނަށް ރިސްކް އެލަވެންސް ދިނުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވި

ހައި ރިސްކް އެންވަޔަރަމެންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ ރިސްކް އެލަވެންސް މިހާރަށްވުރެ ރަނގަޅަށް ދިނުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން މއ. ސްނޯލައިޓް އާމިނަތު ނަތާޝާ ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ނަތާޝާ ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ބުރަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ރިސްކް އެލަވެންސް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ރައީސްއާއި ހިއްސާކުރައްވާ، އެކަމަށް ކޮށްދެވޭނެ މަސައްކަތަކީ ކޮބާތޯ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އެކި ކަހަލަ މަސައްކަތްކުރާ ކުންފުނިތައް ހިމެނޭކަމަށެވެ. އަދި އެ ކުރާ މަސައްކަތެއްގައި ރިސްކް ހިމެނޭކަމަށްވާނަމަ އެ ކުންފުންޏެއްގެ ކޯރޕަރޭޓް ސިޔާސަތުތަކުގެ ތެރެއިން އެކަން ހަމަޖެހިގެންދާންޖެހޭނެކަމަށެވެ.

މިސާލެއްގެ ގޮތުގައި އެމް.ޓީ.ސީ.ސީ ނަންގަވަމުން ރައީސް ވިދާޅުވީ، އެމް.ޓީ.ސީ.ސީ ފަދަ ބަނދަރު ހެދުމާއި ހެވީ މަސައްކަތް ކުރާ ފަރާތްތަކާއި، އައުޓް ޑޯ، ރިސްކީ އެންވަޔަރަމަންޓެއް ނުވަތަ ނުރައްކާތެރި މާހައުލެއްގައި މަސައްކަތްކުރަން ނުޖެހޭ ކުންފުންޏެއްގެ މުވައްޒަފުން ތަފާތުވާނެކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ މާ ޝާމިލްކަން ބޮޑު ގޮތެއްގައި ވީހާވެސް ގިނަ ފަރާތްތަކަކަށް ރިސްކް އެލަވެންސް ތަޢާރަފް ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

"އަޅުގަނޑުމެން ބަލާނަން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި މިހާރަށް ވުރެ ރަނގަޅަށް ވީހާވެސް ގިނަ ފަރާތްތަކަކަށް، ހައި ރިސްކް އެންވަޔަރަމެންޓެއްގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭ ކުންފުނިތަކުގައި މިހާރަށް ވުރެ މާ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކް އެލަވެންސް ތަޢާރަފްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން." ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެމް.ޓީ.ސީ.ސީ، އެމް.އޭ.ސީ.އެލް، އެމް.ޕީ.އެލް، އަދި ވެމްކޯ ފަދަ ކުންފުނިތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ އެހެން ކުންފުނިތަކުގެ މުވައްޒަފުންނާއި އަޅާ ބަލާއިރު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ، އަދި ބުރަ މަސައްކަތްތަކެއްވެސް ކުރަންޖެހޭ ބައެކެވެ. އެހެންނަމަވެސް ބައެއް ކުންފުނިތަކުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ރިސްކް އެލަވަންސް ދެމުންނުދާތީ، އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.