ޚަބަރު

ރައީސްގެ މެނިފެސްޓޯ ތަންފީޒްކުރުމަށް މަޖިލީހުގެ އަޣްލަބިއްޔަތު މުހިންމު: ނައިބު ރައީސް


  • ރައީސްގެ މެނިފެސްޓޯ ތައްޔާރުކުރައްވާފައި ރައްޔިތުންގެ އަޑުއައްސަވައިގެން

  • ކުރީގެ މަޖިލީހުން މެޖޯރިޓީ ދިނުމުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވުނުތޯ ސުވާލު އުފެއްދެވި

  • ރައީސް ޑރ. މުޢިއްޒަކީ ޚިދުމަތްތަކާއިގެން ހެޔޮނިޔަތުގައި ވަޑައިގަތް ވެރިއެއް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ހެޔޮ ނިޔަތަކާއެކުކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ މެނިފެސްޓޯގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ސަރުކާރަށް ވަރަށް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

މެދު ހެންވޭރު ދައިރާގައި ވެރިކަން ކުރާ ޕީއެންސީން ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ޙުސައިން މުހައްމަދު ލަޠީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއަކީ ރައްޔިތުންގެ އަޑު އައްސަވައި ތައްޔާރުކޮށްފައިވާ މެނިފެސްޓޯއެއްކަން ފާހަގަ ކުރައްވާފައެވެ. އެ މެނިފެސްޓޯގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު މަޝްރޫޢުތައް ހިމެނޭކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެ ސިޔާސަތުތައް ތަންފީޒްކޮށް ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް މުހިންމުކަމަށް ވިދާޅުވެފައެވެ.

"ހަމަ އެ ރައްޔިތުންގެ އެމަނިކުފާނު އަޑުއެއްސެވުމަށް ފަހުގައި އެ މެނިފެސްޓޯގައި އެކަންކަން ތަރުތީބު ކުރެވިފައި ވަނީ. އެހެންކަމުން އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކުރިއަށް މިއޮތް މަޖިލީސް އިންތިހާބަކީ ސަރުކާރަށް ވަރަށްވެސް މުހިންމު އިންތިހާބަކަށް ވެގެން މިދަނީ." ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް ވަނީ ނިމިދިޔަ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނުމުން ރައްޔިތުން ހުށަހެޅުއްވި ކަންކަން ރައްޔިތުންނާއި ހަމައަށް އެސަރުކާރަށް ގެނެސްދެވުނީ ކިހާވަރަކަށްތޯ ރައްޔިތުން އަމިއްލަ ނަފްސާއި ސުވާލު އުފައްދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"ބޮޑު މެޖޯރިޓީއެއް ލިބުނީމަ އެ މެޖޯރިޓީ ހެޔޮގޮތުގައި ރައްޔިތުންނަށްޓަކައި، ބިމުން މައްޗަށް އުފުލާލެވުނު ފްލެޓެއް ނެތޭ. ހައުސިން ޕްރޮޖެކްޓެއް ނެތޭ. ހިއްކާލެވުނު ބިމެއް ނެތޭ. އެހެންކަމުން ޚިދުމަތަކީ ރައްޔިތުންނަށް ކޮށްދިނީމަ ކުރެވޭ އެއްޗެއްކަން މިދިޔަ ކުޑަ ދުވަސްކޮޅުގެތެރޭގައި މާޒީގައި ތިބޭފުޅުންނަށްވާނީ ތަޖުރިބާ ކުރެވިފައި." ނައިބް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުއަކީ ޚިދުމަތްތަކާއިގެން ހެޔޮ ނިޔަތުގައި ވަޑައިގަތް ވެރިއެއް ކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވާ އެމަނިކުފާނު ވަނީ، ރައްޔިތުން ބޭނުންވާ ކަންކަން ރައީސް ހާސިލްކޮށްދެއްވާނެކަމަށެވެ.

އަންނަ މަހު 21 ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިބާހުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން 89 ކެނޑިޑޭޓުން ވާދަކުރެއެވެ.